މީގެ ހަ އަހަރު ކުރިން ނެޓްފްލިކްސްއިން ސްޓްރީމްކުރަން ފެށި އެ ޕްލެޓްފޯމްގެ މަގުބޫލު ސީރީޒް "މިސްމެޗްޑް"ގެ ހަތަރު ވަނަ ސީޒަންގެ އަމަލީ މަސައްކަތް ފަށާފައިވާކަން އިއުލާނުކޮށްފިއެވެ.
ލީޑް ރޯލްތަކުން މަގުބޫލު ފިލްމީ ތަރިން ކަމަށްވާ ރޯހިތު ސަރާފް އަދި ޕްރަޖަކްތާ ކޯލީ ފެންނަ މަގުބޫލު ރޮމޭންޓިކް ޑްރާމާ ސީރީޒްގެ ތިން ވަނަ ސީޒަން ނިންމާލީ، މި ސީރީޒްގެ މައި ކެރެކްޓާސްތައް ކަމަށްވާ 'ޑިމްޕަލް' އާއި 'ރިޝީ' އެ މީހުންގެ ކެރިއަރަށް އިސްކަންދިނުމުގެ ގޮތުން އެންގޭޖްމަންޓް މަޑުޖައްސާލި ހިސާބުންނެވެ.
ތިން ވަނަ ސީޒަނަށްފަހު އެ ދެ ކެރެކްޓާގެ ދިރިއުޅުމަށް ވީނުވީއެއް ނޭނގި ގިނަ ބަޔަކު އެކަމުގެ އިންތިޒާރުގައި ތިއްބާ ޕްރަޖަކްތާ އާއި ރޯހިތު ވަނީ، ހަތަރު ވަނަ ސީޒަންގެ މަސައްކަތް ފަށާފައިވާކަން ކުރު ވީޑިއޯ ކްލިޕަކާއެކު އިއުލާނުކޮށްފައެވެ.

"މިސްމެޗްޑް" ސީރީޒްގެ މަންޒަރެއްގައި ރޯހިތު އަދި ޕްރަޖަކްތާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު "މިސްމެޗްޑް" އަކީ، ސަންދިޔާ މެނަން 2017 ވަނަ އަހަރު ނެރުނު ނޮވެލް 'ވެން ޑިމްޕަލް މެޓް ރިޝީ' އަށް ބިނާކޮށް އުފައްދާފައިވާ ސީރީޒްއެކެވެ. ފުރަތަމަ ސީޒަން 20 ނޮވެމްބަރު 2020ގައި ރިލީޒްކުރިއިރު ދެވަނަ ސީޒަން ބެލުންތެރިންނަށް ގެނެސްދިނީ 14 އޮކްޓޯބަރު 2022ގައެވެ.
ރޯނީ ސްކްރޫވާލާގެ އާރުއެސްވީޕީ މޫވީސްއިން އުފައްދާ މި ސީރީޒްގެ އާ ސީޒަންގައި ރަންވީޖޭ ސިންގް، ވިދްޔާ މަލްވާޑޭ، ވިހާން ސަމަތު، ދޭވްޔާނީ ޝޯރޭ، ޕްރިޔާ ބެނަޖީ، ތާރުކް ރައިނާ، މުސްކާން ޖެފްރީ، އާކާޝް ކުރާނާ އަދި އަހްސާސް ޗަންނާ ފަދަ ތަރިން މުހިންމު ރޯލުތަކުން ފެންނާނެއެވެ.