"ޚިޔާލުތައް ގިނަވެ އަބަދު ވިސްނުމުން ތިބާގެ ހަމަޖެހުން ނެތިގެން ހިނގައިދާނެއެވެ. އެންމެ ރަގަޅުގޮތަކީ ﷲއަށް ވަކީލުކޮށް ދުޢާއާއި ނަމާދު އަދި ޒިކުރުކޮށްގެން ހިތްހަމަޖެހުން ހޯދުމެވެ."
***
ނޯޔާއަށް އައި މެސެޖަކުން ލިބުނު ޝޮކާއެކު ކަޅިޖަހާނުލާ ބަލަން އޮވެވުނެވެ.
ފޯނުގެ ސްކްރީނަށް އަލިވެގެން ދިޔުމާއެކު އެނދުމަތީގައި ރަޖާއާއި ބާލީސްތަކުގެ ހިމާޔަތުގައި އޮތް ނޯޔާ ފޯނު ނަގައި ބަލައިލިއެވެ. އެއީ އޭނާގެ ފިރިމީހާ ނަވީންގެ މެސެޖެކެވެ. ހިތަށް އުދަގޫކުރުވި މެސެޖެކެވެ. ގަބޫލުކުރަންވެސް ދަތިވިއެވެ. ނަވީން ރިޒޯޓުގައި އަންހެންކުދިންނާއިއެކު ތަންކޮޅެއް ގާތްކޮށް ފޮޓޯނަގާފައި ހުއްޓަސް މިވަރުގެ ދެރައެއް ދީފާނެކަމަށް ނޯޔާ ހިޔެއްނުކުރެއެވެ. އެއަށްވުރެ އަމިއްލަ ނަފުސަށް އޮތް އިތުބާރު ބޮޑީއެވެ. އޭނަހާ ރީތި އަންހެންކުއްޖަކު ދޫކޮށްލަން ނަވީންއަށް ކެރޭނީ ކިހިނެއްހެއްޔެވެ؟ އޭނަ ދެކުނުގޮތުގައި އޭނައަކީ ނަވީންގެ ފަޚުރެވެ.
"އަހަރެން ހުރީ މިވާހަކަ ނުބުނަން..ވަރަށް ގިނަ ދުވަހު ކެތްކުރެވިއްޖެ....އަހަރެން ނޯޔާދެކެ ލޯތްބެއްނުވޭ...ސޮރީ..."
ނޯޔާއަށް ލިބުނު ސިހުމާއެކު ހިތުގެ ތެޅުން އަވަސްވެ މެޔަށް ގޮތެއްވިއެވެ. މުޅި ހަށިގަނޑުވެސް އައްސިވިއެވެ.އޭނައަށް ކެތްނުވެގެން ގުޅަން ފެށުމުން ނަވީން ފޯނުނެގިއެވެ.
"ނަވީ...ޖޯކެއް ދޯ...ސަމާސާއެކޭ ބުނެބަލަ..."
"ސަމާސާއެއްނޫން ނޯޔާ...އަހަރެމެން ދެމީހުންގެ މި ކައިވެނި ދެމިއޮންނާނެހެން ހިޔެއްނުވޭ. އަހަރެމެން ދެމީހުން ވަކިވިއްޔާ އެންމެ ރަގަޅީ....."
"ނޫން ނޫން ޕްލީޒް ތިހެން ނުބުނޭ..ލޯބިނުވިޔަސް އެކީގައި އުޅެވިދާނެ.."
"ނަމެއްގައި ތިބުމުގެ މާނައެއްނެތް...."
"އަހަރެން ހުރެދާނަން ނަވީ...މިރަށު މީހުންގެ ގޮތް އެނގެއެއްނު..މަލާމާތާއި ފުރައްސާރައާއިހެދި ބޭރަށް ނިކުންނަންވެސް ނުކެރޭނެ..އެހެންނޫނަސް އަހަންނަށް ލިބުނުހާ ފައިސާއެއްވެސް ނަވީއަށް ދިނީ...ކީއްވެ ތިހާ އަނިޔާވެރިވަނީ؟ އަހަރެންގެ ކުށެއްނެތި ވަކިވާންވީ ކީއްވެތަ؟....އަދަލް ކައިވެންޏަށް އެހީމަވެސް އަހަރެން އެއްބަސްނުވެ ނަވީއާއި މެރީކުރީ....."
