އާތިފްގެ އާ އަލްބަމެއް 18 އަހަރު ފަހުން ރިލީޒްކުރަނީ

ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އާތިފް އަސްލަމް--ފޮޓޯ/ޒޫމް

ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމްގެ އާ އަލްބަމެއް 18 ވަރަކަށް އަހަރުފަހުން ރިލީޒްކުރަން ނިންމިކަން އިއުލާނުކޮށްފިއެވެ.

'ސުބާ އާއޭ ނާ'ގެ ނަމުގައި ރިލީޒްކުރާ އާތިފްގެ މި އަލްބަމަކީ ލަވަކިޔުންތެރިޔާގެ ހަތަރު ވަނަ ސްޓޫޑިއޯ އަލްބަމެވެ. މި އަލްބަމާ އެކު އާތިފުގެ މިއުޒިކީ ކެރިއަރުގެ އާ ބާބެއް ފަށަން ތައްޔާރުވެފައިވާއިރު އާ އަލްބަމްގައި ހިމެނޭނީ މުޅި އެކު 8 ލަވައެވެ. މި ލަވަތަކުގެ ލިސްޓެއް ވެސް އާތިފް ވަނީ އާއްމުންނާ ހިއްސާކޮށްފައެވެ.

މި އަލްބަމް ރިލީޒްކުރާނެ ވަކި ތާރީހެއް އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ. ޕާކިސްތާނުގެ އެންމެ ކާމިޔާބު މިއުޒިކީ ފަންނާނުންގެތެރޭ ހިމެނޭ އާތިފް އަކީ، ދުނިޔޭގެ އެތައް ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ލަވަކިޔުންތެރިއެކެވެ.

ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަށް ލަވަކިޔައިދީފައިވާ އާތިފްއަށް ތަރުހީބުކުރާ އެތައް ބަޔަކު އިންޑިއާގައި ތިބިކަން ވެސް ފާހަގަކޮށްލެވޭއިރު، އާތިފް ބޮލީވުޑްގެ ފިލްމުތަކަށް ކިޔައިދީފައިވާ ލަވަތަކަކީ މިއަދާ ހަމައަށްވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ލަވަތަކެކެވެ.

އާތިފްގެ އާ މިއުޒިކް އަލްބަމް 'ސުބާ އާއޭ ނާ'ގެ ޕޯސްޓަރެއް--ފޮޓޯ/ޕިންކްވިލާ

އާތިފް އަސްލަމް އެންމެ ފަހުން ނެރުނު އަލްބަމަކީ 2004ގައި ގެނެސްދިން "ޖަލް ޕަރީ"އެވެ. އާތިފްގެ ފާހަގަކޮށްލެވޭ އެހެން އަލްބަމްތަކުގެތެރޭ 2008 ވަނަ އަހަރު ރިލީޒްކުރި "މޭރީ ކަހާނީ" އަދި 2006 ވަނަ އަހަރު ރިލީޒްކުރި "ދޫރީ" ހިމެނެއެވެ.

އާތިފްގެ ފާހަގަކޮށްލެވޭ ބޮލީވުޑްގެ ލަވަތަކުގެތެރޭ، "އާދަތު"، "ބީގީ ޔާދޭ" " ވޯ ލަމްހޭ"، "ޕެހެލީ ނަޒަރު މޭ"އަދި "ވޯ ލަމްހޭ" ފަދަ ލަވަތައް ހިމެނެއެވެ.

ޕްލޭބެކް މިއުޒިކްގެ އިތުރުން އާތިފް ވަނީ ބައިނަލް އަޤްވާމީ މިއުޒިކް އުފެއްދުންތެރިންނާ އެކު ވެސް މަސައްކަތްކޮށްފައެވެ.

comment ކޮމެންޓް