ޗެޓްޖީޕީޓީ ބޭނުންކޮށްގެން 46،000 އަށްވުރެ ގިނަ އޮންލައިން އެކައުންޓް ޑިލީޓްކޮށްލި މައްސަލައެއްގައި ޖަޕާނުން 15 އަހަރުގެ ހައިސްކޫލް ދަރިވަރަކު ހައްޔަރުކޮށްފިއެވެ.
ޓޯކިޔޯ މެޓްރޮޕޮލިޓަން ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އާޓިފިޝަލް އިންޓެލިޖެންސް ޓޫލްގެ އެހީގައި ސޮފްޓްވެއާއެއް އުފައްދައިގެން މި ހަމަލާ އަމާޒުކޮށްފައިވަނީ މަގްބޫލު އެނިމެ ސްޓްރީމިން ޚިދުމަތެއް ކަމަށްވާ "ބަންޑާއީ ޗެނަލް" އަށެވެ. މި ހާދިސާގެ ސަބަބުން އެ ޕްލެޓްފޯމްގެ ޚިދުމަތްތައް މެދުކެނޑި، ޖުމްލަ 46,812 ޔޫޒަރުންގެ އެކައުންޓް ވަނީ ކެންސަލްވެފައެވެ.
ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ ދުވަސްވަރު ޖޫނިއާ ހައިސްކޫލްގައި ކިޔަވަމުންދިޔަ މި ދަރިވަރު ވަނީ ބަންޑާއީ ޗެނަލްގެ ސެކިއުރިޓީ ބަލިކަށިކަމެއް ހޯދައި، އެކައުންޓްތަކަށް ނާޖާއިޒު ގޮތުގައި ވަނުމަށް އޮޓޮމޭޓެޑް ޕްރޮގްރާމެއް ބޭނުންކޮށްފައެވެ. އޭނާ ފުލުހުންނަށް ކިޔައިދިން ގޮތުގައި، އެކައުންޓްތައް އުވާލުމަށް ބޭނުންވާ ސޯސް ކޯޑް އަމިއްލައަށް އުފެއްދި ނަމަވެސް، ޕްރޮސެސިން ލަސްވާތީ ޗެޓްޖީޕީޓީ ބޭނުންކޮށްގެން އެހެން ޕްރޮގްރާމިން ބަހަކުން އެ ކޯޑް ނިންމާލީއެވެ. މިގޮތުން 2025 ނޮވެމްބަރު 4 ގައި ސާވަރަށް ފޮނުވި ވަގު އޯޑަރުތަކުގެ ސަބަބުން، ނޮވެމްބަރު 6 އިން ފެށިގެން ކުންފުނީގެ ޚިދުމަތް މުޅިން މެދުކެނޑި، އަލުން ޚިދުމަތް ދެވޭވަރުވީ އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
މި ހަމަލާ ހުއްޓުވުމަށްޓަކައި ކުންފުނިން އޭނާގެ އެކްސެސް ބްލޮކްކުރި ނަމަވެސް، އޭނާ ވަނީ އައިޕީ އެޑްރެސް ގާތްގަނޑަކަށް 30 ފަހަރު ބަދަލުކޮށްގެން ސާވަރަށް ގޯސް ކޮމާންޑްތައް ފޮނުވުމުގައި ދެމިހުރެފައެވެ. މި ކުއްޖާއަކީ މީގެ ކުރިން މިއަހަރުގެ ޖޫން މަހުވެސް ކޮމްޕިއުޓަރާ ގުޅުންހުރި އެހެން ކުށްތަކެއްގެ ތުހުމަތުގައި ހައްޔަރުކުރި ކުއްޖެކެވެ. އޭނާ ބުނި ގޮތުގައި އޭނާ ކޮމްޕިއުޓަރު ބޭނުންކުރަން ފެށީ ގްރޭޑް 4 އެއްގައި އުޅުނު އިރުން ފެށިގެން ކަމަށާއި، ޕްރޮގްރާމިންގެ ހުރިހާ ކަމެއް ދަސްކުރީ އަމިއްލައަށެވެ.
ފުލުހުންގެ ތަހުގީގުގައި އޭނާ ވަނީ ކުރި ކުށަށް އިއުތިރާފުވެފައެވެ. އަދި ބަންޑާއީ ނަމްކޯ ކުންފުންޏާ މެދު އެއްވެސް ޒާތީ ރުޅިވެރިކަމެއް ނެތް ކަމަށާއި، އެ ޕްލެޓްފޯމަށް ހަމަލާދިނީ "ލޮގިންވެވެން ހުރި ގިނަ އެކައުންޓްތަކެއް ފަސޭހައިން ފެންނަން ހުރުމުން" ކަމަށް އޭނާ ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ބަންޑާއީ ކުންފުނިން ވަނީ ގެއްލުންވި ކަސްޓަމަރުންނަށް ވަކިވަކިން އެކަން އަންގައި، މި ދަނޑިވަޅުގައި އަންނަ ފިޝިންގ އީމެއިލްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި އެކައުންޓް ކެންސަލްވި މެމްބަރުންނަށް އަލުން ރަޖިސްޓްރީވުމަށް އަންގައި، ޚިދުމަތް މެދުކެނޑުނު މުއްދަތުގެ ފީ އަނބުރާ ދޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ޔޫޒަރުންގެ އެއްވެސް ޑޭޓާއެއް އޮންލައިންއަށް ދޫކޮށްލާފައިވާކަމުގެ ނުވަތަ ނާޖާއިޒު ބޭނުމެއް ކޮށްފައިވާކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައިނުވާކަމުގެ ޔަގީންކަންވެސް ކުންފުނިން ދެއެވެ.