"އަދަލްއާއި ނޯޔާ އަލުން އިންނަންވީނު."
"ކީކޭޭ؟ މޮޔަވީތަ؟ ކީކޭ ތިކިޔަނީ..ހީޒް މެރީޑް..އޭނަ ސިދްރާދެކެ ލޯބިވާވަރު އަހަންނަށް ރަގަޅަށް އެނގޭޭ..." އޭނަގެ ލޮލުން ކަރުނަ ހިލުނެވެ."ނަވީ..އަހަރެން މާލެ ބަދަލުވާންވީތަ؟ ބުނެބަލަ ކިހިނެއް ހަދަންވީ؟ މި ކައިވެނި ރޫޅާނުލަން ކުރެވެން އޮތްހާ ކަމެއް ކުރަން މިހިރީ...އެހެންނޫނަސް މިކޮޅުގައި ހުންނަން މިހާރު ބޭނުމެއްނޫން...މާލެއަށް ބަދަލުވީމަ އެޓްލީސްޓް ވީކެންޑްގައި މީޓްކުރެވޭނެއްނު..."
"ނޯޔާ...އަހަރެން ބޭނުމެއްނޫން އެކީގައި އުޅެން..ތެދަށް މިބުނަނީ..."
"ކޮބާ ސަބަބަކީ؟"
"އަހަރެން މިއުޅެނީ ޔޫރަޕްކުއްޖަކާއި ރައްޓެހިވެގެން..ތެދަށް ބުނަންޏާ ނޯޔާއާއި ކައިވެނިކުރުމުގެ ކުރިންވެސް އަހަރެމެން ދެމީހުން އިޓަލީގައި އެތައް ދުވަހެއްވާންދެން އެކީގައި އުޅުނިން...މިހާރު ބޭނުމީ އޭނައާއި ކައިވެނިކުރަން..ތިއީ މިހާރު އަހަރެންގެ އަންބެއްނޫން.....މިނިވަންކޮށްފައި ތިހިރީ........."
"ހުއްޓާލާ....އިތުރަށް ވާހަކަ ނުދައްކާ....."ނޯޔާ އައި ކުއްލި ރުޅިގަނޑުގައި ހިތް އަނދައިގަތްފަދައެވެ. އޭނަ ފޯނު އެނދަށް އެއްލާލާފައި މޭގައި ކަކޫ ޖައްސައިލިގޮތަށް ވިސްނުމެއްގައި އިންއިރު ލޮލުން ކަރުނަ ތިއްކަކަށްފަހު ތިއްކެއް ފައިބަމުމް ދިޔައެވެ. އޭނައަށް ވިސްނުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. ބައެއްފަހަރު އިންސާނުންނަށް ލިބޭ ނިއުމަތުގައި ކޮޅުފައިން ޖެހެނީ ނޭގިއެވެ. އަދަލްފަދަ މާތް ޒުވާނަކު އޭނަގެ ދިރިއުޅުމުގެ ބައިވެރިޔަކަށް ވުމުގެ ފުރުސަތު ލިބުނެވެ. އޭނަ އަދަލްއަށް ކުރި މަލާމާތާއި ފުރައްސާރަ އަދިވެސް ހަނދާނުގައި ހަރުލާފައިވިއެވެ. އޭނަގެ ސަބަބުން ސަރަފީނާއާއި އޭނަގެ މަންމަގެ ދެމެދުގައި އޮތް އެކުވެރިކަންވެސް ހީނަރުވިއެވެ. ނަވީން މި ވީ ހީކުރިވަރަށްވުރެ ނުބައި ނުލަފާ މީހަކަށެވެ.
