ތެލުގެ ވިޔަފާރިއަށް ބިން ދިން ގޮތާ ގުޅޭ ގޮތުން، ހޯރަފުށީގެ ކުރީގެ ކައުންސިލަށް ދައުވާކުރަން ފޮނުވައިފި

ހޯރަފުށީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ބައެއް މެންބަރުން -- ފޮޓޯ/ ހޯރަފުށީ ކައުންސިލް

ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ގަވާއިދާ ޚިލާފަށް ބިން ދިނުމުގެ ތުހުމަތުގައި، އެ ރަށު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ މެންބަރުންނަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ނިމުނު އޭޕްރިލް މަހުގެ 20 ވަނަ ދުވަހެވެ.

އޭސީސީއިން މިއަދު ބުނީ، ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް 5000 އަކަފޫޓުގެ ބިމެއް ގަވާއިދާ ޚިލާފަށް ކައުންސިލުން ދިނުމުގެ ތުހުމަތުގައި، ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލަ އެ އޮފީހުން ބަލައިގެންފައިވާ ކަމަށް ބުނެފައެވެ.

ހޯރަފުށީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ބައެއް މެންބަރުން -- ފޮޓޯ/ ހޯރަފުށީ ކައުންސިލް

އެ މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ރައީސް މުޙައްމަދު ވަޙީދާއި، ނައިބު ރައީސް އަޙްމަދު އިމްދާޙުގެ އިތުރުން އެ ދައުރުގެ ކައުންސިލް މެންބަރުން ކަމަށްވާ އިބްރާހީމް ޝާކިރާއި އަޙްމަދު ރައޫފާއި މަރްޔަމް ވަކީލާއާއި އާމިނަތު ވިސާމާގެ އިތުރުން އާމިނަތު ނާޞިޙާގެ މައްޗަށެވެ.

އޭގެ ތެރެއިން އިމްދާހާއި، ރައޫފާއި ވިސާމާ މިހާރުގެ ކައުންސިލްގައި ވެސް ތިއްބަވައެވެ.

އޭސީސީއިން މި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައި ދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

comment ކޮމެންޓް