ޞާދިގު އައްޑޫ ބަހުރުވައިން ސުވާލުކުރެއްވުމުން، މުއްތަލިބު ޖަވާބު ދެއްވީ ހުވަދޫ ބަހުރުވައިން

މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު މުއްތަލިބާއި ސާދިގު ވާހަކަދައްކަވަނީ: ސޯބެ އައްޑޫ ބަހުން ސުވާލުކުރުން މުއްތަލުބު ޖަވާބު ދެއްވީ ހުވަދޫ ބަހުން -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޞާދިގު (ސޯބެ) އައްޑޫ ބަހުރުވައިން އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ސުވާލުކުރެއްވުމުން، އެ ސުވާލަށް މިނިސްޓަރު ހުވަދޫ ބަހުރުވައިން ޖަވާބު ދެއްވައިފިއެވެ.

މިދިޔަ މަހު މަޖިލީހާ ގުޅިވަޑައިގެންނެވި ޞާދިގު، މަޖިލީހުގައި އާންމު ގޮތެއްގައި އައްޑޫ ބަހުރުވައިން ވާހަކަދައްކަވައެވެ. މީގެ ކުރިން ހެލްތު މިނިސްޓަރު ގީލާ އަލީއާ އަައްޑޫ ބަހުރުވައިން ސުވާލު ކުރެއްވުމުން، އެ ސުވާލު ދޭހަނުވި ކަމަށް ވިދާޅުވެ ގީލާ ޖަވާބެއް ނުދެއްވިއެވެ.

އޭގެ ފަހުން އެހެން ޖަލްސާއެއްގައި ވެސް ގީލާއާ ޞާދިގު އައްޑޫ ބަހުރުވައިން ސުވާލުކުރެއްވުމުން، ސުވާލު ދޭހަ ކުރުމަށް އެހީއަށް އެދިވަޑައިގަތެވެ.

މިއަދުގެ ޖަލްސާއަށް މިނިސްޓަރު މުއްތަލިބު ވަޑައިގަތުމުން ވެސް ޞާދިގު ވަނީ އައްޑޫ ބަހުރުވައިން ސުވާލުކުރައްވައިފައެވެ. އެގޮތުން އައްޑޫ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދެނީ ފެނަކައިގެ ފެން ޕްލާންޓުން ކަމަށާއި ފެން ޕްލާންޓަށް މައްސަލަޖެހި ސާފު ބޯފެން ގަވާއިދުން ނުލިބޭ މައްސަލަ ދިމާވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޞާދިގުވަނީ އެ މައްސަލަ ހައްލުވެ ފެން ގަވާއިދުން ލިބެން ފަށާނީ ކޮންއިރަކުތޯ ސުވާލުކުރައްވާފައެވެ. އަދި ހިތަދޫ ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ހުއްޓިފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މަސައްކަތް އަލުން ފަށައި، ނިމޭނީ ކޮންއިރަކުތޯ ވެސް ސުވާލުކުރެއްވިއެވެ.

މިނިސްޓަރު ޖަވާބު ފެއްޓެވީ، އައްޑޫ ބަހުރުވައިން ސުވާލުކުރެއްވުމުން ޖަވާބު ދެއްވަންވީ ހުވަދޫ ބަހުރުވައިންތޯ ސުވާލުކުރައްވަމުންނެވެ. އެއަށްފަހު މިނިސްޓަރު ވަނީ ހުވަދޫ ބަހުރުވައިން ޖަވާބު ދެއްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ ފެނަކައާ ގުޅިގެން ކޮށްފައިވާ ފެނުގެ މަސައްކަތަކީ ޞާދިގު ސްޓޭޓް މިނިސްޓަރަކަށް ހުންނެވިއިރު ކޮށްފައިވާ މަސައްކަތެއް ކަމަށާއި، އެހެންކަމުން އެކަމުގެ ކޮންމެވެސް ވަރެއްގެ ޒިންމާއެއް ޞާދިގު ވެސް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

އިއްޒަތްތެރި މެމްބަރު މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވިވޭލޭ މަގޭލު މަސައްކަތް ކުރިއަށް އޮޑައު. އެވޭލެ އެބައޮތޭ ފެނަކައިން ބޮނެފައި އެތާ ހޮޅި އޮޑެން ނުޖެހެންނޭ ކަމަށް. އެގޮތަށް މިނިސްޓްރީން ނިންމައިގެން ހޮޅި ނޯޑައި މަސައްކަތް ނިންމައިފަ އޮއްތޯ. އެންމާ ހީވެންނޫ މެންބަރުވެސް ކޮންމެވެސް ވަރަކަށް ޒިންމާ ނަގަންޖެހެންނެ ކަމެންހެން މި ކަމާކޫ. އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

މިނިސްޓަރު ވަނީ ސަރުކާރުން މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް ވަރަށް ޚާއްސަ ސަމާލުކަމެއްދީގެން، ފެނުގެ މައްސަލަ ހައްލުކުރުމަށް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް