ވިޒިޓް މޯލްޑިވްސްއިން އައު ވެންޑާ ޕްލެޓްފޯމެއް މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
އެ ކޯޕަރޭޝަނުން ބުނީ މި ޕްލެޓްފޯމަކީ ޕްރޮކިއުމެންޓް ޕްރޮސެސް ޑިޖިޓަލައިޒްކޮށް އިތުރަށް ހަރުދަނާކުރެވިފައިވާ ނިޒާމެއްގެ ދަށުން ވެންޑަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަގްސަދުގައި ތާރަފްކޮށްފައިވާ ޕްލެޓްފޯމެއް ކަމަށެވެ.
އެ ޕްލެޓްފޯމާއެކު ދިވެހިންނަށާއި ބައިނަލްއަގްވާމީ ސަޕްލަޔަރުންނަށް ފަސޭހަކަމާއެކު ބިޑްތަކުގައި ބައިވެރިވެވޭނެއެވެ. އަދި ވެންޑާ ރަޖިސްޓްރޭޝަންގެ އިތުރުން އިވެލުއޭޝަން މިންގަނޑުތައް ސްޓޭންޑަޑައިޒްކޮށް، ޕްރޮކިއުމެންޓް ޕްރޮސެސް ހަމަހަމަ ނިޒާމެއްގެ މަތިން ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
ވީއެމްސީއިން މުޅިން އަލަށް ލޯންޗްކުރި އެ ޕްލެޓްފޯމުގައި އޮންލައިންކޮށް ވެންޑާ ރަޖިސްޓްރީކުރުމުގެ ފުރުސަތު ލިބޭއިރު، ވެންޑަރުންނަށް އެ ފަރާތްތަކުގެ ކުންފުނީގެ ޕްރޮފައިލް ތައްޔާރުކޮށް މެނޭޖްކުރެވެއެވެ. އަދި ބޭނުންވާ ލިޔެކިޔުންތައް ރެޖިސްޓާކޮށް ހުށަހެޅުމުގެ ނިޒާމު މަގުފަހިވެގެންދާއިރު، އާރްއެފްކިއުއެސް އަދި އާރްއެފްޕީއެސްގެ އިތުރުން ޕްރޮކިއުމެންޓް ހުށަހެޅުމަށް އޮޓޮމޭޓެޑް ނޮޓިފިކޭޝަންތަކުގެ ޒަރީއާއިން އައު ޕްރޮކިއުމެންޓް ފުރުސަތުތަކުގެ މައުލޫމާތު ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ޕްލެޓްފޯމުގެ ސަބަބުން ރައްކާތެރި މަރުހަލާއެއްގެ މަތިން ބިޑު ހުށަހަޅަން ފަސޭހަވާނެއެވެ. އަދި، ކުންފުނިތަކުގެ މައުލޫމާތު ފަސޭހަކަމާއެކު އަޕްޑޭޓްކުރެވޭނެ ގޮތް ފަހިވެގެންދާނެކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. ވީއެމްސީއިން ވަނީ އެއީ ފުރިހަމައަށް ޑިޖިޓަލައިޒް ކުރެވިފައިވާ ނިޒާމަކަށްވުމުން އިދާރީ މަރުހަލާއަށް ހޭދަވާ ވަގުތު ކުޑަވެ ވެންޑާ ހުށަހެޅުމުގެ މަރުހަލާ ދެފުށްފެންނަ ގޮތެއްގައި ކުރިއަށްގެންދެވޭނެ ކަމަށް ބުނެފައެވެ.
އަދި އޭގެ އިތުރުން ވެންޑާ ޕޯޓަލް ލޯންޗުކުރުމުގެ ސަބަބުން ވެންޑަރުންނަށް ޕްރޮކިއުމެންޓް ފުރުސަތުތަކަށް ހަމަހަމަކަމާއި ފަސޭހަކަން މަތީ ލިބިގެންދާނެ ކަމަށާއި އެ ޕްލެޓްފޯމުގެ މަގްސަދަކީ ވެންޑަރުންނާއެކު ކުރެވޭ މުއާމަލާތުތައް އިތުރަށް ހަރުދަނާކޮށް ޕްރޮކިއުމެންޓް ޕްރޮސެސްގެ ހުރިހާ މަރުހަލާއެއްގައި ފުރިހަމަ ޓްރާންސްޕޭރެންސީއެއް ގާއިމްކުރުން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.