މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން، ރާއްޖޭގެ އިޤްތިޞާދާއި އާބާދީގެ މަޢުލޫމާތު ފަސޭހައިން ބަލައިލެވޭނެ "އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރާ" ޕޯޓަލް ތަޢާރަފުކޮށްފިއެވެ.
އެމްބީއެސް އިން ބުނި ގޮތުގައި، މި ޕޯޓަލް ތަޢާރަފުކުރީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައެވެ. ރައީސުލްޖުމްހޫރިއްޔާ މި ޤާނޫނު ތަސްދީޤުކުރެއްވީ 20 ޖުލައި 2021 ގައެވެ. މި ޤާނޫނުގެ ދަށުން އެމްބީއެސް އަކީ ފަންނީ ގޮތުން މިނިވަން މުއައްސަސާއެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.
އަލަށް ތަޢާރަފުކުރި ޑޭޓާ އެކްސްޕްލޯރާ މެދުވެރިކޮށް، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އާއި، ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީޑީޕީ) ގެ އިތުރުން އާބާދީގެ ލަފާކުރުންތައް އިންޓަރެކްޓިވްކޮށް ބަލައިލެވޭނެ ކަމަށް އެ ބިއުރޯއިން މަޢުލޫމާތުދެއެވެ. މީގެ ސަބަބުން އާންމުންނަށް ރަސްމީ ތަފާސްހިސާބުތައް ހޯދުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ.

މި ޕްލެޓްފޯމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިގުތިސާދަށާއި އާބާދީއަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުން ކަމަށް އެމްބީއެސް އިން ބުނެއެވެ. ތަފާސްހިސާބުގެ ގާނޫނުގެ ސަބަބުން ގައުމުގައި ރަސްމީ ތަފާސްހިސާބުތައް އެއްކުރުމާއި، ބެލެހެއްޓުމުގެ އިތުރުން އާންމުންނަށް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ތަފާސްހިސާބުގެ ގާނޫނުގެ ދަށުން، އެމްބީއެސް ހިންގުމާ ހަވާލުވެހުންނަވާ ޗީފް ސްޓެޓިސްޓިޝަން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ބިއުރޯގެ ކަންކަމުގައި ޖަވާބުދާރީވާ ވުޒާރާއަކީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ކަމަށްވާއިރު، އެ އިދާރާ ހިންގަމުންދަނީ ފިނޭންސް މިނިސްޓަރުގެ އިރުޝާދުގެ ދަށުންނެވެ.