ގުރުއާން ކިޔެވުުގައި ދެމިތިބޭ މީހާ ހުންނާނީ ގެއްލުން ނުވެ، ފައިދާވާ ވިޔަފާރިއެއްގައި: ޚުތުބާ

ދެ މީހަކު ގުރުއާން ކިޔަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކީރިތި ގުރުއާން ކިޔެވުމުގައި ދެމިހުންނަ މީހަކީ، ގެއްލުމެއް ނުވާނެ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޚުތުބާ ޚާއްސަކޮށްފައި ވަނީ، ކީރިތި ގުރުއާން ކިޔެވުމުގެ މާތްކަމުގެ މައްޗަށެވެ.

އެންމެ ބަރަކާތްތެރި ފޮތަކީ ކީރިތި ގުރުއާންކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެއީ ކޮންމެ ހެޔޮކަމާއި ބާއްޖަވެރި ކަމުގެ އަސްލު ކަމަށެވެ.

"ހުރިހާ ކާމިޔާބީއެއްގެ ސިއްރެވެ. އެ ފޮތުގެ އުޞޫލުތަކުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، އެ ފޮތް ކިޔެވުމުގައި ދެމިހުންނަ މީހަކީ، ގެއްލުމެއްނުވާނޭ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެކެވެ" ޚުތުބާގައި ބުންޏެވެ.

މީހަކު ގުރުއާން ކިޔަވަނީ: މިއަދުގެ ހުކުރު ޚުތުބާގައި ކިޔައިދިނީ ގުރުއާނުގެ މާތްކަމުގެ ވާހަކަތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކީރިތި ގުރުއާން ތިލާވަތުކުރުމަކީ އިންސާނާގެ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ މާތް އަޅުކަމެއް ކަމަށާއި ބަލިތަކަށް އޮތް ޝިފާއެެއްގެ ގޮތުގައި ޚުތުބާގައި ސިފަކުރިއެވެ. އަދި، އެ މާތް ފޮތް ކިޔަވައި، އެއަށް ޢަމަލުކުރާ މީހާއަށް ޤިޔާމަތް ދުވަހު އެ ފޮތް ޝަފާޢަތްތެރިވާނެ ކަމާއި އެ ފޮތުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ހެޔޮކަމުގެ ޘަވާބު މާތް ﷲ ދެއްވާނެކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

ޚުތުބާގައި ބުނީ، އެ ފޮތުގައި ހިމެނޭ އާޔަތްތަކުގެ މާނަތަކާ މެދު ވިސްނައި ފިކުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޒިރުވެވަޑައިގެން، އެބައިމީހުންނަށް ޓަކައި ހެޔޮ ދުޢާކުރައްވައި، ޝައިޠާނާގެ ނުބައިކަމުންނާއި ވަސްވާސްތަކުން ރައްކާތެރި ކޮށްދެއްވާނެ ކަމަށެވެ.

މީގެއިތުރުން، މާތް ﷲގެ ތަނަވަސްވެގެންވާ ރަޙުމަތާއި ފާފަފުއްސެވުމުގެ ހިޔާވަހިކަން އެކަލާނގެ ގުރުއާނުގެ އާޔަތްތަކާމެދު ފުންކޮށް ވިސްނާ މީހުންނަށް މިންވަރުކުރައްވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާ ނިންމާލީ، ގުރުއާނަށް ތަގުވާވެރި ވުމަށް ގޮވާލައި، އެ ފޮތުގެ އަމުރުތަކާ ޚިލާފުވާ މީހުންނަށް އޮތީ ނުބައި ކަންތައްތައްކަން ހަނދާންކޮށްދެމުންނެވެ.

comment ކޮމެންޓް