އޭނަގެ ރުޅިގަނޑު ފިނިވީއިރު ހިތާމައާއި މޮޅިވެރިކަމުގެ ސާލެއް އޮޅައިލެވުނުހެން ހީވިއެވެ. ކޮޓަރިތެެރެއަށް ވެރިވެފައިވި ފަނޑު އަލިކަން ނެތެމުންގޮސް އަނދިރިކަން ވެރިވުމުން ބޮކި ދިއްލަން ތެދުވާނެހިތްވަރެއްވެސް ނެތި ރޮމުން މޫނުގައި ބާލީސްއެޅިއެވެ. އޭނަ ގެ ހިތަށް ބޮޑަށް އަސަރުކުރީ ގެއްލުނު ފުރުސަތާއިމެދުގައެވެ. އޭނަގެ މޮޔަކަމާއިމެދުގައެވެ. އެންމެންގެ މަލާމާތުގެ އަމާޒު ފަތްގަނޑަކަށް އޭޭނަ ވާނެކަން އެނގުނެވެ.
މުޅި އެރޭ ކަރުނައާއި ހިތާމައައިގެ ކަނޑެއްގައި އޮތްއިރު އެކަނިވެރިކަންވެސް އިހުސާސްވިއެވެ.
އޭނަދެކެ ލޯބިވާނެ މީހަކު ހަމަ ނުލިބޭނީހެއްޔެވެ؟
ނޯޔާއަށް ނުވިސްނުނީ އެކަނިވެރިކަމަކީވެސް އިމްތިހާނެއްކަމެވެ. ﷲތައާލާއާއި ގުޅުން ވަރުގަދަކުރަން ހިތާމައާއި ގެއްލުންތައްވެސް މެދުވެރިވާކަމެވެ. އިންސާނާ ތިމާ އެކަނިކޮށްލިޔަސް ހެއްދެވިފަރަތް އަބަދު އެކީގައި ވޮޑިގެންވާނެކަމެވެ. ނޯޔާ ނަމާދު ގުރުއާން އަދި ޒިކުރުކުރުމުގެ ބަދަލުގައި ރުއިމާއި ޚިޔާލުތަކުގެ ތެރެއަށް ގެއްލިގެން ދިޔައީއެވެ. ތިމާއަށް ކެހިދިން އިންސާނަކަށްޓަކައިވެސް ބޭކާރު ކަރުނަ އޮހޮރުވަން އޮތީ އެއިން ކުރާނެ ފައިދާއެއްނެތްކަން އެނގޭއިރުވެސްމެއެވެ.
***
ޖެހިގެން އައި ދުވަހު ނޯޔާ ޑިއުޓީއަށް ސަލާމް ބުނެފައި ނުތެދުވެ އޮންނާން ފެށުމުން ބަދޫރާ ސުވާލުކުރަންފެށިއެވެ. އޭނަ ރުންކުރުވެފައި ބުނީ ބޮލުގައި ރިއްސަނީކަމުގައެވެ. މަންމަގެ ދަރުސް އަޑުއަހަން ޖެހުމުން ހިތަށް ކޮށްފައިވާ ބާރު އިތުރުވުން ނޫންކަމެއްނުވެއެވެ. މަންމަ މިސާލަކަށް ދައްކާނީ އަދަލްއެވެ. އަދަލްއާއި ކައިވެނިކުރިނަމަ ބޯ މަސާޖްކޮށާދޭން އިންނާނެކަމަށެވެ.ތެދެކެވެ. މަންމައަށް އެހާ ހެޔޮ ފިރިހެންދަރިއެއް ވިއްޔާ އަނބިމީހާއަށް އޯގާތެރިވެ އަޅާލާނެއެވެ. އަދަލްފަދަ ހިތްހެޔޮ ޒުވާނަކު ދޫކޮށްލާފައި ކިބުރުވެރި އަމިއްލައެދުން ބޮޑު މީހަކާއި ކައިވެނިކުރުމަކީ އޭނަގެ މޮޔަކަމެވެ. ނަމަވެސް މަންމައާއި އެ ޚަބަރު ހިއްސާކުރާނެ ހިތްވަރެއް ނުލިބުނެވެ. މަންމަވެސް އޭނައަށް ހިތްވަރުދިނުމުގެ ބަދަލުގައި މަލާމާތްކުރާނީކަން ޔަގީނެވެ.
