ހިމަބިހި ފެތުރުން: ޔުނިސެފުން ރާއްޖެއަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި

ޔުނިސެފުން ރާއްޖެއަށް އެމްއާރް ވެކްސިން ހަދިޔާކުރުން -- ސަން ފޮޓޯ/ އަހުމަދު ފިރިޔާލް

ޔުނިސެފުން ރާއްޖެއަށް މީސަލްސް-ރުބެއްލާ (އެމްއާރު) ވެކްސިންގެ 28،000 ޑޯޒް ހަދިޔާކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ، މި ވެކްސިންތަކަކީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމަށްޓަކައި ކުރިއަށްގެންދާ "އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން" ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ދިން ތަކެތި ކަމަށެވެ.

މި ކަމަށްޓަކައި އިއްޔެ ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޔުނިސެފްގެ ފަރާތުން ވެކްސިން ހަވާލުކޮށްދެއްވީ އެ ޖަމާއަތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވަޑް އަޑައި އެވެ. ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ހެލްތް މިނިސްޓަރު ގީލާ އަލީ އެވެ.

https://sun.mv/224364

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތިމާގެ އަމިއްލަ ނަފުސު ރައްކާތެރިކުރުމަކީ، ތިމާގެ އާއިލާއާއި، މުޖުތަމައާއި، ބަލިތަކަށް އެންމެ ނާޒުކު މީހުން ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ހަފުތާގައި އެކަނިވެސް މާލެ ސަރަހައްދުން ހިމަބިހީގެ 55 ކޭސް ވަނީ ފެނިފައެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 121 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މި ބަލި އެންމެ ގިނައިން ޖެހިފައިވަނީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ.

ޔުނިސެފުން ރާއްޖެއަށް އެމްއާރް ވެކްސިން ހަދިޔާކުރުން -- ސަން ފޮޓޯ/ އަހުމަދު ފިރިޔާލް

ހިމަބިއްސަކީ 2017 ވަނަ އަހަރު ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ނަމަވެސް، ދޭތެރެދޭތެރެއިން މި ބަލި ޖެހިފައިވާ މީހުން ފެންނަމުންދެއެވެ.

މިނިސްޓްރީން ވަނީ، މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ވެކްސިން ދިނުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށް ބުނެފައެވެ.

އިއްޔެ އެޗްޕީއޭއިން ވަނީ، އެމްއާރު ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތިންވަނަ ފިޔަވަހީގެ ދަށުން، ވެކްސިން ދެ ޑޯޒް ފުރިހަމަވެފައި ނުވާ 49 އަހަރުން ދަށުގެ މީހުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން މިނިސްޓަރު ގީލާ ވިދާޅުވެފައިވަނީ ހިމަބިއްސަކީ ވަރަށް އަވަހަށް ފެތުރޭ ބައްޔެއް ނަމަވެސް މިއީ ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން ކަމަށެވެ. އަދި ސިއްހީ ދާއިރާގެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހިމަބިހި ޖެހެނީ "މީސްލްސް ވައިރަސް"ގެ ސަބަބުންނެވެ.

ޑރ. ޢަބްދުލް ޢަޒީޒު ޙަމީދުގެ 'ސިއްހަތު ބްލޮގް'ގައިވާ ގޮތުން، އެ ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ޖަރާސީމުންނާއި، އެ ޖަރާސީމުން ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލެވުމަށްފަހު، އަތްނުދޮވެ، ނޭފަތް، އަނގަ ނުވަތަ ލޮލުގައި އަތްލުމުންނެވެ. އަދި ބަލިޖެހިފައިވާ މީހާ ބޭނުންކޮށްފައިވާ ކާބޯތަކެތި އަނެކާ ބޭނުންކުރުމަކީ ވެސް، މަދުން ނަމަވެސް ހިމަބިހި ޖެހޭ ގޮތެއް ކަމަށް ލިޔުއްވާފައިވެއެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި:

  • ގަދަޔަށް ހުން އައުން
  • ނޭފަތުން އަރިދަފުސް ނުވަތަ ފެންއައުން
  • ކިނބިހިއެޅުން
  • ކަރުތެރެ ހަލާކުވެ ފާރުވުން
  • ކެއްސުން
  • ވަރުބަލިވުން
  • ނުތަނަވަސްވުން
  • ގައިގައި ނުވަތަ މަސްތަކުގައި ރިހުން
  • ކާހިތްނުވުން

ޑރ. ޢަބްދުލް ޢަޒީޒުގެ ބްލޮގްގައިވާ ގޮތުން، ހިމަބިހި ޖެހުމުން ހަށިގަނޑުގައި ނަގާ ރަތް ކުލައިގެ ބިހިތައް ފުރަތަމަ ނަގަނީ ނިއްކުރި މަތިން ގޮސް ބޮލުގެ އިސްތަށި ފެށިފައި ހުންނަ ހިސާބުންނެވެ.

ޞިއްޙީ މާހިރުން ވަނީ، ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަކޮށްފައެވެ.

comment ކޮމެންޓް