ކްލަަބް މޯލްޑިވްސް އެއިޓީން ތާޓީ ކްލަސިކް 2026 ގެ ފައިނަލުގައި ސްޓެލްކޯ ރެކްރިއޭޝަން ކުލަބު ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ކުލަބު އެޗްޑީސީން ހޯދައިފިއެވެ.
އަންހެން ޑިވިޝަނުގެ ދެވަަނަ ފަންތީގެ މުބާރާތުގެ ޗެމްޕިއަންކަން އެޗްޑީސީން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މިއީ އެ ޓީމު ކުލަބު މޯލްޑިވްސްގެ އަންހެން މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗު އެޗްޑީސީން ކާމިޔާބުކޮށްފައިވަނީ 4-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އެޗްޑީސީންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފިރުޝާނާ ނަސީރެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ޝަހުލާ ތައުފީގު ވަނީ ސްޓެލްކޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް އެޗްޑީސީން އަލުން ލީޑު ނެގިއިރު، މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ފާތިމަތު ޝާލިޔާއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ޝާލިޔާ ޖަހައިދިން އިތުރު ލަނޑަކާއެކު އެޗްޑީސީން ލީޑު ފުޅާކުރި ނަމަވެސް، ޝަހުލާ ވަނީ އިތުރު ލަނޑެއް ޖަހައި، ސްޓެލްކޯއަށް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެޗްޑީސީގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ، ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ފިރުޝާނާއެވެ.

މުބާރާތުގެ ކްލަސިކް ކުއީންގެ މަގާމު ހޯދި ޝާލިޔާ-- ފޮޓޯ: ފޮޓޯ މާސްޓާ
މި ފަހަރުގެ އެއިޓީން ތާޓީ ކްލަސިކުގައި 9 ޓީމެއް ވާދަކުރިއިރު، މި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ޕްރިޒަން ކުލަބެވެ. އަދި ފެއާޕްލޭ ކުޅުންތެރިޔަކީ ޕްރިޒަން ކުލަބުގެ ފާތިމަތު އިނާޝާ އާދަމެވެ.
މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ކުޅިވަރާ ބެހޭ ވުޒާރާގެ އައިޝަތު މަރީޝާ ހޯދިއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ އެޗްޑީސީގެ ޝާލިޔާއެވެ.
މުބާރާތުގެ ބެސްޓް ސަޕޯޓިން ޓީމުގެ މަގާމު ހޯދީ ޗެމްޕިއަން އެޗްޑީސީންނެވެ. އަދި އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ އެ ޓީމުގެ ފަރުހާދު އިސްމާޢީލެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އެޗްޑީސީގެ އާމިނަތު ރިސާލާ އާއި، ޝާލިޔާ އާއި، ފިރުޝާނާގެ އިތުރުން ސްޓެލްކޯ ޝަހުލާ އަދި މަރިޔަމް ޒާނާ ޒަމީރެވެ. މީގެ ތެރެއިން ކްލަސިކް ކުއީންގެ މަގާމު ހޯދީ ޝާލިޔާއެވެ.

އެއިޓީން ތާޓީ ކްލަސިކުގެ އެންމެ މޮޅު ފަސް ކުޅުންތެރިން-- ފޮޓޯ: ފޮޓޯ މާސްޓާ
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަން 7 މުބާރާތެއް ހިމެނޭއިރު، 6 މުބާރާތެއްގެ ކުޅުން މިހާރު ވަނީ ނިމިފައެވެ. ދެން ބާކީ އޮތީ ސެކްޓަރ ލީގެވެ. އެ މުބާރާތުގެ ކުޅުން މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް ސަން ޕްލޭއިން ވަގުތުން ފެނިގެންދާނެއެވެ.
މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.