ނިމިދިޔަ މަހުގެ 30 ވަނަ ދުވަހު މާލޭގެ ކޯރުކެނޑިމަގުން ހޮވައިގެން ފުލުހުންނާ ހަވާލުކޮށްފައިވާ 15 ޑޮލަރުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި އޮތް މި ފައިސާގެ އިންސިޑެންޓް ނަންބަރަކީ 692309 އެވެ. މީގެ އިތުރުންވެސް، އެކި ސަރަހައްދުތަކުން ހޮވައިގެން ފުލުހުންނާ ހަވާލުކޮށްފައިވާ ގިނަ ތަކެއްޗެއްގެ ވެރިފަރާތް ހޯދުމަށް ފުލުހުން ވަނީ އިއުލާންކޮށްފައެވެ.
ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި އިތުރު ދެ އެއްޗެއް އެބަހުއްޓެވެ. އެއީ ޖޫން 30 ވަނަ ދުވަހު ބޮޑުތަކުރުފާނުމަގު، އެމްއެންޑީއެފް ގަރާޖު ކައިރިން ހޮވައިގެން ގެނެސްފައިވާ ޓޫލްސްތަކަކާއި، މިދިޔަ އަންގާރަ ދުވަހު ހިލާލީމަގުން ހޮވައިގެން ގެނެސްފައިވާ މޯޓަރެކެވެ.
މި ތަކެތީގެ ވެރިފަރާތުން އެ ތަކެއްޗާ ހަވާލުވުމަށް ގުޅަން ޖެހެނީ 9631696 އަށެވެ.
ހަމައެހެންމެ، ޖޫން 30 ވަނަ ދުވަހު ގްރީން ބިލްޑިން ކައިރިން ހޮވައިގެން ގެނެސްފައިވާ ދެ ކަރުދާސްރީމް މާފަންނު ޕޮލިސް ސްޓޭޝަންގައި އެބަހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ. އިންސިޑެންޓް ނަންބަރު 692418 ގައި ހިމެނޭ މި ތަކެއްޗާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ގުޅަން ޖެހެނީ 9660183 އަށެވެ.
މީގެ އިތުރުން، މި މަހުގެ އެއް ވަނަ ދުވަހު ބީއެމްއެލް ހެޑް އޮފީސް ކައިރިން ހޮވައިގެން ގެނެސްފައިވާ 190 ރުފިޔާގެ ވެރިފަރާތް ހޯދުމަށްވެސް ވަނީ އިއުލާންކޮށްފައެވެ.
ހަމައެހެންމެ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި، ވެރިއަކުނެތް މިދިލިއޮށް ފޮށިގަނޑެއް އެބަހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ހަމަ އެ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ދޭއް ކައިރިއަށް ދަތުރުކުރި ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ ތަޅުދަނޑިފައްޗެއް އެއާޕޯޓް ޕޮލިސްގެ ބެލުމުގެ ދަށުގައި އޮތްއިރު، އެކަމާ ގުޅޭގޮތުން ގުޅަން ޖެހެނީ 9400056 އަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މި ތަކެތީގެ ވެރިފަރާތްތަކުން ކަނޑައެޅިފައިވާ ފޯނު ނަންބަރުތަކަށް ގުޅައި، އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރަން ވާނެއެވެ. އަދި ތަކެއްޗާ ހަވާލުވުމަށްޓަކައި، ކާކުކަން އަންގައިދޭ ލިޔުމަކާއެކު ކަމާގުޅޭ ޕޮލިސް ސްޓޭޝަންތަކަށް ހާޒިރުވުމަށް ފުލުހުން ވަނީ އެދިފައެވެ.