ވަކި ސަބަބެއް ނެތި ވެސް ކޯޓުތަކުގެ އިސްފަނޑިޔާރުން މަގާމުން ވަކިކުރުމުގެ އިޚުތިޔާރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލިބޭ ގޮތަށް ގަވާއިދެއް އެކުލަވައިލައި އަމަލުކުރަން މިއަދު ފަށައިފިއެވެ.
ކޯޓުތަކަށް އިސްފަނޑިޔާރުން އައްޔަނުކުރުމާއި ވަކިކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ މި ގަވާއިދު މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
މި ގަވާއިދުގައި އިސްފަނޑިޔާރުން އައްޔަނުކުރުމުގެ އިޖުރާއަތްތައް ތަފްސީލުކޮށް ބަޔާންކޮށްފައިވީ ނަމަވެސް، މަގާމުން ވަކިކުރުމުގެ ފުރިހަމަ ބާރު ދީފައިވަނީ ކޮމިޝަނަށެވެ.
މި ގަވާއިދުގެ އަށްވަނަ މާއްދާގައިވާ ގޮތުން، "ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށް ޓަކައި އިސްފަނޑިޔާރަކު މަގާމުން ދުރުކުރަން ޖެހޭ ކަމަށް ޖޭއެސްސީއަށް ފެނިއްޖެ ހިނދެއްގައި"، އެ ބަދަލު ގެނައުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވެއެވެ.
އިސްފަނޑިޔާރުން އައްޔަނުކުރުމުގައި ބަލާނެ މިންގަނޑުތަކުގެ ތެރޭގައި، ގާނޫނީ ފަންނަށް އަހުލުވެރިވެފައިވާ މިންވަރާއި، އިޖުތިމާއީ ކަންކަމުގައި ގެންގުޅޭ ތަސައްވުރާއި، މުއާމަލާތްކުރުމުގެ ގާބިލުކަމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، މަސައްކަތުގެ އަޚްލާގުގެ އިތުރުން ހިންގުމުގެ ހުނަރާއި މައްސަލަތައް ހައްލުކުރުމުގެ ވިސްނުން ހުރި މިންވަރު ހިމެނެއެވެ.
ސުޕީރިއާ ކޯޓުތަކުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެވޭނީ މިހާރު ވެސް އެ ކޯޓެއްގައި މަސައްކަތްކުރަމުންދާ ފަނޑިޔާރުންނަށެވެ. ހަމައެފަދައިން، ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ އެ ދާއިރާއެއްގެ ކޯޓުތަކުގައި ތިއްބެވި މެޖިސްޓްރޭޓުންނަށެވެ.
ޖޭއެސްސީން މިފަދަ ގަވާއިދެއް އެކުލަވައިލާފައިވާއިރު އެ ކޮމިޝަންގެ މިނިވަންކަމާމެދު އޮތީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ.
އެގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން މަގާމުން ވަކިކުރުމުގައި އެ ކޮމިޝަނުން އަމަލުކުރި ގޮތުގެ ސަބަބުން، ވެރިކަން ހިންގެވުމުގެ ބާރުގެ ފަރާތުން ވަރަށް ބޮޑަށް ޝަރުއީ ދާއިރާގެ ތެރެއިން ނުފޫޒު ފޯރާކަމުގެ އަޑުތައް ގަދަވިއެވެ.
އަދި ޖޭއެސްސީން ނިންމުންތައް ނިންމުމުގައި ސިޔާސީ މަގްސަދުތައް ހާސިލްކުރަން މަސައްކަތްކުރާ ކަމުގެ ތުހުމަތު ވެސް ކުރެއެވެ.