އެއް ބިލިއަން ޑޮލަރުގެ އާމްދަނީއާ އެކު އަހަރުގެ އެންމެ ކާމިޔާބު ފިލްމަކަށް 'ޓޯއި ސްޓޯރީ 5'

ޑިޒްނީ އާއި ޕިކްސާގެ އެނިމޭޓެޑް ފިލްމު 'ޓޯއި ސްޓޯރީ 5'އަށް ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބި، މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުގެ މަގާމު ހޯދައިފިއެވެ.

މިއީ "ދަ ސުޕަ މާރިއޯ ގެލެކްސީ މޫވީ" އާއި "މައިކަލް"އަށް ފަހު، މިއަހަރު އެއް ބިލިއަން ޑޮލަރުގެ ކްލަބާ ގުޅުނު ތިންވަނަ ފިލްމެވެ. މި އެނިމޭޓެޑް ފިލްމަށް އުތުރު އެމެރިކާގެ މާކެޓުން 448 މިލިއަން ޑޮލަރު ލިބިފައިވާއިރު، ބައިނަލްއަގުވާމީ މާކެޓްތަކުން ވަނީ 573 މިލިއަން ޑޮލަރު ހޯދާފައެވެ. މިއާއެކު ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ މިހާރު ވަނީ 1.022 ބިލިއަން ޑޮލަރަށް އަރާފައެވެ.

މިއަހަރު މި ކާމިޔާބީ ހާސިލްކުރި އެހެން ފިލްމުތަކަށް ބަލާއިރު، "ދަ ސުޕަ މާރިއޯ ގެލެކްސީ މޫވީ" އާއި "މައިކަލް"އަށް ލިބިފައިވަނީ ގާތްގަނޑަކަށް 1.001 ބިލިއަން ޑޮލަރެވެ.

މީގެ އިތުރުން، ކްރިސްޓޮފާ ނޯލަންގެ "ދަ އޮޑިސީ"އަށް ސިނަމާތަކުގައި ދެއްކި ފުރަތަމަ ދެ ހަފުތާގެ ތެރޭގައި 639.6 މިލިއަން ޑޮލަރު ލިބިފައިވާއިރު، އެ ފިލްމަކީ މިއަހަރު އެއް ބިލިއަން ޑޮލަރު ހަމަކުރާނެ ހަތަރުވަނަ ފިލްމު ކަމަށް ބެލެވެއެވެ. އަދި މާދަމާ ސިނަމާތަކަށް ގެންނަ ސޮނީގެ "ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ" އަކީވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ފިލްމެއް ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

ފިލްމ "ޓޯއި ސްޓޯރީ 5"ގެ ޑައިރެކްޓަރު އެންޑްރޫ ސްޓެންޓަން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

"ޓޯއި ސްޓޯރީ 5"އަށް ލިބެމުންދާ ބޮޑު ތަރުހީބަކީ ދުނިޔޭގެ ސިނަމާތަކަށް އައިސްފައިވާ ކުރިއެރުމުގެ ހެއްކެކެވެ. ދެހާސްވިހި ވަނަ އަހަރު ކޮވިޑް-19އާ ގުޅިގެން ސިނަމާ އިންޑަސްޓްރީއަށް ކުރިމަތިވި ހީނަރުކަމަށްފަހު، މިއަހަރަކީ އެންމެ ގިނަ ފިލްމުތަކެއް އެއް ބިލިއަން ޑޮލަރުގެ އާމްދަނީ ހަމަކުރާނެ އަހަރަށް ވާނެ ކަމަށް ބެލެވެއެވެ.

މިދިޔަ ޖޫން މަހު ރިލީޒްކުރި "ޓޯއި ސްޓޯރީ 5"އަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުމާ ގުޅިގެން މިއީ މި ފްރެންޗައިސްގެ އެންމެ ކާމިޔާބު ފިލްމަށް ވަނީ ވެފައެވެ. މީގެ ކުރިން 2019 ގައި ރިލީޒްކުރި "ޓޯއި ސްޓޯރީ 4"އަށް ލިބުނީ 1.07 ބިލިއަން ޑޮލަރެވެ. މިއީ މި ސީރީޒްގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީ ހަމަކުރި ތިންވަނަ ފިލްމެވެ.

މި ފިލްމުގައި އަޑު އަޅައިދީފައިވާ މަޝްހޫރު ތަރިންގެ ތެރޭގައި ޓޮމް ހޭންކްސް، ޓިމް އެލަން އަދި ޖޯން ކިއުސެކް ހިމެނެއެވެ.

comment ކޮމެންޓް