ފޭދޫގެ ފިހާރައަކުން ވަގަށް ނެގި އަގުހުރި ތަކެއްޗާއެކު 24 ގަޑިއިރުތެރޭ ދެ މީހަކު ހައްޔަރުކޮށްފި

އައްޑޫ ފޭދޫގެ ފިހާރައަކުން އަގުހުރި މުދާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން --- ފޮޓޯ: ފުލުހުން

އައްޑޫ ސިޓީ ފޭދޫގެ ފިހާރައަކުން ވަގަށް ނެގި ކޭޝް ޑްރޯވަރާއި ތަޅުދަނޑިތަކުގެ އިތުރުން އަގުހުރި މުދާތަކެއް 24 ގަޑިއިރުތެރޭ ހޯދައި، ތުހުމަތުވާ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، އައްޑޫ ފޭދޫގައި ހުންނަ "ސިޓީ އޮޓޯ ގަރާޖު" ފިހާރައިން ވައްކަންކުރި މައްސަލަ ހުށަހެޅީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އެހެންވެ މި މައްސަލައިގައި ހިމެނޭ މީހުންނާއި އެ މީހުން ވަގަށް ނެގި ތަކެތި ހޯދުމުގެ މަސައްކަތް ފެށީ ކަމަށް ފުލުހުން ބުންޏެވެ.

އެ މަސައްކަތުގެ ތެރެއިން މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ހޯމަ ދުވަހު އިރުއޮއްސި 6:47 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން ހައްޔަރުކުރީ ފުލުހުން ބުނިގޮތުގައި، އައްޑޫ މަރަދޫން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހެވެ.

އެގޮތުން އެ ސައިކަލުގެ މަޑިދަށް ފާސްކުރުމުން، ވައްކަން ކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދަތްދަގަނޑަކާއި ދަބަހެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ އައްޑޫ ހިތަދުއަށް ނިސްބަތްވާ، އުމުރުން 42 އަހަރުގެ ދެ ފިރިހެނުންނެވެ.

ފުލުހުން ބުނީ އެ ދެ މީހުން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުން، ފިހާރައިން ވަގަށް ނަގައިފައިވާ އަގުބޮޑު ގިނަ ތަކެތި ފެނުނު ކަމަށެވެ. އޭގެ ތެރޭގައި ހަތަރު ކަރަންޓު ބުރުމާއާއި ގްރޭންޑަރަކާއި ޓެބްލެޓަކާއި މޮބައިލް ފޯނަކާއި ކަޓަރުތަކެއްގެ އިތުރުން، އެ ފިހާރައިގެ ކޭޝް ޑްރޯވަރާއި ތަޅުދަނޑިތަކެއް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

އެ ތަކެތި މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންވެސް ވަނީ 13 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް