މަޖިލީހުގައި ތިބީ އިލްމީ ގާބިލު މެންބަރުން, ކުރަން ވާނީ އިލްމީ ބަހުސް: ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް: އޭނާ ވަނީ މެންބަރުން ބިލާ ގުޅޭ ގޮތުން ބަހުސްކުރަން އެދިވަޑައިގެންފައި --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ ގާބިލު މެންބަރުން ކަމަށް ވިދާޅުވެ، މަޖިލީހަށް ހުށަހަޅާ ބިލުތަކަށް މެންބަރުން ބަހުސްކުރައްވާއިރު ބިލުތަކުގައިވާ މާއްދާތަކާ ގުޅޭ ގޮތުން ބަހުސްކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް މިއަދު އެދިވަޑައިގެންފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ވަގުތު ކުރިއަށް ދަނީ ސަރުކާރު ފަރާތުން ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ހުށަހެޅުއްވި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑު މެންބަރުންގެ އަދަދު ފަހަކުން ހަތަކަށް އިތުރުކޮށް، ސީއީއޯއެއް އެ ބޯޑަށް އައްޔަންކުރުމާ ގުޅޭ ބަހުސެވެ.

އެ ބިލަށް ބަހުސްކުރައްވަމުން ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވަނީ އެމްޑީޕީގެ ދެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައި، މި ސަރުކާރުން ހާސިލުކުރި ބައެއް ކަންކަމަށް އަލިއަޅުވައިލައްވައި ތައުރީފުކުރައްވައިފައެވެ.

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ --- ފޮޓޯ: މަޖިލިސް

އައިބީގެ ވާހަކަ ވަކި ހިސާބަކަށް ދިޔަ ތަނާ ސަލީމް ވަނީ ބިލުގައިވާ މައުޟޫއަށް ބަހުސްކުރައްވަން އައިބީގެ އަރިހުން އެދިވަޑައިގެންފައެވެ.

އައިބީ ބިލަށް ބަހުސްކުރައްވައި ނިމުމުން ސަލީމް ވިދާޅުވީ ބިލުތަކާ ގުޅޭ ހަގީގީ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދެވޭނީ ބިލުތަކުގައިވާ މާއްދާތަކާ ގުޅޭ ގޮތުން އިލްމީ ބަހުސެއް ކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެންގެ މަޖިލީހުގައި ތިއްބެވި އިއްޒަތްތެރި މެންބަރުންނަކީ ވަރަށް އިލްމީ އަދި ގާބިލު ބޭފުޅުން ކަމަށް ވާތީ އެގޮތަށް ކުރިއަށް ގެންދިއުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" ސަލީމް ވިދާޅުވިއެވެ.

ސަރުކާރު ފަރާތުން މިއަދު ވަނީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑުގައި ތިއްބަވާ މެންބަރުންގެ އަދަދު ފަހަކުން ހަތަކަށް އިތުރުކުރުމާއި އެ ބޯޑަށް ސީއީއޯއެއް އައްޔަންކުރުމުގެ އިތުރުން، އެ ބޯޑުން ބައްދަލުވުންތައް ކުރިއަށް ގެންދާނެ ގޮތްތަކާ ގުޅޭ ގޮތުން ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ހުށަހަޅައިފައެވެ.

comment ކޮމެންޓް