***
އަޒާލީއާއި ހީރާއަށް ނަވީންގެ ފޭސްބުކްގައި ހުރި ފޮޓޯތަކެއް ފެނުމާއެކު ނޯޔާއަށް ގުޅިއެވެ. ނޯޔާ ފޯނަށް ޖަވާބު ނުދިނުމުން އެކުދިން އެގެއަށް ދިޔައިރު ނޯޔާ ބަލިވެ އުޅޭކަމުގައި ބަދޫރާ ބުނެލިއެވެ."އިއްޔެއިން ފެށިގެން ބޮލުގައި ރިއްސާތީ ނުތެދުވެ......މި ކުދިން އައީމަ ނޯޔާގެ ބަލި ރަގަޅުވެދާނެ..."
އެކުދިން ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.ސިއްރު ވާހަކައެއް ދައްކަން އުޅޭކަން އެ އަމަލުން ނޯޔާއަށް އެނގުނެވެ.
"ނޯޔާ ނުބުނަމެއްނު ނަވީން އެހެން މީހަކާއި މެރީކުރި ވާހަކަ...." ހީރާގެ ޖުމްލައިން އޭނައަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. ހީރާ ފޯނުގައި ހުރި ފޮޓޯތައް ނޯޔާއަށް ދެއްކިއެވެ. ނޯޔާ ގަތްލަދުން މޫނު ރަތްވެގެން ދިޔުމާއެކު ލޯބޮޑުކޮށްލިއެވެ.
"އަހަރެން ނުދެނެހުރިން..."
"ދެއަންބަށް އިނީ؟"
"ނޮޕް....އޭނަ އަހަރެން....ވަރިކޮށްފި..."ނޯޔާ އިސްޖެހިއެވެ. ހަގީގަތް ފޮރުވުމުގެ މާނައެއްނެތެވެ. ނަވީން އެހެރީ ދުނިޔެއަށް އިއުލާންކޮށްގެންނެވެ. އެހެން އަންހެނަކާއިއެކު ފޮޓޯތައް ލާފައި އޭނަ ފަޟީހަތްކޮށްލީއެވެ."އިޓްސް އޯކޭ...ނަވީންއަކީ އަހަރެން ހީކުރިކަހަލަ މީހެއްނޫން....އަހަންނަށް ނުވިސްނުނީ.....ރަގަޅަށްކަން ނޭގޭ އެވީ..އޭނައަށް ކަމުދާ މީހަކު ފެނުނީނު....އަހަރެން ދެރައެއްނުވާނެ އޭނަ ދިޔަސް..."
ނޯޔާގެ ހިތަށް ކުރާނެ އަސަރާއި އަޅާނެ ވޭން އެކުދިންނަށް އެނގުނެވެ. ނޯޔާ ހީލި ނަމަވެސް އެ ލޮލުގައި އެތައް ހާސް އަސަރެއް ފޮރުވިފައިވިއެވެ. އޭނަގެ މަޖާކަމާއި ލާނެތްކަން ކެނޑި ނެގިމަޑުވެފައި އިންގޮތުން ހިތާމަކުރާވަރު އެބައެނގެއެވެ."އެނގޭތަ؟ މިރޭ އަދަލް ބާބެކިއު އެއް ބާއްވަނީ..އެހެންވެ ނޯޔާއަށް އިންވައިޓްކުރަން މިއައީ....މަޖާވާނެ ދޯ...މޫޑު ރަގަޅުކޮށްލަން ބާބެކިއު ހަމަ އެންމެ ބޭނުންވަނީ....."
އަދަލްއާއި ސިދްރާ އުޅޭލެއް ލޯބިކަމުން ނޯޔާގެ ހިތަށް އިތުރަށް ތަދުވާނީއެވެ. ނަމަވެސް އޭޭނަ ބާބެކިއުއަށް ދާން އެއްބަސްވީ އަދަލް ދެކެލާ ހިތުންނެވެ. ގިނައިން ފެނުމުން އަދަލް ގެ ފަރާތުން އޭނަ ފޫހިވާ ސިފައެއް ފެނިގެން ފޫހިވެއްޖެއްޔާ ރަގަޅުނޫންހެއްޔެވެ؟ނަވީން އެހެން އަންހެންކުއްޖަކާއި އިންނަ ވާހަކަ ބުނުމުން އޭނަ އަށް އަނިޔާވެރިވެވުނީކަމަށް ބުނިއިރު އޭނަވެސް ވިސްނަނީ އެހެން ފަރާތަކާއިމެދުގައެވެ.
