އެއް ފޯނެއްގައި ވަޓްސްއެޕް ބިޒްނަސްގެ ދެ އެކައުންޓް ބޭނުންކުރެވޭ ފީޗާއެއް ތައާރަފުކޮށްފިއެވެ.
ވަޓްސްއެޕް ބިޒްނަސް އެޕްލިކޭޝަން ބޭނުންކުރާ އެންޑްރޮއިޑް ޔޫޒަރުންނަށް، އެއް ފޯނެއްގައި ދެ އެކައުންޓް ބޭނުންކުރެވޭ މަލްޓި އެކައުންޓް ފީޗަރެއް ތައާރަފުކުރަން ފަށައިފައިވާއިރު, މިއީ ދެ ވިޔަފާރި ނަންބަރު ގެންގުޅޭ ފަރާތްތަކަށް ދެވަނަ ފޯނެއް ގެންގުޅުމުގެ ބުރަކަމުން ސަލާމަތްވެ، އެއް އެޕެއްގެ ތެރެއިން ދެ އެކައުންޓް ފަސޭހަކަމާއެކު މެނޭޖްކުރުމުގެ ފުރުސަތު ހުޅުވައިދޭ ބޮޑު ލުޔެކެވެ.
މި އާ ފީޗަރު ފެނިފައިވަނީ އެންޑްރޮއިޑްގެ އެންމެ ފަހުގެ ވަޓްސްއެޕް ބިޒްނަސް ބީޓާ (ވާޝަން 2.24.27.5) އަޕްޑޭޓުންނެވެ.
މި ފީޗަރު ލިބިފައިވޭތޯ ބެލުމަށްޓަކައި ވަޓްސްއެޕް ބިޒްނަސްގެ ސެޓިންގްސް އަށް ދިއުމުން، އެކައުންޓް ނަމުގެ ކައިރީގައި 'ޕްލަސް' (+) އެއް ފެންނާނެއެވެ. އެ ފާހަގައަށް ފިތާލުމަށްފަހު ދެވަނަ ނަންބަރާއި ވެރިފިކޭޝަން ކޯޑު ޖަހައިގެން އާ ބިޒްނަސް ޕްރޮފައިލްއެއް ފަސޭހަކަމާއެކު އިތުރުކޮށްލެވޭނެއެވެ. އެކައުންޓްތައް ސެޓަޕްކޮށް ނިމުމުން، ޗެޓްސް ޓެބުގައިވާ އޯވަފްލޯ މެނޫއިން 'ސްވިޗް އެކައުންޓްސް' ޚިޔާރުކޮށްގެން ކޮންމެ ވަގުތެއްގައިވެސް އެއް އެކައުންޓުން އަނެއް އެކައުންޓަށް ބަދަލުވެވޭނެއެވެ. މި ވަގުތު މި ފީޗަރުން ސަޕޯޓުކުރަނީ ގިނަވެގެން ދެ އެކައުންޓަށެވެ.
ވަޓްސްއެޕް އިން މަލްޓި އެކައުންޓް ފީޗަރު އާންމު ވަޓްސްއެޕް މެސެންޖަރަށް 2023 ވަނަ އަހަރު ތައާރަފުކުރި ނަމަވެސް، މިހާތަނަށް ބިޒްނަސް އެޕް އޮތީ މި ފީޗަރުން ބޭރުގައެވެ. އެހެންކަމުން ދެ ޑިޕާޓްމަންޓެއް ނުވަތަ ދެ ބްރޭންޑެއް ހިންގާ ވިޔަފާރިތަކަށް ދެ ނަންބަރު ބޭނުންކުރަން ޖެހޭތީ މިއީ ވަރަށް ބޭނުންތެރި އަޕްޑޭޓެކެވެ. ޓެކް ޚަބަރުތައް ގެނެސްދޭ ޑަބްލިއުއޭބީޓާއިންފޯއިން ހާމަކުރާ ގޮތުގައި، މި އަޕްޑޭޓަކީ ދެ އެޕްލިކޭޝަންގެ ތަޖުރިބާ އެއް ހަމައަކަށް ގެނައުމަށް ވަޓްސްއެޕް އިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
މި އާ ފީޗަރު މިހާރު ލިބެމުންދަނީ ގޫގުލް ޕްލޭ ސްޓޯރުން އެންމެ ފަހުގެ ބީޓާ އަޕްޑޭޓް އިންސްޓޯލްކޮށްފައިވާ ބައެއް ބީޓާ ޓެސްޓަރުންނަށެވެ.
ވަޓްސްއެޕް އިން މަރުހަލާ މަރުހަލާއަށް ބަހާލައިގެން މި ފީޗަރު ފުޅާކުރަމުންދާއިރު، އަޕްޑޭޓް ކުރުމަށްފަހުވެސް މި ފީޗަރު ނުފެންނަ ފަރާތްތަކަށް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ލިބޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް، މި ފީޗަރު އެޕްގެ ސްޓޭބަލް ވާޝަނަށް ނުވަތަ ހުރިހާ ޔޫޒަރުންނަށް ރަސްމީކޮށް ލިބޭނެ ސީދާ ތާރީޚެއް ވަޓްސްއެޕް އިން އަދި ހާމައެއް ނުކުރެއެވެ.