ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފާއިތުވި ފަސް އަހަރު ކަސްޓަމަރުންނަށް އެންމެ ގިނައިން ޑޮލަރު ވިއްކައިފައިވަނީ ރުފިޔާ ކާޑުން ކޮށްފައިވާ މުއާމަލާތްތަކަށް ކަމަށާއި އެންމެ މަދުން ވިއްކައިފައިވަނީ ތައުލީމާއި ބޭސްފަރުވާއަށް ކަމަށް މިއަދު ބުނެފިއެވެ.
ބީއެމްއެލްއިން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ފާއިތުވި ފަސް އަހަރުގެ މުއްދަތުގައި، އެއީ ޖުލައި 2021އިން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް، ބެންކުން 2.7 ބިލިއަން ޑޮލަރު ވިއްކައިފައިވެއެވެ. އޭގެ ތެރެއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފައިވަނީ 2024 ވަނަ އަހަރާއި މި އަހަރުގެ ޖޫން މަހާ ދޭތެރޭގައި ކަމަށް ބެންކުން ފާހަގަކުރިއެވެ.
އެ ތަފާސްހިސާބުގައިވާ ގޮތުން ބެންކުން ޑޮލަރު ވިއްކާ ހަތަރު ދާއިރާއަކުން ޑޮލަރު ވިއްކާ މިންވަރު، ޖުލައި 2021އިން ޑިސެންބަރު 2023އާ އަޅައިބަަލާއިރު ފާއިތުވި 30 މަސް ތެރޭ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެންމެ ބޮޑަށް އިތުރުވެފައިވަނީ ރުފިޔާ ކާޑުން ކޮށްފައިވާ މުއާމަލާތްތަކަށް ވިއްކި ޑޮލަރުގެ އަދަދެވެ. އެގޮތުން ފާއިތުވި 30 މަހު 870 މިލިއަން ޑޮލަރު ވިއްކައިފައިވާއިރު، އެއީ އޭގެ ކުރީ 30 މަހާ އަޅައިބަލާއިރު 440 މިލިއަން ޑޮލަރު ނުވަތަ 102 ޕަސެންޓްގެ އިތުރުވުމެކެވެ.
ދެވަނައަށް އެންމެ ގިނައިން ޑޮލަރު ވިއްކައިފައިވަނީ ޓީޓީއާއި ރެމިޓެންސް ފޮނުވުމަށެވެ. އެގޮތުން ޖުލައި 2021އިން ޑިސެންބަރު 2023އަށް 296 މިލިއަން ޑޮލަރު ވިއްކައިފައިވާއިރު، ޖަނަވަރީ 2024އިން މި އަހަރުގެ ޖޫންގެ ނިޔަލަށް 422 މިލިއަން ވިއްކައިފައިވެއެވެ. އެއީ 126 މިލިއަން ޑޮލަރު ނުވަތަ 43 ޕަސެންޓްގެ އިތުރުވުމެކެވެ.
އެ މުއްދަތުގައި، ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ވިއްކި ޑޮލަރުގެ މިންވަރު އިތުރުވެފައިވަނީ 109 މިލިއަން ޑޮލަރު ނުވަތަ 70 ޕަސެންޓުގައެވެ.
ބެންކުގެ ތަފާސްހިސާބުން ދައްކާ ގޮތުން ޑޮލަރު އެންމެ މަދުން ވިއްކައިފައިވަނީ ތައުލީމާއި ބޭސްފަރުވާއަށެވެ. އެގޮތުން ޖުލައި 2021އިން ޑިސެންބަރު 2023އަށް ވިއްކީ 76 މިލިއަން ޑޮލަރު ކަަމަށްވާއިރު، ޖަނަވަރީ 2024އިން މި އަހަރުގެ ޖޫންގެ ނިޔަލަށް ވިއްކީ 143 މިލިއަން ޑޮލަރެވެ. އެއީ 67 މިލިއަން ޑޮލަރު ނުވަތަ 88 ޕަސެންޓްގެ އިތުރުވުމެކެވެ.
ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ މީހުންނަށް ބީއެމްއެލްއިން ވިއްކާ ޑޮލަރުގެ އަދަދު މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ވަނީ އިތުރުކޮށްފައެވެ. އެއީ އާސަންދައިގެ ދަށުން ބޭހަށްދާ މީހަކަށް ނަމަ 2،000 ޑޮލަރު ލިބޭ ގޮތަށް އަދި އެންސްޕާގެ އެހީ ލިބިގެންދާ މީހަކަށް ނަމަ އެންސްޕާއިން ކަނޑައަޅާ އަދަދަކަށެވެ. އެންސްޕާއިން ވެސް ގިނަވެގެން ދޭނީ 2،000 ޑޮލަރެވެ.

ބީއެމްއެލްގެ ޑޮލަރު އޭޓީއެމްއެއް -- ފޮޓޯ/ ބީއެމްއެލް
މީގެ އިތުރުން، އާސަންދަ އާއި އެންސްޕާގެ އެހީ ނެތި ދާ މީހެއް ނަމަ 1،000 ޑޮލަރު ލިބޭނެއެވެ.
ބޭސްފަރުވާއަށް ގިނަ އަދަދެއްގެ ދިވެހީން ބޭރަށް ދަތުރުކުރާއިރު، މިދިޔަ ހަފުތާގައި ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް އެންމެ ގިނައިން ފޮނުވަނީ ކެންސަރު ބަލީގެ ފަރުވާއަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން 2023 ވަނަ އަހަރު 1،638 މީހުން ކެންސަރުގެ ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވައިފައިވާއިރު މިދިޔަ އަހަރު އެ އަދަދު 2،000އަށް އަރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހީން އެންމެ ގިނައިން ބޭރަށް ދަތުރުކުރާ އިތުރު އެއް ބޭނުމަކީ މަތީ ތައުލީމު ހާސިލުކުރުމެވެ. ބޭރުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ޑޮލަރު ހަމަޖެއްސުމަށް، ދަރިވަރުންނަށް ޑޮލަރު ވިއްކުމަށް ބެންކުން ވަކި އުސޫލުތަކެއް ކަނޑައަޅައިފައިވެއެވެ.
ބޭސްފަރުވާއާއި ތައުލީމަށް ޑޮލަރު ދޫކުރަން ޚާއްސަ އުސޫލުތަކެއް އޮންނައިރު، ޑޮލަރު ލިިމިޓުގެ ސަބަބުން ބޭރުގައި ކުރާ މުއާމަލާތްތަކަށް ހުރަސް އެޅޭ ކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ.
ބީއެމްއެލްއިން އަންނަނީ، ޑޮލަރު ލިމިޓު ކަނޑައަޅަން ޖެހިފައިވަނީ ބެންކަށް ލިބޭ ޑޮލަރަށް ވުރެ ވިއްކަން ޖެހޭ ޑޮލަރުގެ އަދަދު އިތުރުވާތީ ކަމަށް ބުނަމުންނެވެ. އަދި އެންމެ ގިނައިން ޑޮލަރު ވިއްކައިފައިވަނީ ރުފިޔާ އެކައުންޓުތަކަށް ކާޑުން ދޫކުރާ ޑޮލަރަށްކަން އެ ބެންކުން ފާހަގަކުރެއެވެ. އެހެންވެ، ބޭރުގެ ބައެއް އޮންލައިން ވިޔަފާރި ސައިޓުތަކަށް ބެންކުން ވަނީ ބަޖެޓެއް ވެސް ކަނޑައަޅައިފައެވެ.
ބީއެމްއެލްއަށް ޑޮލަރު ލިބޭ މިންވަރު އިތުރުކުރުމަށް އެ ބެންކުގައި އިންވެސްޓްކޮށް، ރުފިޔާއިން ފައިދާ ހޯދުމުގެ ފުރުސަތެއް ވަނީ މިދިޔަ މަހު ހުޅުވާލައިފައެވެ. އެ ފުރުސަތު ހުޅުވާލުމުން ލިބުނު ޑޮލަރުން، ޓީމޫ ފަދަ އޮންލައިން ވިޔަފާރި ޕްލެޓްފޯމްތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރެވިފައިވާ ކަމަށް އެ ބެންކުން ބުނެފައިވެއެވެ.