ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް ހަދައި، ގުނަވަން ބަދަލުކުރާ ބިލު ތަސްދީގުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު: ގުނަވަން ބަދަލުކުރާ ބިލު ތަސްދީގުކުރެއްވީ މިއަދު -- ފޮޓޯ: ރައީސް އޮފީސް

ގައިދީންނަށް ގުނަވަނަ ހަދިޔާ ނުކުރެވޭ ގޮތަށް ހަދައި ފާސްކުރި، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ޓްރާންސްޕްލާންޓު ކުރުމަށް ގުނަވަނެއް ވިއްކައިފި ނަމަ އަދަބު ދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ބިލެއް ފާސްކުރީ މިދިޔަ މެއި މަހުގެ 14ވަނަ ދުވަހެވެ. ނަމަވެސް އެ ބިލު ތަސްދީގުނުކުރައްވައި މިދިޔަ މެއި މަހުގެ 31ވަނަ ދުވަހު ރައީސް ބިލު އަނބުރާ ފޮނުވައިލެއްވިއެވެ.

އެ ބިލު އަނބުރާ ފޮނުވައިލެއްވި ސަބަބެއް ކަމަށް ރައީސް ވިދާޅުވީ، ބިލުގައި ގައިދީންނަށް ގުނަވަން ހަދިޔާ ކުރެވޭ ގޮތަށް އޮތުމުންނެވެ. އެ މަނިކުފާނު ވިދާޅުވީ، ގައިދީންނަކީ ފުރިހަމަ ރުހުމާއެކު ގުނަވަން ހަދިޔާކުރާނެ ބައެއް ކަމުގައި ފެނިވަޑައިނުގަންނަ ކަމަށެވެ.

https://sun.mv/223484

"ބަންދެއްގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިޚްތިޔާރާއި މިނިވަންކަން ގައިދުވެ ޚާއްސަ ހާލަތްތަކެއްގައި ތިބޭ ބައެއް ކަމުގައިވާއިރު، އެ މީހުންނަކީ ފުރިހަމަ ރުހުމާއެކު، އަދި އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއް ނެތި ގުނަވަން ހަދިޔާކުރުން ފަދަ ކަމަކަށް ރުހުން ދެވިދާނެ ބައެއް ކަމަކަށް ނުފެނެއެވެ،" އެ މަނިކުފާނު ބިލު އަނބުރާ ފޮނުވައިލެއްވިކަން ހާމަކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައިވެއެވެ.

އެހެންވެ، ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކުރުމަށް ފަހު އަލުން ފާސްކުރީ މި މަހުގެ 14ވަނަ ދުވަހެވެ. އަދި ބިލު ތަސްދީގުކުރަން ފޮނުވައިލީ އޭގެ ދެ ދުވަސް ފަހުން މި މަހުގެ 16ވަނަ ދުވަހެވެ.

https://sun.mv/224639

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބިލު ދިރާސާކޮށް ގެނައި އިސްލާހުގައި ވަނީ ގުނަވަން ހަދިޔާކުރާ މީހަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ނުވަތަ ގައިދީއަކަށް ވެގެން ނުވާނެ ކަމަށް ކަނޑައަޅައިފައެވެ.

މިއަދު ރައީސް މި ބިލު ތަސްދީގުކުރެއްވުމާއެކު، އިންސާނުންގެ ގުނުވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މިހާރު ވަނީ ގާނޫނަކަށް ވެފައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ އަންނަ ޖަނަވަރީ މަހުގެ 19ވަނަ ދުވަހުން ފެށިގެންނެވެ.

ކޮމިޓީ މަރުހަލާގައި ބިލަށް ގެނައި އަނެއް މުހިންމު ބަދަލަކީ ގާނޫނާ ޚިލާފަށް ގުނަވަން ނެގުމާއި ޓްރާންސްޕްލާންޓް ކުރުމުގެ ކުށަށް ކަނޑައަޅާފައިވާ އަދަބުތަކެވެ. ކުރިން ބިލުގައި ޤިޞާސް ހިފުމާއި ދިޔަ ނަގައިދިނުން ހިމެނި ނަމަވެސް، ކޮމިޓީ މަރުހަލާގައި އެ ބައިތައް ވަނީ އުނިކޮށްފައެވެ.

މިހާރު ކަނޑައަޅާފައިވާ އަދަބަކީ ދޮޅު ލައްކަ ރުފިޔާ އާއި 250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، އެއް އަހަރާއި ދޮޅު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އަދި މި ގާނޫނަށް އަމަލުކުރަން ފަށާތާ ދެ މަސް ދުވަހުގެ ތެރޭގައި އޯގަން ޓްރާންސްޕްލާންޓް ކައުންސިލް އުފައްދަން ޖެހޭނެ ކަމަށް ވެސް މިއަދު ތަސްދީގުކުރި ގާނޫނުގައި ވަނީ ހިމަނައިފައެވެ.

comment ކޮމެންޓް