ނިންޖަކީ ހަމައެކަނި ސިކުނޑިއަށް ބޭނުންވާ އެއްޗެއް ނޫނެވެ. އެއީ މުޅި ހަށިގަނޑުގެ ދިރުމާ ގުޅިފައިވާ ކަމެކެވެ.
ނިދުމަކީ ހަށިގަނޑާއި ސިކުނޑި އަދި ދިފާއީ ނިޒާމު ހަމައަކަށް އަޅުވައި، ކުރިއަށް އޮތް ދުވަހަށް ތައްޔާރުވުމަށް ލިބޭ މުހިންމު ފުރުސެތެކެވެ. ނަމަވެސް، މި ޒަމާނުގެ ދިރިއުޅުމުގެ އާދަކާދަތަކުގެ ސަބަބުން، އޭގެ ދުރު ރާސްތާގެ ނުރައްކަލާ މެދު ވިސްނާލުމެއް ނެތި، އަޅުގަނޑުމެންގެ ނިދި މިދަނީ މަދުވަމުންނެވެ.
ދަންވަރު ގިނަ ވަގުތު ސްކްރީންތަކަށް ބެލުމާއި، އާޓިފިޝަލް އަލިތަކަށް ހުށަހެޅުމާއި، ކެފެއިން ބޭނުންކުރުމުގެ އިތުރުން ނަފުސާނީ ބުރަ ބޮޑުވުމަކީ، ނިދި ލަސްކުރުމަށް ސިކުނޑި ހާނުވައިދޭ ކަންކަމެވެ. ހަށިގަނޑަށް މިކަމުގެ ނޭދެވޭ އަސަރުތައް ކުރަން ފަށަނީ ބޭރުފުށުން އެއްވެސް ޢަލާމާތެއް ފެނުމުގެ މާ ކުރިންނެވެ.
އެޕޯލޯ ކްލިނިކްގެ ސީނިއާ ކޮންސަލްޓަންޓް ސައިކޭޓްރިސްޓް، ޑރ. ސްރީނިވާސް ރާޖްކުމާރު ޓީ ވިދާޅުވާ ގޮތުގައި، ނިންޖަކީ ހަމައެކަނި ވަގުތު ހޭދަކޮށްލުމެއް ނޫނެވެ. އެއީ ނާރުތަކުގެ ދިރުމާއި ނަފުސާނީ ދުޅަހެޔޮކަން އިއާދަކޮށްދޭ ބަޔޮލޮޖިކަލް މަރުހަލާއެކެވެ.

ނިދުމުގެ ކުރިން ސްކްރީންތަކާ ދުރުވެ ކެފެއިން ބުއިންތަކާ ދުރުވުމަކީ ފަސޭހަ ނިންޖަކަށް އުއްމީދުކުރާނަމަ ކުރެވިދާނެ ބައެއް ކަންކަން--ފޮޓޯ/އެމްއެސްއެން
ގަދަ ނިދީގައި ހަށިގަނޑުގެ ސެލްތައް މަރާމާތުވެ، ހޯމޯންތައް ހަމައަކަށް އެޅި، ދިފާއީ ނިޒާމު ވަރުގަދަވެއެވެ. އަދި ހުވަފެނީ ނިދީގައި ހަނދާންތައް ވަރުގަދަވެ، އިހްސާސްތައް ކޮންޓްރޯލް ކުރަން ދަސްވެއެވެ.
ނިދި މަދުވުމުން މި މުހިންމު މަސައްކަތްތައް ފުރިހަމައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން، ބޭރުފުށުން ރަނގަޅުހެން ހީވިޔަސް، ހަށިގަނޑުގެ އެތެރޭގެ ނިޒާމުތައް ބަލިކަށިވާން ފަށައެވެ.
ބޮޑެތި މީހުން ދުވާލަކު ހަ ގަޑިއިރަށް ވުރެ މަދުން ނިދާނަމަ، ބަނޑުހައިވުން ކޮންޓްރޯލްކުރާ ހޯމޯންތަކަށް ބަދަލު އާދެއެވެ. ކާހިތްވާ މިންވަރު އިތުރުކޮށްދޭ 'ގްރެލިން' އިތުރުވެ، ބަނޑު ފުރިއްޖެކަން އަންގައިދޭ 'ލެޕްޓިން' މަދުވުމުގެ ފުރުސަތު އޮންނަ ކަމަށް ޑރ. ސްރީނިވާސް ވިދާޅުވެއެވެ.
މީގެ ސަބަބުން ފޮނި އެއްޗިއްސާއި ތެޔޮ އެއްޗިއްސަށް އޮންނަ ޝައުގުވެރިކަން، ޚާއްސަކޮށް ރޭގަނޑު އިތުރުވެ، ބަރުދަން އިތުރުވުމަށް މަގުފަހިވެއެވެ. އެންމެ ރެޔަކު ނިދި މަދުވިޔަސް، ހަށިގަނޑުގެ ހަކުރު ކޮންޓްރޯލްކުރުމުގެ ގާބިލުކަން 20-25 އިންސައްތައަށް ދަށްވެ، ހަކުރު ބައްޔާ ދިމާލަށް މިސްރާބު ޖަހައެވެ. އަދި ނިދި މަދުވުމުން 'ކޯޓިޒޯލް' ލެވެލް މަތިވެ، ބަރުދަން ލުއިކުރުމަށް ހުރަސްއެޅެއެވެ.

