އިންޑިއާގެ ވިޔަފާރިއާ ބެހޭ ވަޒީރާއި، މިނިސްޓަރު ސައީދު، އެފްޓީއޭ ތަންފީޒުކުރުމާ ގުޅޭ މަޝްވަރާ ކުރައްވައިފި

ވަޒީރު ސައީދު ވިދާޅުވީ، އިންޑިއާގެ ވަޒީރު ޕިޔޫޝް ގޯޔަލްއާ ބައްދަލުކުރެއްވުން -- ފޮޓޯ: މިނިސްޓަރު ސައީދު /އެކްސް

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ތަންފީޒުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، އިންޑިއާގެ ކޮމާސް މިނިސްޓަރު ޕިޔޫޝް ގޯޔަލްއާ އެކު މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔޫޝް ގޯޔަލްގެ ދައުވަތަކަށް މިހާރު އިންޑިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުން ބަދަހިކުރުމާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ވަޒީރު ސައީދު ވިދާޅުވީ، އިންޑިއާގެ ވަޒީރު ޕިޔޫޝް ގޯޔަލްއާ އެކު ބޭއްވުނީ ވަރަށް އުފެއްދުންތެރި އަދި ބިނާކުރަނިވި ބައްދަލުވުމެއް ކަމަށެވެ.

މި މަޝްވަރާތަކުގައި މައިގަނޑު ތިން ދާއިރާއަކަށް އަލިއަޅުއްވާލެއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތަކާ ބެހޭ އެއްބަސްވުމެއް (ބައިލޭޓަރަލް އިންވެސްޓްމަންޓް ޓްރީޓީ) ނިންމުމާއި، އަދި ވިޔަފާރީގެ ދާއިރާއިން ފެށުމަށް ގަސްތުކުރާ އާ މަޝްރޫއުތަކެވެ.

ވަޒީރު ސައީދު އިތުރަށް ވިދާޅުވީ، މި މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގެންގުޅުއްވާ ތަސައްވުރު ތަންފީޒުކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

އަދި އިންޑިއާ ސަރުކާރުން ބެހެއްޓެވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވަމުން، މި މަޝްވަރާތަކުގެ ނަތީޖާ ދެ ގައުމުގެ ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި މުދާ އެތެރެކުރުމާއި ބޭރުކުރުމުގައި ހުރި ހުރަސްތައް ނެތިގޮސް، ވިޔަފާރިވެރިންނަށާއި އިންވެސްޓަރުންނަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

މި ބައްދަލުވުމުގައި ވަޒީރު ސައީދުގެ އަރިހުގައި އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު އައިޝަތު އަޒީމާ އާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް