ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނު ފިޒިކަލް ކޮށް ހާޒިރުވެ ހަދަން ޖެހޭ ގޮތަށް ބާ ކައުންސިލުން ގެނައި ބަދަލާ ގުޅިގެން، އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، ގާނޫނީ ދާއިރާއިން ކިޔަވާ ދަރިވަރުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ ފެންވަރު މަތިކޮށް ހިފެހެއްޓުމަށްޓަކައި ބާ ކައުންސިލުން އެންމެ ދަށްވެގެން ފުރިހަމަވާންޖެހޭ މިންގަނޑުތައް ބަޔާންކުރާ އުސޫލަށް ބައެއް ބަދަލުތައް ގެނެސް އާންމުކުރީ މިދިޔަ ހޯމަ ދުވަހެވެ. އޭގެ ތެރޭގައި އިމްތިހާނުތައް ފިޒިކަލްކޮށް ބޭއްވުމުގެ އިތުރުން، އެ ކޯސްތަކުގައި އިނގިރޭސި ބަހުން ކިޔަވައިދޭންޖެހޭ މިންގަނޑުތަކަށް ވެސް ބަދަލު ގެނެސްފައިވެއެވެ.
މި އައު ބަދަލުތަކަށް އަމަލުކުރަން ފަށާނީ އަންނަ އޮގަސްޓު މަހުން ފެށިގެންނެވެ.
މި ބަދަލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ޝަރީއާ އެންޑް ލޯ ކިޔަވާ ދަރިވަރުން މިހާރު އަންނަނީ އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.
ވިލާ ކޮލެޖުގައި ޝަރީއާ އެންޑް ލޯ ކިޔަވާ ދަރިވަރުން ތައްޔާރުކުރި ޕެޓިޝަންގައި ވަނީ ބައެއް ދަރިވަރުންނަކީ ފިޒިކަލްކޮށް ހާޒިރުވެ އިމްތިހާނު ހަދަން އުނދަގޫ ދަރިވަރުންތަކެއް ކަން ފާހަގަކޮށްފައެވެ. އެހެންވެ ބާ ކައުންސިލުން ގެނެސްފައި އޮތް ބަދަލު އަނބުރާ ގެންދިއުމަށް އެ ޕެޓިޝަންގައި ގޮވައިލައިފައިވެއެވެ.
ޕެޓިޝަންގައި ދަރިވަރުން ފާހަގަކޮށްފައިވާ ގޮތުގައި ފިޒިކަލް އިމްތިހާނު ހަދަން ލާޒިމްކުރުމަކީ ގިނަ ދަރިވަރުންނަށް އިންސާފެއްނޫނެވެ.
އެގޮތުން ބައެއް ދަރިވަރުންނަކީ އެ ދަރިވަރުން އަދާކުރާ ވަޒީފާގެ ސަބަބުން، ނުވަތަ އެ ދިރިއުޅޭ ރަށަކާއި އިމްތިހާނު ހަދާ ތަނާ ދެމެދު އޮންނަ ދުރުމިނުގެ ސަބަބުން ފިޒިކަލީ ހާޒިރުވެ އިމްތިހާނު ހަދަން ދަތިވާ ދަރިވަރުންކަން އެ ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.
މިހާރު ވެސް އޮންލައިންކޮށް އިމްތިހާނު ހަދާއިރު ލޮކްޑައުން ވެބް ބްރައުސަރުތަކާއި ވެބްކެމް ބޭނުންކުރުމުގެ އިތުރުން އިމްތިހާނުތަކުގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަންޖެހޭ ކަމަށް، އެ ޕެޓިޝަންގައިވެއެވެ.
ދަރިވަރުން ފާހަގަކުރާ ގޮތުގައި އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ވެސް އޮންލައިންކޮށް އިމްތިހާނުތައް ބާއްވައެވެ.
އެހެންވެ، ބާ ކައުންސިލުގެ ނިންމުން މުރާޖައާކޮށް ހުރިހާ ދަރިވަރުންނަށް އިންސާފުވެރި ގޮތަކަށް މިކަން ނިންމައިދިނުމަށް އެދި ދަރިވަރުންގެ ޕެޓިޝަންގައި ވަނީ ގޮވައިލައިފައެވެ.
މިހާރު ވެސް މި ޕެޓިޝަނަށް 100 އަށް ވުރެ ގިނަ ސޮއި ލިބިފައިވެއެވެ.
ނަމަވެސް ރާއްޖޭގައި ގާނޫނީ ދާއިރާގެ ކޯސްތައް ހިންގުމުގެ ހުއްދަ ދިނުމާއި، ވަކީލުކަމުގެ ހުއްދަ ދިނުމަށް ބޭނުންވާ މަތީ ތައުލީމުގެ އެންމެ ދަށް މިންގަނޑުތައް ކަނޑައެޅުމުގެ އިޚުތިޔާރު އޮންނަ ބާ ކައުންސިލުން އުސޫލަށް ގެނައި ބަދަލުތައް އާންމުކުރުމަށް ފަހު ބުނީ، މި ބަދަލުތަކަކީ ގާނޫނީ ތައުލީމުގެ ފެންވަރު ރަނގަޅުކޮށް، ވަކީލުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.