ބޮޑުތަކުރުފާނު މަގު މަރާމާތުކޮށް ނިމުމާއެކު ބަހުގެ ޚިދުމަތް ކުރިއެކޭ އެއްގޮތަށް އަލުން ފަށައިފި

އެމްޓީސީސީ ބަހެއް މާލޭގެ މަގެއްގެ މަތިން ދަތުރުކުރަނީ.... ފޮޓޯ/ ވޮއިސް

މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް މަރާމާތުކުރުމުގެ މަސައްކަތް ނިމުމާ ގުޅިގެން، އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ކުރިއެކޭ އެއްގޮތަށް އާންމު ހާލަތަށް ގެނެސް، ބަސް ދަތުރުތައް ވެސް މިއަދު ފަށައިފިއެވެ.

މި މަސައްކަތް ނިމުމާއެކު އާރް.ޓީ.އެލް ބަހުގެ ޚިދުމަތަށް ގެނެވުނު ވަގުތީ ބަދަލުތައް އުވާލައި، ކުރިން ދަތުރުކުރި ރޫޓުތަކަށް ބަސްތައް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

އެމް.ޓީ.ސީ.ސީ އިން ހާމަކޮށްފައިވާ ގޮތުގައި، އާރް.ޓީ.އެލް މާލޭ ބަހުގެ ޚިދުމަތުގައި ހިމެނޭ R10 (އޯކިޑް ރޫޓު) އަދި R12 (ސޯސަން ރޫޓު) ގެ ދަތުރުތައް ދެން ކުރިއަށްދާނީ ބޮޑުތަކުރުފާނު މަގުންނެވެ. މި ދެ ރޫޓުގެ ބަސްތައް ކުރީގެ ތާވަލާ އެއްގޮތަށް ބޮޑުތަކުރުފާނު މަގުން ދަތުރުކުރަން ފަށާނީ މިއަދުން ފެށިގެން ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މި ބަދަލާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

ބަސް ދަތުރުތަކަށް އަލުން ހުޅުވާލިކަން އަންގައި އެމްޓީސީސީއިން ނެރުނު އެންގުން...

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ސެގްމެންޓް ދެއަކުން ފެށިގެން ފަހަކާ ހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތް ނިމިފައިވާތީ، އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލީ ހުކުރު ދުވަހުގެ ހަވީރުއެވެ.

މަގު ހުޅުވާލުމާއެކު، ކަނޑައެޅިފައިވާ ޕާކިން ޒޯންތައް ފިޔަވައި އެހެން ތަންތަނުގައި އުޅަނދުތައް ޕާކް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އަޅަމުން ދާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

https://sun.mv/225079

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ވަނީ ތަރައްގީކޮށްފައެވެ. މީގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑް ކުރުމާއި، ފެން ހިންދާ ޒަމާނީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ފުރިހަމަކޮށްފައެވެ. މި ބަދަލުތަކާއެކު މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބި، ދަތުރުވެރިންނަށް ބޮޑުތަކުރުފާނު މަގުން ދަތުރުކުރުމުގައި މިހާރު އެއްވެސް ހުރަހެއް ނެތްކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

comment ކޮމެންޓް