މާލެ ސަރަހައްދުގައި ވެހިކަލް ފުރިބާރުވެ ދިމާވާ ތޮއްޖެހުން ހައްލުކުރަން ވަކި އޮފީހެއް އުފައްދަވައިފި

މާލޭގެ މަގެއް މަތި: މާލެ ސަރަހައްދުގައި ވެހިކަލް ފުރިބާރުވެ ދިމާވާ ތޮއްޖެހުން ހައްލުކުރަން ވަކި އޮފީހެއް ވަނީ އުފައްދަވާފައި --ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުފަހަރު ގިނަވެ ދިމާވަމުން އަންނަ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަކި ޚާއްސަ އޮފީހެއް އުފައްދަވައިފިއެވެ.

"ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް"ގެ ނަމުގައި މި އޮފީސް އެ މަނިކުފާނު އުފައްދަވައިފައިވަނީ، ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އެ އޮފީސް ހިންގާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ދަށުންނެވެ.

ރައީސް މުއިއްޒު: އެ މަނިކުފާނު ވަނީ މާލެ ސަރަހައްދުގައި ވެހިކަލް ފުރިބާރުވެ ދިމާވާ ތޮއްޖެހުން ހައްލުކުރަން ވަކި އޮފީހެއް އުފައްދަވާފައި -- ފޮޓޯ: ރައީސް އޮފީސް

މިއީ، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވެ، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން އެ ކަމަށް އަވަސް ޙައްލެއް ހޯދުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި ތަންފީޒުކުރުމަށް ރައީސް ހެއްދެވި އޮފީހެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެއިތުރުން، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި މި އޮފީހުން އިސް ދައުރެއް އަދާކުރާނެއެވެ.

އެ އޮފީސް ހިންގާނީ، ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ކަމަށްވާއިރު، އެ އޮފީހަށް ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ޖަހާނެ ނަންބަރަކީ، 1142 ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

https://sun.mv/204577

އުޅަނދު ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން އޮފީހެއް އުފެއްދިއިރު، މާލެ ސަރަހައްދާ އެކަށީގެންނުވާ ވަރަށް މި ސަރަހައްދުގައި ވެހިކަލްތައް ގެންގުޅެއެވެ.

މިގޮތުން، މާލޭ ސަރަހައްދުގައި ރަޖިސްޓްރީ ކޮށްގެން ދުއްވޭނެ ކަމަށް ކަނޑައަޅަން ފެންނަ އުޅަނދުގެ އަދަދަށްވުރެ އިތުރަށް 30،000 އުޅަނދު މާލޭ ސިޓީގައި މިހާރު ވެސް ދުއްވަމުން އަންނަ ކަމަށް ދިރާސާ ރިޕޯޓަކުން ވަނީ ދައްކާފައެވެ.

comment ކޮމެންޓް