ސަބްސިޑީ ބަޖެޓު ހުސްވެ، އިތުރަށް 200 މިލިއަން ރުފިޔާ ޚަރަދުކޮށްފި

އެސްޓީއޯ ކާޑު ގުދަނަށް ކާޑުގެ ބާވަތް ގުދަން ކުރަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އަހަރު ދެބައިވެ ހަތްވަނަ މަސް ނިމެން ދާއިރު، ސަބްސިޑީގެ ގޮތުގައި ކަނޑައެޅި ބަޖެޓު ހުސްވެ، އިތުރަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަބްސިޑީގެ ގޮތުގައި މި އަހަރު 3.13 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއީ މި އަހަރުގެ ބަޖެޓުގައި ސަބްސިޑީތަކަށް ކަނޑައެޅި 2.89 ބިލިއަން ރުފިޔާއަށް ވުރެ 240 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

https://sun.mv/224482

ބަޖެޓު ކުރި ވަރަށް ވުރެ ޚަރަދުތައް އިތުރުވީ އީރާނު ހަނގުރާމައާ ގުޅިގެން ތެލަށާއި ކަރަންޓު ސަބްސިޑީއަށް ކުރަން ޖެހުނު ޚަރަދު އަންދާޒާއަށް ވުރެ މަތިވުމުންނެވެ. ނަމަވެސް މިނިސްޓްރީގެ ތަފާސްހިސާބުތަކުގައި ވަކިވަކި ސަބްސިޑީތަކަށް ހިނގި ޚަރަދުތައް ތަފުސީލުކޮށްފައި ނުވާތީ ކޮންމެ ދާއިރާއަކަށް އުނިވި މިންވަރު ސާފެއް ނޫނެވެ.

މިއީ މިފަހުގެ އަހަރުތަކުގައި ތަކުރާރުވަމުންދާ އާންމު މައްސަލައަކަށް ވާއިރު، ބަޖެޓުގެ އެހެން ދާއިރާތަކުން ފައިސާ އުނިކޮށް ސަބްސިޑީއަށް ޚަރަދުކުރަން މަޖުބޫރު ވަނީ ސަބްސިޑީގެ އިސްރާފު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރުތައް ނުކުޅެދުމުންނެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުންނާއި މިހާރުގެ ސަރުކާރުން ވެސް ސަބްސިޑީތައް ހަމައެކަނި ބޭނުންޖެހިފައިވާ މީހުންނަށް އަމާޒުކޮށްގެން ދޭ ގޮތަށް ބަޖެޓުގައި ހިމެނި ނަމަވެސް، އެ ފިޔަވަޅު އަޅާފައެއް ނުވެއެވެ.

https://sun.mv/224430

މި ސަރުކާރުން ވެސް ސަބްސިޑީ ޓާގެޓުކުރުމާއި އާސަންދަ ރިފޯމްކޮށްގެން ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރަން ބަޖެޓުގައި ހިމެނުމަށް ފަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަހަރުގެ ކުރީކޮޅު އެ ރިފޯމުތައް ތަންފީޒު ނުކުރަން ނިންމެވިކަން އިއުލާންކުރައްވާފައެވެ.

ދައުލަތަށް ބުރަ ބޮޑު ނިޒާމެއް ކަމަށްވާ ސަބްސިޑީއަށް ކުރާ ޚަރަދު ކުޑަކޮށް، ކޮންމެހެން ބޭނުންވާ މީހުންނަށް އެފަދަ އެހީ ދިނުމަށް، ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާގެ ގައުމުތަކަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން މިފަހުން ވެސް ވަނީ ލަފާ ދީފައެވެ.

comment ކޮމެންޓް