ބޮޑެތި ގަސްތަކުން ހިޔާދީފައިވާ ވަލުތެރޭގައި ސިހުރުވެރި ރީތިކަމެއް އެކުލެވެއެވެ. އެތަނުގައި ރޯކޮށްފައިވާ އަލިފާންގަނޑުގެ އުޖާލާކަން މުޅި މާހައުލަށް ފެތުރިފައިވިއެވެ. ގްރިލްގެ މަތީގައި މަސްތައް ފިހެވެމުން ދިޔައިރު ދުވާ މީރުވަހުން ކުޅުދިޔާވާވަރުވިއެވެ. އަލިފާނުގެ ކަނިތައް ޖައްވުގެ ތެރެއަށް އަރައިގެންދިޔައިރު ރުއްގަސްތަކުގެ ފަތްތައް ހެލެމުން ނާނާ އަޅުވަނީއެވެ.
މާރިޔާއާއި ސަރަފީނާ ޖޯލީގައި އަދި އަންހެންވެރިން ކުނާތައް އަޅައިގެން ތިބިއިރު އެކި ވާހަކަދައް ދެކެވެމުން ދިޔައެވެ. ބަދޫރާމެންވެސް އެތަނަށް އައީ އަދަލްގެ ދައުވަތަކަށެވެ. ނޯޔާއާއި އަޒާލީ އަދި ހީރާ އެތަނަށް އައިއިރު އަދަލް ހުރީ އަލިފާންގަނޑު ކައިރީގައި މަސްތައް ފުރޮޅާށެވެ. އާލިމްއާއި އަދި އެހެން އެކުވެރިންތައްވެސް އެތަނުގައި އެހީތެރިވާން އުޅުނެވެ. އަދަލްއައި ސިދްރާ ތިބީ ކައިރީގައެވެ. އަދަލްގެ ޚާއްސަ ނަޒަރާއި ލޯބިަ ހުސްވެފައިވީ ސިދްރާއަށެވެ.
"މިރޭ ކޮންކަމެއް ސެލެބްރޭޓްކުރަނީ އަދަލް؟" ހީރާ ވަށްކަޅިން އާލިމްއަށް ބަލައިލަމުން ތަންކޮޅެއް ބާރަށް އަހައިލިއެވެ.
"މިރޭ އަންނަ ޚާއްސަ މެހުމާނުންނަށްޓަކާ..." އަދަލް ހިނިތުންވެލިއެވެ.
"އަހަރެމެން ވާހަކަ ދޯ...ނޫނީ ނޯޔާތަ؟" އަޒާލީ އުކުޅުގައި އަތް ވިއްދައިލަމުން ދިމާކުރުމުގެ ރާގަކަށް ކިޔައިލިއެވެ.
"ނޫނޭ...ދެން ތި މީހުން މަށަށް އެހާ ޚާއްސަވާންވީ ކީއްވެ؟ ހަމަ ސްޕެޝަލް ގާލްއަކަށްޓަކާ...ހމްމމް މިއަންނަނީނު...އެމިލީ....."އަދަލްގެ ހުރިހާ ސަމާލުކަމެއް ހުއްޓުނީ ހިނގަން އޮތް ހަނި މަގުން ޒިހާމްއާއި އެމިލީ އެކީގައި އަންނަތަން ފެނިފައެވެ.
"ޒިހާމްމެން..ނުވެސް ބުނެ ތިއައީ..."މާރިޔާވެސް ޖޯލިން ތެދުވުނެވެ.
"އަދަލްއަށް އެކަމަކު އެނގިއްޖެ އެމިލީ އަންނަކަން. އެމިލީ ޚާއްސަވާންވީ ކީއްވެ.." ހީރާ އަނަގަޔަށް ގޮތެއް ހެދިއެވެ.
"އެމިލީ ގުޅާފައި ބުނީމަ އެނގުނީ.."އަދަލް ދެއްކީ އެހެން ވާހަކައެކެވެ. ތަށްޓަކަށް މަހާއި އަލުވި އަދި ސޮސެޖާއި މާޝްމެލޯ އަޅައިގެންގޮސް އެމިލީއާއި ޒިހާމްގެ އަތަށް ދިނެވެ. ޒިހާމްގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނުނުއިރު އެމިލީ ހުރީ ހެވި ދިއްލިފައެވެ.
