ތިލަފުށީގައި އެނދި ކުނިތައް ކުނބުރުދުއަށް ގެންދިއުން ބަލައެއް ނުގަނެވޭނެ: މޭޔަރު އާތިފް

ކުޅުދުއްފުށި ސިޓީ މޭޔަރު މުޙައްމަދު އާތިފް: ތިލަފުށީގައި އެނދި ކުނިތައް ކުނބުރުދުއަށް ގެންދިއުން ބަލައެއް ނުގަނެވޭނެކަމަށް މޭޔަރު ވިދާޅުވެއްޖެ -- ފޮޓޯ: ފޭސްބުކް

ކ. ތިލަފުށީގެ ވެމްކޯ ސައިޓުގައި ރޯވެ, އެނދި ކުނިތައް ހދ. ކުނބުރުދުއަށް ގެންދިއުމަށް ވެމްކޯއިން ނިންމުކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް މިރޭ ވިދާޅުވެއްޖެއެވެ.

ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އަ؛ލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތުގައެވެ. އެ އަލިފާންގަޑު ނިއްވާލެވިފައިވަނީ އެ ރޭ ފަތިހެވެ.

ވެމްކޯއިން ވަނީ، އަލިފާނުގެ ހާދިސާގެ ސަބަބުން ތިލަފުށީ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހިފައިވާކަމަށާއި އޭގެ ސަބަބުން ބައެއް ޚިދުމަތްތަކަށް ބުރޫ އަރައިފައިވާ ކަމަށް ބުނެފައެވެ

މިއަދު އެ ކުންފުނީގެ އެޗްއާރު ޖެނެރަލް މެނޭޖަރު މުޙައްމަދު ޝާން "ސަން"އަށް ވިދާޅުވީ، އެނދި ކުނިތައް ތިލަފުށިން ނަގައި ކުނބުރުދޫގެ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މާދަމާ ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ވެމްކޯގެ އެ ނިންމުމާ ގުޅޭ ގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އާތިފް ވިދާޅުވީ، ތިލަފުށީގައި އެނދި ކުނިތައް ކުނބުރުދުއަށް ގެންދިއުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވަނީ، މާލެއާ ކައިރީގައި ގުޅީފަޅާއި އުތުރު ތިލަފަޅުގެ އިތުރުން ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ފުށި ދިއްގަރުފަޅު ފަދަ ބޮޑެތި ފަޅުތައް ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކާފައި އޮތްކަން ފާހަގަކުރައްވައިފައެވެ.

''..ހދ. އަތޮޅު ފަދަ ފަޅު ރަށްތައް މަދު، އަތޮޅެއްގެ މެދުގައި އޮތް ގުދުރަތީ ރީތި ރަށަކަަށް މުޅި ގައުމުގައި އުފެދޭހާ ކުނި ޖަމާކުރުމަކީ ބަލައިގަނެވޭނޭ ކަމެއްނޫން، އަދި މި ސަރަހައްދުގެ ކުނިވެސް ޖަމާކުރަން އެންމެ ރަނގަޅު ރަށަކީ ކުނބުރުދޫ ކަމަށް ނުދެކެން،" އާތިފް ލިޔުއްވާފައިވެއެވެ.

މޭޔަރުގެ ޕޯސްޓަށް ކޮމެންޓު ކޮށްފައިވާ ހދ. އަތޮޅުގެ އެހެން ބައެއް މީހުން ވެސް ވަނީ، ކުނބުރުދޫއަށް ކުނި ގެންދިޔުމާ ދެކޮޅަށް ޚިޔާލު ފާޅުކޮށްފައެވެ.

ކުނބުރުދޫއަށް ތި ކުނިތައް އެޅުމާއި އަހަރެން ދެކޮޅު. ކުރިނބީއަކީ ކުނބުރުދުއާ 1.7 މޭލު ކައިރީގައި އޮތް މީހުން ދިރިއުޅޭ ހިތްގައިމު ރަށެއް. ކުނބުރުދުއަށް ޖަމާކުރާ ކުނީގެ ސަބަބުން މަދިރިއާއި މެހީގެ އިތުރުން ނުބައި ވަހުގެ އުނދަގޫ އުފުލާކަށް މަޑުމަޑުން ތިބެވޭކަށް ނެތް. މޭޔަރުގެ ޕޯސްޓަށް ކޮށްފައިވާ ކޮމެންޓެއް

ތިލަފުށީ ވެމްކޯ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ދުވަހުން ދުވަހަށް ދެމުން އަންނަ ޚިދުމަތްތަކަށް ހުރަސް އެޅިފައިވާ ކަމަށް ބުނެފައެވެ.

އޭގެ ސަބަބުން އެ ސައިޓުން ދެމުންދިޔަ ޚިދުމަތްތަކުގެ ތެރެއިން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ޓްރާންސްފާ ފެސިލިޓީގެ އޮޕަރޭޝަންތަކަށް އަސަރުކޮށްފައިވާކަން ވެމްކޯއިން ފާހަގަކޮށް ޓްރާންސްފާ ފެސިލިޓީން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރު ވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

https://sun.mv/225007

ނަމަވެސް ތިލަފުށީ ސައިޓް އާންމު ހާލަތަކަށް ގެނެސް ކުނި ނެގުމުގެ މަސައްކަތް ކުރިއެކޭ އެއް އުސޫލަކުން ހިންގުމަށް، މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން އޭރުވެސް ވަނީ ބުނެފައެވެ.

ވެމްކޯއިން ކުނި ބަލައިގަންނަ މިންވަރު މަދުކުރުމުން، މާލޭގައި ކުނި ގިނަވާ ކަމަށް ބުނެ، މާލޭ ސިޓީ ކައުންސިލުން ވަނީ މިއަދު ވެމްކޯއަށް ޒިޔާރަތްކޮށްފައެވެ. އަދި މައްސަލައެއް ހައްލެއް ހޯދައި ދިނުމަށް ކައުންސިލުން ވަނީ ކުންފުނީގައި އެދިފައެވެ.

މާލެ ސަރަހައްދުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން އުޅޭއިރު، މި ސަރަހައްދުން ކޮންމެ ދުވަހަކު ވެސް އެތައް ޓަނެއްގެ ކުނި ތިލަފުއްޓަށް ގެންދެއެވެ. އެގޮތުން 2022ގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ދުވާލަކަށް 1،200 ޓަނުގެ ކުނި މާލެ ސަރަހައްދުން ތިލަފުއްޓަށް ގެންދެއެވެ.

comment ކޮމެންޓް