މެޓާއިން އެ ކުންފުނީގެ މެޓާ ރޭ-ބޭން ޑިސްޕްލޭ އައިނަށް އައު ސޮފްޓްވެއާ އަޕްޑޭޓެއް ނެރެ، ސޯޝަލް މީޑިއާ ޕްލެޓްފޯމް ތްރެޑްސް ބޭނުންކުރެވޭނެ ގޮތް ހަދައިފިއެވެ.
މެޓާއިން ބުނެފައި ވަނީ މި އަޕްޑޭޓާއެކު އައިނު ބޭނުންކުރާ ފަރާތްތަކަށް ސީދާ އައިނު މެދުވެރިކޮށް ތްރެޑްސް ފީޑް ބެލުމާއި، މީޑިއާ ބެލުމާއި، ޕޯސްޓްތަކަށް އިންޓަރެކްޓްކުރުމުގެ އިތުރުން އަޑުގެ އަމުރު ނުވަތަ އަޑު ކޮމާންޑް ބޭނުންކޮށްގެން މެސެޖު ފޮނުވުންފަދަ ކަންކަން ކުރެވޭނެއެވެ.
މީގެ އިތުރުން އިންސްޓަގްރާމްގެ އައު ފީޗާއެއްކަމަށްވާ "އިންސްޓަންޓްސް" އަށް އައިނުން ނަގާ ފޮޓޯ ސީދާ ހިއްސާކުރެވޭނެ ގޮތްވެސް މި އަޕްޑޭޓުގައި ވަނީ ހިމަނާފައެވެ. އަދި އިންސްޓަގްރާމް ރީލްސް މީހުންނަށް ފޮނުވުމާއި، ކޮމެންޓްތައް ބެލުމުގެ އިތުރުން އަޑުގެ އަމުރު ބޭނުންކޮށްގެން ވަކި ބާވަތެއްގެ ރީލްސް ހޯދައިގެން ބެލުމުގެ ފުރުސަތު ވެސް މިހާރު ލިބިގެންދާނެއެވެ.
މި އަޕްޑޭޓާއެކު މެޓާ އޭއައި ސުއީޓަށް "މިއުސް ސްޕާކް" މޮޑެލްތައް އިތުރުކުރެވިފައިވާތީ، އައިނު ބޭނުންކުރާ މީހާ ބަލަމުންދާ އެއްޗެއް މެޓާ އޭއައިއަށް ސާފުކޮށް އޮޅުންފިލައި، އިތުރު އިރުޝާދުތަކާއި ސަރީޙަ ޖަވާބުތައް ފޯރުކޮށްދިނުމުގެ ގާބިލުކަން ވަނީ އިތުރުވެފައެވެ.

މި އަޕްޑޭޓާއެކު އިންސްޓަގްރާމްގެ އައު ފީޗާއެއްކަމަށްވާ "އިންސްޓަންޓްސް" އަށް އައިނުން ނަގާ ފޮޓޯ ސީދާ ހިއްސާކުރެވޭނެ ---
އަދި އެމެރިކާއާއި ކެނަޑާގައި އާލީ އެކްސެސް ޕްރޮގްރާމްގައި ބައިވެރިވެފައިވާ ފަރާތްތަކަށް މެޓާ ނިއުރަލް ބޭންޑް މެދުވެރިކޮށް އަތުން ލިޔެގެން އޭއައިއަށް އަމުރުކުރެވޭ "ނިއުރަލް ހޭންޑްރައިޓިން" ފީޗާ ވަނީ މެޓާ އޭއައިއާ ގުޅުވާލާފައެވެ. މީގެ ސަބަބުން އަޑު ބޭނުން ނުކޮށް، ތަމްބް ދެފަހަރަށް ދިނުމަށްފަހު އަތުން ލިޔެގެން ސީދާ ސުވާލުކޮށް ޖަވާބު ހޯދޭނެއެވެ.
މެޓާއިން ރޭ-ބޭންއާ ގުޅިގެން ނެރެފައިވާ ސްމާޓް އައިނަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަސީލަތްތަކާއެކު ދުވަހުން ދުވަހަށް ކުރާ މުއާމަލާތްތައް ފަސޭހަކޮށްދިނުމަށް އުފައްދާފައިވާ އުފެއްދުމެކެވެ.
މީގެ ކުރިން ވެސް މެޓާއިން ވަނީ މި އައިނަށް ފޮޓޯއާއި ވީޑިއޯ ނެގުމުގެ އިތުރުން ސީދާ އައިނުން ލައިވްސްޓްރީމް ކުރެވޭނެ ފީޗާތަކާއި، ވަގުތުން ބަސް ތަރުޖަމާކޮށްދޭ އޭއައި ވަސީލަތްތައް ތަޢާރަފުކޮށްފައެވެ.
ސޯޝަލް މީޑިއާގެ އިތުރު ފީޗާތަކާއި އައު އޭއައި މޮޑެލްތައް މި އައިނަށް އިތުރުކުރަމުން މިދަނީ ސްމާޓްފޯނަކާ ނުލައި، އެންމެ ފަހުގެ ޓެކްނޮލޮޖީގެ ބޭނުން އާންމު ދިރިއުޅުމުގައި ހިފޭނެ މިންވަރު އިތުރުކުރުމުގެ މަގުސަދުގައެވެ.