"ތެންކިއު.އަދަލް ދޮންބެ ޝެފަކަށްވެސް ހަމަ ގަދައޭ....މިކަހަލަ ކެއުމެއް ރެޑީކުރާނެކަން އެނގޭތީ ގުޅީވެސް......"
މާރިޔާގެ މޫނު ބަނަވިއެވެ. އެމިލީއާއި އަދަލްގެ އެ ގާތްކަން އޭނައަށްވެސް އުދަގޫކުރުވައިފިއެވެ. ޒިހާމްގެ ހިމޭންކަމާއި އެންމެންގެ ތެރޭގައި އެމިލީ އަދަލްއާއި އެގޮތަށް ވާހަކަދެއްކުމުން ޒިހާމްގެ އަގު ވެއްޓޭނެކަންވެސް އެމިލީއަށް ނޭގެނީހެއްޔެވެ؟ އެމިލީގެ ނަޒަރުގައިވެސް ހުރީ އަޅައިލުމާއި ލޯތްބެވެ. އަދަލްގެ ކޮންމެ ހަރަކާތަކަށް ހުރިހާ އަންހެންކުދިން ހިތްކިޔަނީ ނޫންކަމެއްވެސް ނޭގެއެވެ. އެމިލީ ޒިހާމްގެ އަތުގައި ހިފައިގެންގޮސް އަނެއްފަރާތުގައި ހުރި ބެންޗުގައި އިށީނެވެ. ޒިހާމް ކާން ނުފަށާ އެމިލީއަށް ބަލައިލިއެވެ.
"އެމިލީ....ތީ ކޮންކަމެއް؟ ރަގަޅަށް އެނގޭނެ އަދަލްއާއި އެމިލީ ވާހަކަދައްކަން އަހަރެން ބޭނުންނުވާނެކަން..އަދި އެންމެންގެ ތެރޭގައި...."ޒިހާމް ބުމަ ގޮށްޖަހައިލިއެވެ.
"އަހަރެން މަރުވަނިކޮށް ސަލާމަތްކޮށްދިނީ އަދަލް..."
"އަންހެނެއްވިއްޔާ އޭނަ ފަހަތުން ދާނެ.."
"ޒިހާމްއަށް ނޭގެނީ..."
"ކޮންކަމެއް ނޭގިގެން މިއުޅެނީ؟ އޭނައާއި ފްލާޓްކުރަނީ އެންމެންގެ ތެރޭގައި.....އަހަރެން ލޯ އަދި ސަލާމަތުން އެބަހުރި..."
"އެހެންވިއްޔާ އަހަންނަށް ޓްރަސްޓްކޮށްބަލަ..ޒިމްގެ ސިކުނޑިވެސް ސަލާމަތުން އޮންނާނީ...ޕޮޒިޓިވްކޮށް ވިސްނާ....އަހަންނާއި އަދަލްއާއި ދޭތެރޭ ތިހީކުރާ ކަހަލަ އެއްވެސް ގުޅުމެއްނެތް ޒިމް.....ޒިމްގެ ކޮއްކޮއަކަށް ވީގޮތަށް އަހަރެންވެސް ދެކެނީ އެއީ ބޭބެއެއްގެ ގޮތުގައި..."އެމިލީ ތެދުވެގެން ދާން ހިނގައިގަތެެވެ. އޭނަގޮސް އިށީނީ ސަރަފީނާމެން ތިބި ޖޯލިފަތީގައެވެ. އަންހެންވެރިން ތަށިތަކަށް މަހާއި އެއްޗެހި އަޅައިގެން ކާންތިބިއިރު އެކި ވާހަކަތައް ދެކެވެމުން ދިޔައެވެ.
