މިއަދުގެ އިންތިޚާބުން ހާމަވަނީ އާންމުން ރައީސް މުޢިއްޒަށް އިތުބާރުކުރާ މިންވަރު: ޢަބްދުއްރަޙީމް

ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ: ވިދާޅުވީ މިއަދުގެ އިންތިޚާބުން ހާމަވަނީ ރައީސަށް މި އާންމުން ކުރާ އިތުބާރު ކަމަށް --- ފޮޓޯ: ޕީއެންސީ

މިއަދު ނިމިގެން ދިޔަ ޕީއެންސީގެ އެތެރޭގެ އިންތިޚާބުން އެނގެނީ ރައްޔިތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އިތުބާރުކުރާ މިންވަރު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިޚާބަށްފަހު އެ ޕާޓީގެ އިދާރާ ކުރިމަތީ ނޫސްވެރިންނާ ބައްދަލުކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ، ވޯޓުލެވޭ މެންބަރުންގެ ތެރެއިން 85 އިންސައްތަ މެންބަރުން ވޯޓުލި ކަމަށް ލަފާކުރެވޭ ކަމަށާއި، އެއީ 32 ހާހާއި 33 ހާހާ ދެމެދުގެ އަދަދެއްގެ މެންބަރުން ކަމަށެވެ. ނަމަވެސް އިންތިޚާބުގައި ވޯޓުލީ މީހުންގެ ހިސާބު އެނގޭނީ ނަތީޖާ އިއުލާނުކުރުމުން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މި އިންތިޚާބަކީ ޢަބްދުއްރަޙީމް ސިފަކުރެއްވިގޮތުގައި، ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއް އިންތިޚާބެވެ.

"މިއަދު އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ކޮންގްރެސް ޕާޓީގެ ސަރުކާރުން ކުރަމުން ގެންދާ ކަންތައްތައް ރައްޔިތުން ބަލައިގަންނަ ކަމާއި އަދި ޕާޓީގެ ވެސް ރައީސް، ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު،" އެމަނިކުފާނު ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށް ނުސީދާ ގޮތެއްގައި އިޝާރާތްކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ އިންތިޚާބު ނިމިގެން ދިޔައީ ސުލްހަވެރިކަމާއެކު ކަމަށާއި، ވޯޓުފޮށި ވަގަށް ނެގުމާއި ފަޅައިލުން ފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ.

އިންތިޚާބު ނިމިގެން ދާއިރު 3،000އަށް ވުރެ ގިނަ އިންތިޚާބީ މެންބަރުން ޕީއެންސީގައި ތިއްބަވާނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އެ އަދަދަށް ރާއްޖޭގެ ސިޔާސީ އެއްވެސް ޕާޓީއެއްގައި އިންތިޚާބީ މެންބަރުން ނުތިބޭނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މި އިންތިޚާބުގައި 40 ހާހަށްވުރެ ގިނަ މީހުން ވޯޓުލާނެކަމަށް، 'ސަން'އިން މިއަދު ހެނދުނު ސުވާލުކުރުމުން ޕީއެންސީގެ އަމީންއާންމު މޫސާ ފަތުޙީ އާދަމް ވިދާޅުވެފައިވެއެވެ.

https://sun.mv/224494

ފާހަގަކުރެވޭ ގޮތުގައި ޕީއެންސީން ބާއްވާ ދާއިރާތަކުގެ އިންތިޚާބުގައި އެކިއެކި މަގާމުތަކަށް 2،500 އަށްވުރެ ގިނަ މީހުން އިންތިޚާބުކުރާނެ ކަމަށާއި މިއީ ޕާޓީގެ ސިޔާސަތުތައް ފެތުރުމަށް އިސްކޮށް ހަރަކާތްތެރިވާނެ ފަރާތްތައް ކަަމަށް އެ ޕާޓީން މީގެ ކުރިން ވަނީ ބުނެފައެވެ. މި އިންތިޚާބަކީ ކުރިއަށް އޮތް ޕީއެންސީގެ ކޮންގްރެސްގެ ކުރިން ބާއްވާ އެންމެ ބޮޑު އިންތިޚާބެވެ.

މި އިންތިޚާބަށްފަހު، ޕީއެންސީގެ ބޮޑު ކޮންގްރެސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފުތަރުން ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަކީ ވެރިކަން ކުރާ ޕީއެންސީއެވެ. އެގޮތުން އެ ޕާޓީގެ މެންބަރުންގެ އަދަދު 74،048އަށް އަރާ ކަމަށް އީސީގެ ދަފުތަރުން ދައްކައެވެ.

comment ކޮމެންޓް