ހަށިގަނޑަށް ބޭނުންވާ ފުރިހަމަ ނިދި ލިބޭނަމަ ސިކުނޑި އަދި ދިފާއީ ނިޒާމު ހަމައަކަށް އަޅުވައި، ކުރިއަށް އޮތް ދުވަސް ތާޒާކަމާ އެކު ފެށުމަށް އެހީތެރިވެދޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
އަރާމު ނިންޖަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ އެންމެ މުހިންމު އެއް ވަސީލަތެވެ. ގަދަ ނިދި މަދުވުމުން، ވައިރަސްތަކާއި ކެންސަރުގެ ސެލްތަކާ ދެކޮޅަށް މަސައްކަތްކުރާ 'ނެޗުރަލް ކިލަ' ސެލްތައް ވަރަށް ބޮޑަށް މަދުވެއެވެ.
މީގެ ސަބަބުން އަވަސް އަވަހަށް ބަލިވުމާއި، ބަލިތަކުން ފަސޭހަވާން ގިނަ ދުވަސް ނެގުން ފަދަ ކަންކަން މެދުވެރިވެއެވެ. ދިގު މުއްދަތަކަށް މިކަން ދެމިގެންދާނަމަ ހަކުރު ބައްޔާއި، ހިތުގެ ބަލިތަކުގެ ނުރައްކާ އިތުރުވެއެވެ.
ނިންޖަކީ ދުވާލުގެ ބުރަކަމާއި ހާސްކަމުން ސިކުނޑިއަށް ލިބޭ އަރާމެކެވެ. ނިދި މަދުވުމުން، ބިރާއި ހާސްކަން ކޮންޓްރޯލްކުރާ ސިކުނޑީގެ ބައި މާ ބޮޑަށް ހަރަކާތްތެރިވެ، ކަންކަން ކޮންޓްރޯލްކުރުމުގެ ބާރު ކުޑަވެއެވެ.
މީގެ ނަތީޖާއެއްގެ ގޮތުން އަވަހަށް ރުޅިއައުމާއި، ހާސްވުމާއި، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުން ފަދަ ކަންކަން މެދުވެރިވެއެވެ. އަދި މިއީ ޑިޕްރެޝަން އަދި އެންޒައިޓީ ފަދަ ނަފުސާނީ ބަލިތައް އިތުރަށް ގޯސްވާން މެދުވެރިވާ ކަމެއް ކަމަށް ޑރ. ސްރީނިވާސް ވިދާޅުވެއެވެ.
ނިދީގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްވެ، ހިތުގެ ވިންދު ހަމައަކަށް އެޅި، ލޭހޮޅިތަކަށް އަރާމު ލިބެއެވެ. މި އަރާމު ނުލިބޭނަމަ ހިތަށް ބާރުބޮޑުވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ރެޔަކު ފަސް ގަޑިއިރަށްވުރެ މަދުން ނިދާ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު 30 އިން 40 އިންސައްތައަށް އިތުރުވެއެވެ.
ނިދި މަދުވުމުން ހަށިގަނޑުން ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި، ދަންވަރު ކާހިތްވުން ނުވަތަ ސައިބޯން ބޭނުންވުން، އަވަސް އަވަހަށް އަރިދަފުސް ރޯގާ ޖެހުން، ހަނދާން ނެތުމާއި، ދުވާލު ގަޑީގައި ވަރުބަލިވުން، މިޒާޖަށް ބަދަލު އައުމާއި، އަވަހަށް ރުޅިއައުން، ވަރުބަލިވިޔަސް ފަސޭހައިން ނިދި ނައުން، ހިތުގެ ވިންދު އަވަސްވުން ނުވަތަ ލޭގެ ޕްރެޝަރު މަތިވުން އަދި ހެނދުނު ބޮލުގައި ރިއްސުން ހިމެނެއެވެ.
އަރާމު ނިންޖަކަށްޓަކައި އާދަކޮށް ކުރެވިދާނެ މުހިއްމު ބައެއް ކަންކަން ޑރ. ސްރީނިވާސް ވަނީ ފާހަގަކުރައްވާފައިވާއިރު އޭގެތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނެއެވެ.
1. ކޮންމެ ދުވަހަކުވެސް އެއް ގަޑިއެއްގައި ނިދައި، އެއް ގަޑިއެއްގައި ހޭލުމަށް އާދަކުރާށެވެ.
2. ހެނދުނުގެ އަވީގައި 10-20 މިނެޓު ހޭދަކުރާށެވެ.
3. ނިދުމުގެ 1-2 ގަޑިއިރު ކުރިން ސްކްރީންތަކާއި ގަދަ އައްޔާ ދުރުވާށެވެ.
4. މެންދުރުފަހުން ކެފެއިން ހުންނަ ބުއިންތައް ބޭނުންކުރުން މަދުކުރާށެވެ.
5. ނިދާ ކޮޓަރިއަކީ ފިނި، އަނދިރި އަދި ހިމޭން ތަނަކަށް ހަދާށެވެ.
6. ގަވާއިދުން ކަސްރަތު ކުރާށެވެ. ނަމަވެސް ނިދުމުގެ ވަގުތާ ކައިރިކޮށް ކަސްރަތު ނުކުރާށެވެ.
7. މެލަޓޮނިން ނުވަތަ މެގްނީޒިއަމް ފަދަ ސަޕްލިމެންޓްތަކުން ވަގުތީ ލުޔެއް ލިބުނަސް، އެއީ ނިދުމުގެ ނުބައި އާދަތަކަށް އޮތް ދާއިމީ ހައްލެއް ނޫނެވެ.
ނިދުމުގައި އުނދަގޫތަކެއް ކުރިމަތިވާކަމުގެ އިހުސާސްކުރެވި، ނިދީގައި ގަދައަށް ގުގުރި ދެމުން ނުވަތަ އާދަޔާ ޚިލާފަށް ނިދި ނައުން ފަދަ ކަންކަން ދިމާވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.