ސަރަފީނާ ސިދްރާގެ އާއިލާގެ ވަކިވުމާއި އަދި ބޭސްކެއުމުން ހެލުސިނެޓްވާ ވާހަކަ ކިޔައިދިނެވެ. ސިދްރާ ޖިންނި މޮޔަވެގެންނޭ ކިޔައިގެން ދޮގު ވާހަކަ ނުފަތުރަން އޭނަ އެދުނެވެ.ނޯޔާ އަޒާލީ އަދި ހީރާއަށް ހަގީގަތް އެނގުމުން ލަދުގަތެވެ. ސިދްރާއަކިީ މޮޔަކުއްޖެއްކަމަށް ހީކުރެވުނީ ގޯސްކޮށްކަން އެނގުނެވެ.
"ސިދްރާގެ ކޮޓަރީގައި ހުރި ކެލިގްރާފީ ފެނިއްޖެއްޔާ ހަމަ ހައިރާންވާނެ..ކުރެހުމަށް ކޮންފަދަ މޮޅު އަންހެންކުއްޖެއް..މާޝާﷲ...އަލްހަމްދުލިﷲ...މާތްﷲ މިއަޅާއަށް ދެއްވީ ހަމަ ފުރިހަމަ އަންހެންދަރިއެއް.......އެވަރުގެ ކުއްޖަކު ހަމަ ނުލިބޭނެ..." ސަރަފީނާ ސިދްރާއަށް ތައުރީފުކުރުމުގައި ނިމުމެއްނެތެވެ.
"އެކަމަކު އެކަމުން ފައިދާއެއް ނުލިބެއެއްނު..މިރަށު ކުދިންނަށް ކުރެހުމުގެ ކްލާސްތައް ނަގައިދިނިއްޔާ ކީއްތަވާނީ؟"ސުރައްޔާ ސުވާލުކުރިއެވެ.
"އަދި ނުވެފައި ނެތެއްނު...ތިހުރިހާކަމެއްވެސް ކުރާނެ އަދި އިންޝާﷲ...."
އަދަލް ޒިހާމްއާއި މާވަހަރުގެ ވާހަކަ ހިއްސާކުރިއެވެ. އޭނަ ވިސްނަނީ މާވަހަރަށް ފައިސާލިބުމުން ހޮސްޕިޓަލަކާއި ދީނީ ސްކޫލެއް އެޅުމަށެވެ. އަދި އެއްބައި ޒިހާމްއަށް ދޭނެކަމުގެ ޔަގީންކަން ދިނެވެ. އެ ޕްރޮޖެކްޓަށް އޭނަ ދިން ނަމަކީ" ަބަނަފުސާ"އެވެ. ޒިހާމް ލަދުގަންނަގޮތްވިއެވެ. އަދަލްގެ އަމިއްލަ އެދުމެއްނެތް ކަމާއި ދީލަތިކަން ފެނި އޭނަ ހަމަ ބަސްހުއްޓުނެވެ. އޭނަ އަދަލްއަށް ރިޒޯޓުން ވަޒީފާދޭން ދެކޮޅުހެދިއެވެ. މަލާމާތްކުރިއެވެ. އަދަލްގެ ހިތް ހާދަ ސާފެވެ. އެހެން މީހެއްނަމަ އުމުރުދުވަހުވެސް އުޅޭނީ އެކަމާއިހެދި ޖައްސާލާފައެވެ. އަދަލްގެ އެ އެހީތެރިކަން ލިބުމުން އޭނައަށް ކިޔާނެ އެއްޗެއްވެސް ނޭގިފައި ހުރެވުނީއެވެ.
"މިއޮތީ ކޭކު...އެމިލީ ކޭކު ފަޅަން އާދޭ..."ސިދްރާ ކޭކު ގެނެސް ކުޑަ މޭޒެއްގެ މަތީގައި ބެހެއްޓިއެވެ.
އަދަލްއަށް ފޯނެއް އައުމުން އޭނަ އެއްފަރާތަކަަށް ހިނގަައިގަތީ ސިދްރާގެ ބޮލުގައި ފިރުމާލާފައެވެ. އިޝާރާތުން އެބުނެލި އެއްޗެއް ފަހުމްވިފަދަގޮތަކަށް ސިދްރާ ހީލިއެވެ.
"ކީކޭ؟" އަދަލްއަށް ބޮޑު ސިހުމެއްލިބުނެވެ.
ނުނިމޭ