ހިތްދަތިވާ ވަގުތުތަކުގައި ތަސައްލީއަކަށް ވާނެ ކަމުގެ އުއްމީދާއެކު، ނިއުމާގެ 'ސަސްޕެންޝަން' ޅެން ފޮތް ނެރެފި

"ސަސްޕެންޝަން" ފޮތް ނެރުމަށް ރޭ ގައުމީ ކުތުބުޚާނާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ދިރިއުޅުމުގައި ކުރިމަތިލާން ޖެހޭ ފުން އިޙްސާސްތަކާއި ތަފާތު ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް، ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަދި ލީޑް އިންސްޓްރަކްޝަނަލް ޑިޒައިނަރު ނިޢުމާ މުހައްމަދު، އިނގިރޭސި ބަހުން ލިޔުއްވާފައިވާ ޅެން ފޮތް "ސަސްޕެންޝަން" ރޭ ރަސްމީކޮށް ނެރެފިއެވެ.

"ސަސްޕެންޝަން" ފޮތް ނެރެފައިވަނީ ރޭ ގައުމީ ކުތުބުޚާނާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިޢުމާ ވިދާޅުވީ، ދުލުން ބަޔާންކުރަން ދަތި ޝުޢޫރުތައް ހާމަކޮށްދިނުމުގެ ޚާއްޞަ ބާރެއް ޅެންވެރިކަމަށް ލިބިގެންވާ ކަމަށެވެ. އަދި މި ފޮތް ލިޔުއްވުމުގައި މަސައްކަތް ކުރައްވާފައިވަނީ ގިނަ ބައެއްގެ ހިތުގެ އެންމެ ފުންމިނުގައި ވަޅުލެވިފައިވާ އިޙްސާސްތަކަށް ދިރުމެއް ގެނެސްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަސްޕެންޝަން" އުފަންވި ގޮތާ ބެހޭގޮތުން ނިޢުމާ ވިދާޅުވީ، ލިޔުމަކީ އޭނާގެ ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި އަބަދުވެސް ކުރައްވާ ކަމެއް ކަމަށެވެ. ދިރިއުޅުމުގައި ކުރިމަތިވާ މާޔޫސްކަމާއި ދަތި އުނދަގޫ ވަގުތުތަކުގައި، އެހެން މީހުންނާ އެ ވާހަކަތައް ހިއްސާކުރުމުގެ ބަދަލުގައި އޭނާ އިޚްތިޔާރު ކުރަނީ އެކަހެރިވެ، ލިޔުމަށް ކަމަށް އެނާ ވިދާޅުވިއެވެ. އެގޮތަށް އުފެދުނު ޚިޔާލުތައް ފަހުން ޅެންތަކަކަށް ބަދަލުވެ، ފޮތެއްގެ ސިފަ ޖެހުނީ ކަމަށް ނިއުމާ ހިއްސާކުރެއްވިއެވެ.

"ސަސްޕެންޝަން" ފޮތް ނެރުމަށް ރޭ ގައުމީ ކުތުބުޚާނާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެހެންނަމަވެސް، މިއީ މުޅިން ވެސް އަމިއްލަ ޚިޔާލީ އުފެއްދުންތަކެއްގެ މައްޗަށް ބިނާވެފައިވާ ފޮތެއްކަން ނިޢުމާ ފާހަގަކުރެއްވިއެވެ. ފޮތުގައިވާ ކެރެކްޓާތަކާއި ހާދިސާތަކަކީ ވަކި ޚާއްޞަ ފަރާތެއްގެ ދިރިއުޅުމާ ގުޅުންހުރި ކަންތައްތަކެއް ނޫން ކަމަށާއި، ހަގީގީ ދިރިއުޅުމުގެ ޙާދިސާއަކާ އެއްގޮތްކަމެއް ފެނިއްޖެނަމަ އެއީ އިއްތިފާގެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނިއުމާ ވިދާޅުވި ގޮތުގައި މި ފޮތުގެ މައިގަނޑު އަސާސަކީ ލޯތްބާއި، އެކަނިވެރިކަމާއި އަމިއްލަ ނަފުސާ ކުރެވޭ ސުވާލުތަކެވެ. މީގެ އިތުރުން ގެއްލޭ ފުރުޞަތުތަކާއި، ހުވަފެންތަކާއި، ބުނަން ބޭނުންވެ ނުބުނެވި ހުންނަ ބަސްތަކުގެ މައްޗަށް ވެސް ޅެމުން އަލިއަޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޢުމާ ވިދާޅުވި ގޮތުގައި، ފޮތަށް ދީފައިވާ ނަން "ސަސްޕެންޝަން" އަކީ ނިމިފައިވާ ކަންކަމާއި ކުރިމަގުގެ އުންމީދުތަކާ ދެމެދުގައިވާ ހުސްކަމަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ.

"ސަސްޕެންޝަން" ފޮތް ނެރުމަށް ރޭ ގައުމީ ކުތުބުޚާނާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެ ފޮތުގެ ޅެންތައް ތަރުތީބުކޮށްފައިވަނީ ދަތުރެއްގެ ސިފައިގައެވެ. އެއީ ދެ މީހެއްގެ ދެމެދުގައި އުފެދޭ ގުޅުމަކުން ފެށިގެން، ހިމޭންކަމާއި ނުތަނަވަސްކަމުގެ ތެރެއިން ގޮސް، އެންމެ ފަހުން ކަންކަން ގަބޫލުކޮށް ހިތްހަމަޖެހުން ހޯދުމާ ހަމައަށެވެ.

ނިއުމާ ވަނީ، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މާލޭގެ ބުކްޝޮޕްތަކުން މިފޮތް ލިބެން ހުންނާނެ ކަމަށާއި، މިހާރުވެސް އެމެޒޮން މެދުވެރިކޮށް ފޮތް ލިބެން ހުންނާނެ ކަމަށް ވިދާޅުވެފައެވެ.

ނިޢުމާގެ އުންމީދަކީ މި ފޮތުގެ ޞަފުޙާތަކުން ކިޔުންތެރިންނަށް އެ މީހުންގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ކަންތައްތަކެއް ފެނި، ހިތަށް ތަސައްލީއެއް ލިބުމެވެ. ރަސްމިއްޔާތު ނިންމާލަމުން އޭނާ ވަނީ މި ފޮތް ނެރުމުގެ ދަތުރުގައި އެކި ގޮތްގޮތުން އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އެމެޒޮން ލިންކް: https://a.co/d/0bC5fStO

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު