އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް އެންމެ ގިނައިން ފޮނުވަނީ ކެންސަރު ބަލީގެ ފަރުވާއަށް ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައި ގީލާ ވިދާޅުވީ މިދިޔަ އަހަރު އެ ބަލީގެ ފަރުވާއަށް 2،000 މީހުން ރާއްޖޭން ބޭރަށް ފޮނުވި ކަމަށެވެ. އަދި މިދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭން ބޭރަށް އެންމެ ގިނަ މީހުން ފޮނުވީ ކެންސަރުގެ އެކި ފަރުވާތަކަށާއި ރާއްޖޭން ނުހެދޭ އުނދަގޫ ޓެސްޓްތައް ހަދަން ކަމަށް ވެސް ގީލާ ވިދާޅުވިއެވެ.
..2023 ވަނަ އަހަރު 1،638 މީހުން ވަނީ ކެންސަރުގެ ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވިފައި. އަދި 2024 ވަނަ އަހަރު މި އަދަދު ވަނީ 1،996 އަށް އިތުރުވެފައި. އަދި 2025 ވަނަ އަހަރު މި އަދަދު ވަނީ 2،000 އަށް ވުރެ މައްޗަށް އަރައިފައި، ހެލްތު މިނިސްޓަރު ގީލާ އަލީ
މިނިސްޓަރު ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި މުޅިން އަލަށް ފޮނުވި މީހުންނާއި ބަލީގެ ބާވަތުން ތަކުރާރުކޮށް ފޮނުވި މީހުން ވެސް ހިމެނޭނެއެވެ. އަދި ކައިރި ގައުމުތަކުގައި ދިރިއުޅޭ ދިވެހީން ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކެންސަރު ބަލީގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ މީހުން ފޮނުވި ނަމަވެސް ގިނަ މީހުން ކީމޯ ތެރަޕީ ހަދަނީ ރާއްޖޭގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރު ކީމޯ ތެރަޕީގެ ފަރުވާ ރާއްޖެއިން ބޭރުން ހޯދާފައި ވަނީ އެންމެ 39 މީހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ކީމޯ ތެރަޕީގެ ޚިދުމަތް ގާއިމްވެފައިވާ އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ނުވަ އެނދު މިކަމަށް ޚާއްސަ ކުރެވިފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލުން އެކަނި ވެސް މިދިޔަ އަހަރު 755 މީހުން މި ޚިދުމަތް ހޯދިކަން ގީލާ ފާހަގަކުރެއްވިއެވެ.

ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް
ކެންސަރަކީ ބަލީގެ ކުރީކޮޅު ބަލި ދެނެގަނެ، ފަރުވާކޮށްފިނަމަ ފުރާނަ ސަލާމަތްކުރެވޭ ބައްޔަކަށް ވާތީ ބަލި ދެނެގަތުމުގެ ޚިދުމަތް ފެށުމަކީ މި ސަރުކާރުން ކުރި އެންމެ މުހިއްމު މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ކެންސަރު ދެނެގަތުމަށް ކުރާ ސްކްރީނިންގެ ޚިދުމަތްތައް މިހާރު ވަނީ މާލޭގެ އިތުރުން އަތޮޅުތަކަށް ވެސް ފުޅާކުރަން ފަށާފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އަންހެނުންގެ މެދުގައި އެންމެ ގިނައިން ފެންނަ އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމަށް ހަދާ މެމޮގްރަފީގެ ޚިދުމަތް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ފަސް ރީޖަނަލް ހޮސްޕިޓަލަކާއި، ފުވައްމުލަކު ހޮސްޕިޓަލް އަދި ބ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ވަނީ ގާއިމްކޮށްފައެވެ. މި ފަސޭހައާއެކު މިހާތަނަށް 750 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ތިބެގެން މި ޚިދުމަތް ހޯދާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގައި އާންމު ވަމުންދާ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ޓެސްޓްކުރުމުގެ ޚިދުމަތް ވެސް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަލްޓި-ސްޕެޝަލިޓީ ހޮސްޕިޓަލުގެ މަސައްކަތްތައް 2028ވަނަ އަހަރުގެ ކުރިން ނިންމައިލައި، ކެންސަރަށް ބޭނުންވާ އަސާސީ ފަރުވާ އެ ހޮސްޕިޓަލް މެދުވެރިކޮށް ދެވެން ފެށޭނެ ކަމަށް މިދިޔަ މަހު ގީލާ ވަނީ ވިދާޅުވެފައެވެ.
މިދިޔަ އަހަރު އެކަނިވެސް 53 ފިރިހެނަކަށާއި 67 އަންހެނަކަށް ކެންސަރު ޖެހިފައިވާ ކަމަށް އޭރު ގީލާ ވިދާޅުވިއެވެ.
ހަމައެއާއެކު ކެންސަރު ބައްޔަށް ދޭ ފަރުވާތަކާއި ދަރިމައިވުމުގެ ޚިދުމަތްތަކާއެކު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 އެނދުގެ މަލްޓި-ސްޕެޝަލިޓީ ހޮސްޕިޓަލެއް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ކެންސަރު ބައްޔަކީ ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް އާންމުވަމުންދާ ބައްޔަކެވެ. އެ ބަލި ޖެހުމުގައި ދިރިއުޅުމުގެ ވައްޓަފާޅީގެ ދައުރު ވަރަށް ބޮޑެވެ. އަދި އާއިލީ ގޮތުން ވާރުތަ ކުރުމުގެ ފުރުސަތު ވެސް އޮވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖޭގެ 2020 ވަނަ އަހަރު ތަފާސްހިސާބުތަކުގެ މައްޗަށް އަންދާޒާކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރު ވަނީ ކެންސަރު ބަލީގައެވެ.
ކެންސަރު ހޮސްޕިޓަލްގެ މަޝްރޫއަކީ މިދިޔަ ސަރުކާރުގައި ފެށި މަސައްކަތެކެވެ. އޭރުގެ ސަރުކާރުން ނިންމާފައި އޮތީ ލ. ގަމުގައި އެ ހޮސްޕިޓަލް ތަރައްގީކުރާށެވެ. އޭރުގެ ސަރުކާރުން ކެންސަރު ހޮސްޕިޓަލް ތަރައްގީކުރަން އުޅުނީ އަވަށްޓެރި އިންޑިއާގެ އެހީގައެވެ.