އަމީރަށް ސައީދުގެ ރައްދު: ރާއްޖެ ދަރުވާލުމުގެ މޭސްތިރިއަކީ ތިއީ

14 ޖުލައި 2026: އިކޮނޮމިކް މިނިސްޓަރު ސައީދު ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ރައްދު ދެއްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖެ މިއަދު އޮތް އިގްތިޞާދީ ފުން ވަޅުގަނޑަށް ވައްޓާލުމުގެ އަސްލު މޭސްތިރިއަކީ އަމީރު ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި އެމްޑީޕީން ބޭއްވި "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަނުގައި އަމީރު ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ، އިގްތިޞާދީ ދަތިކަމުގެ ވާހަކަ ދެއްކެވުމުގެ އެއްވެސް ހައިސިއްޔަތެއް އަމީރުގެ ކިބައިގައި ނެތް ކަމަށެވެ.

https://sun.mv/224563

"ރާއްޖެ ދަރުވާލުމުގެ މޭސްތިރިއަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފިނޭންސް މިނިސްޓަރު. އެމަނިކުފާނުގެ ޒިންމާގެ ތެރެއިން ރާއްޖެ މިހިސާބަށް ވައްޓާލާފައި އެއޮތީ. ދެން މިއަދު ހަމަ ތުރުކުރައްވަން ހުރި ގަމީސް އަނެއް ފަރާތަށް ބަދަލުކުރައްވައި އެހެން ޕޯޑިއަމެއްގައި އެ ވިދާޅުވަނީ. އެހެންވީމާ އަމީރަކީ އެންމެ ރަނގަޅު ބޭފުޅެއް ނޫން އެވާހަކަ ފުރަތަމަ ދައްކަވާކަށް،" ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ނިމިދިޔަ 19 ވަނަ މަޖިލީހުގައި ވެސް އަމީރު ނިސްބަތްވާ އެމްޑީޕީގެ މެންބަރުން އަމީރަށް ފާޑުވިދާޅުވެފައިވެއެވެ. އަދި އާދިއްތަ ދުވަހުގެ ރޭގެ ޕެނަލްގައި އަމީރާއެކު އިންނެވި އިލްޔާސް ލަބީބަކީ، ފައިސާ ޗާޕުކުރުމާ ދެކޮޅަށް އޭރު އެންމެ ބާރަށް އަޑުއުފުއްލެވި އެއް ބޭފުޅާކަން ސައީދު ހަނދާންކޮށްދެއްވިއެވެ.

14 ޖުލައި 2026: އިކޮނޮމިކް މިނިސްޓަރު ސައީދު ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: ރައީސް އޮފީސް

"ފައިސާ ތިވަރަށް ޗާޕުކުރީމަ ޑޮލަރުގެ ކުރިމަތީގައި ދިވެހި ރުފިޔާ ނިކަމެތިވެއްޖެ ކަމަށާއި، ދުވަހަކު ވެސް ތިޔަވަރުގެ ގެއްލުމަކުން ސަލާމަތް ނުވާނެ ކަމަށް އޭރު އިލްޔާސް ލަބީބު ގެންދެވީ ވިދާޅުވަމުން. މި ޓޯޓަލް ޑިޒައިންގެ މޭސްތިރިއަކީ އަމީރު،" މިނިސްޓަރު ވިދާޅުވިއެވެ.

ސައީދު ވިދާޅުވި ގޮތުގައި، އޭރުގެ ސަރުކާރުން ފައިސާ ޗާޕުކުރަމުން ދިޔައިރު، އެކަމުގެ ނުރައްކަލާ ބެހޭގޮތުން އޭރުގެ އިދިކޮޅު ފަރާތްތަކުންނާއި، އެމްއެމްއޭގެ އޭރުގެ ގަވަރުނަރު އަލީ ހާޝިމް ވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ނަމަވެސް، އެކަންކަމަށް އަމީރު އެކަށީގެންވާ ޖަވާބެއް ދެއްވާފައި ނުވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ހަވާލުވިއިރު ލިބިވަޑައިގަތީ ވަރަށް "ބަނަ" އަދި "ނުރައްކާތެރި" ދަރަންޏެއް އޮތް އިގްތިސާދެއް ކަމަށާއި، ފުރަތަމަ ދެ އަހަރު މަސައްކަތް ކުރަން ޖެހިފައިވަނީ ވަރަށް ސަމާލުވެގެން ކަމަށް ސައީދު ވިދާޅުވިއެވެ.

އަދި މިހާރުގެ ސަރުކާރުން އިގްތިސާދު ކޮޅަށް ޖެހުމަށް ޓަކައި ފޮރެކްސް ގާނޫނަށް ބަދަލުތަކެއް ގެނައުމާއި، އާމްދަނީ އިތުރުކުރެވޭނެ އާ ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް