2 މަހަށް ވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު އީ-ޕާސްޕޯޓުގެ ޚިދުމަތް އަންނަ މަހު އަލުން ފަށަނީ

އުނގޫފާރުގައި ހުންނަ އިމިގްރޭޝަން: އިމިގްރޭޝަނުން ޕާސްޕޯޓް ދޫކުރުން -- ފޮޓޯ/ އިމިގްރޭޝަން

ދެ މަހަށް ވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު އިލެކްޓްރޯނިކް ޕާސްޕޯޓުގެ ޚިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފެށުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މި ޚިދުމަތް މެދުކަނޑާލާފައި ވަނީ "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ޕްރިންޓް ކުރުމަށް ބޭނުންކުރާ ބުކްލެޓްގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ދިމާވި ލަސްތަކަކާ ގުޅިގެންނެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހް ވިދާޅުވީ، ޕާސްޕޯޓު ހެއްދުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް މިހާރު އޯޑަރު ދީފައިވާ ކަމަށެވެ. އަދި މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އެތަކެތި ލިބޭނެ ކަމަށް ބެލެވޭ ކަމަށާއި، ބޭނުންވާ ސާމާނު ލިބުނުހާ އަވަހަކަށް އީ-ޕާސްޕޯޓުގެ ޚިދުމަތް އަލުން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/221722

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް މެނޭޖްކުރުމަށްޓަކައި އެ ޚިދުމަތް މެދުކަނޑާލީ މިދިޔަ މޭ މަހުގެ އަށް ވަނަ ދުވަހެވެ. އެ ދުވަހުން ފެށިގެން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކަށް ދޫކުރަމުން އަންނަނީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" އެވެ.

މިއީ ވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ، ފަސް އަހަރުގެ މުއްދަތަށް ދޫކުރާ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.

އަގުތަކަށް ބަލާއިރު، އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 1,000 ރުފިޔާއެވެ. ނަމަވެސް މިހާރު ދޫކުރަމުންދާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 600 ރުފިޔާއެވެ. އިމިގްރޭޝަނުން ބުނީ މިހާރު ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހައްދާ ފަރާތްތަކުން، އޭގެ މުއްދަތު ހަމަވުމުގެ ކުރިން އީ-ޕާސްޕޯޓަކަށް ބަދަލުކުރަން ބޭނުންވެއްޖެ ހާލަތެއްގައި، އެއްވެސް "ކެންސަލޭޝަން ފީ" އަކާ ނުލައި އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.

https://sun.mv/222965

އިލެކްޓްރޯނިކް ޕާސްޕޯޓަކީ އޭގައި ހިމެނޭ ޗިޕެއްގެ އެހީގައި، ކިއުއެއްގައި ނުޖެހި އަމިއްލައަށް ޗެކިންވެވޭ އީ-ގޭޓުގެ ޚިދުމަތް ބޭނުންކުރެވޭ ޕާސްޕޯޓެކެވެ. މި ޕާސްޕޯޓުގައި ހުންނަ ޑޭޓާ އާއި ފޮޓޯ ނުވަތަ އިނގިލީގެ ނިޝާނުގެ އެހީގައި ޕާސްޕޯޓުގެ ވެރިފަރާތް ކަށަވަރުކޮށްދެއެވެ.

ރާއްޖެއިން ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު، އީ-ޕާސްޕޯޓުގެ ޚިދުމަތް މެދުކަނޑާލާފައި އޮތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ. އިމިގްރޭޝަނުން މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް ސްޓޮކް ގެނެސް ޚިދުމަތް އާންމު ހާލަތަކަށް ގެނައުމަށެވެ.

comment ކޮމެންޓް