އެމްއައިބީ ގެސްޓްހައުސް އެވޯޑަށް ކުރިމަތިލުމުގެ ޝަރުތުތައް ޢިއުލާނުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" އަށް ކުރިމަތިލުމުގެ ޝަރުތުތައް ވަނީ އިއުލާނުކޮށްފަ... ފޮޓޯ/ އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" އަށް ކުރިމަތިލުމުގެ ޝަރުތުތައް އެ ބޭންކުން މިއަދު ޢިއުލާނުކޮށްފިއެވެ.

މިއީ ރާއްޖޭގެ ރަށްރަށުގައި ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށާއި، މި ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތެރިންނާއި ގެސްޓްހައުސްތަކުގެ އަގުވަޒަންކުރުމަށް ރާއްޖޭގައި ދޭން ނިންމާފައިވާ އެވޯޑެކެވެ.

މި އެވޯޑުގެ އިވޭލުއޭޝަން ކަންކަން މިނިވަންކަމާއެކު ކުރިއަށްގެންދާނީ ކްރޯ މޯލްޑިވްސް އެޑްވައިޒަރީގެ ފަރާތުންނެވެ. އަދި މިއީ ގެސްޓްހައުސް އެސޯސިއޭޝަނުން ވެސް އެންޑޯސްކޮށްފައިވާ އެވޯޑެކެވެ. އެވޯޑްތަކަށް ހޮވުމުގައި އިންސާފުވެރި އަދި ދެފުށް ފެންނަ ނިޒާމެއް ގެންގުޅުމަށްޓަކައި، ގެސްޓްހައުސްތައް ވަނީ ދެ ބަޔަކަށް ބަހާލައިފައެވެ.

ގެސްޓްހައުސްތައް ބަހާލާފައިވާ ގޮތަކީ:

  • ޓިއާ 1- 10 ކޮޓަރިއާ ހަމައަށް ހިމެނޭ ގެސްޓްހައުސްތައް.
    ޓިއާ 2- 11 ކޮޓަރިން ފެށިގެން މަތީގެ ގެސްޓްހައުސްތައް.

ގެސްޓްހައުސްތަކުން މި އެވޯޑަށް ކުރިމަތިލާއިރު ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ރާއްޖޭގައި ގާނޫނީގޮތުން ރަޖިސްޓްރީކޮށްފައިވާ ތަނަކަށްވުމާއި، ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް އޮތުން ހިމެނެއެވެ.

https://sun.mv/224100

މީގެ އިތުރުން ޓެކްސް ކްލިއަރެންސް، ޕެންޝަން އަދި ވަޒީފާއާބެހޭ ގާނޫނަށް ތަބާވާކަމުގެ ލިޔުންތައް ވެސް ހުށަހަޅަންޖެހޭނެއެވެ. އަދި މަދުވެގެން 12 މަސްދުވަހު މެދުކެނޑުމެއްނެތި ހިންގާފައިވާ ތަނަކަށްވުމާއެކު، ބައިނަލްއަގުވާމީ އޮންލައިން ޓްރެވަލް ޕްލެޓްފޯމެއްގައި އެކްޓިވް ލިސްޓިންގްއެއް ވެސް އޮންނަންޖެހެއެވެ.

ވަކިވަކި ފަރުދުންނަށް ދޭ އެވޯޑްތަކަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެހި ރައްޔިތުންނަށް ވާންޖެހޭނެއެވެ. އަދި އެ ފަރާތްތަކަކީ އެމްއައިބީ ނުވަތަ ކްރޯ މޯލްޑިވްސްއާ މަސްލަހަތު ފުށުއެރުމެއް އޮތް ބަޔަކަށް ވެގެންނުވާނެއެވެ.

"ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑް" އަށް ކުރިމަތިލާ ރަށްރަށުގައި މަދުވެގެން 50 ގެސްޓްހައުސް ކޮޓަރި އޮޕަރޭޓްކުރަން ޖެހެއެވެ.

މި އެވޯޑްސްގައި ޖުމްލަ ތިން ކެޓަގަރީއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ކޮންމެ ޓިއައަކުން ގެސްޓްހައުސްތަކަށް ދޭ އަށް އެވޯޑާއި، އިންޑިވިޖުއަލް ތިން އެވޯޑްގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ރަށަށް ދޭ އެވޯޑު ހިމެނެއެވެ.

އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 15 ވާ ބުދަ ދުވަހެވެ. އެވޯޑް ދިނުމުގެ ހަފުލާ ބާއްވާނެ ތާރީޚެއް ކުރިއަށް އޮތް ތަނުގައި އެމްއައިބީގެ މީޑިއާ ޗެނަލްތަކުން ހާމަކުރާނެއެވެ.

އެހެންކަމުން، ޝަރުތު ހަމަވާ ފަރާތްތަކުން ބޭނުންވާނެ ލިޔެކިޔުންތައް ކުރިއާލާ ތައްޔާރުކުރުމަށް އެމްއައިބީން ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން އިންތިޒާމުކޮށްގެން ދޭ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" އަށް ކުރިމަތިލުމުގެ ޝަރުތުތައް ޢާންމުކޮށްފިއެވެ. މިއީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށާއި، އެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދޭ އެވޯޑެކެވެ. މި އެވޯޑުގެ އިންސާފުވެރިކަން ކަށަވަރުކުރުމަށްޓަކައި، ކަންކަން އިވޭލުއޭޓްކުރާނީ މިނިވަން ފަރާތެއް ކަމަށްވާ ކްރޯ މޯލްޑިވްސް އެޑްވައިޒަރީންނެވެ.

  • ގެސްޓްހައުސްތައް ދެ ގިންތިއަކަށް ބަހާލާފައިވާއިރު، އެއީ 10 ކޮޓަރިއާ ހަމައަށް ހުންނަ ތަންތަނާއި، 11 ކޮޓަރިން ފެށިގެން މަތީގެ ތަންތަނެވެ.
  • ޝަރުތުތަކުގެ ތެރޭގައި ޤާނޫނީގޮތުން ރަޖިސްޓްރީކުރުމާއި، ޓޫރިޒަމް މިނިސްޓްރީގެ ލައިސަންސް އޮތުމާއި، 12 މަސްދުވަހު މެދުކެނޑުމެއްނެތި ހިންގާފައިވުން ހިމެނެއެވެ.
  • ޓެކްސް ކްލިއަރެންސް، ޕެންޝަން އަދި ވަޒީފާއާބެހޭ ޤާނޫނަށް ތަބާވާކަމުގެ ލިޔުންތައް ހުށަހެޅުން ލާޒިމުކުރެއެވެ.
  • ވަކިވަކި ފަރުދުންނަށް ދޭ އެވޯޑްތަކަށް ކުރިމަތިލެވޭނީ ހަމައެކަނި ދިވެހިންނަށެވެ.
  • "ޗެމްޕިއަން އައިލެންޑް އެވޯޑް" އަށް ކުރިމަތިލެވޭނީ މަދުވެގެން 50 ގެސްޓްހައުސް ކޮޓަރި ހިންގާ ރަށްރަށަށެވެ.
  • އެވޯޑަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.
  • މި އެވޯޑުތައް ބެހިގެންވަނީ މައިގަނޑު ތިން ކެޓަގަރީއަކަށެވެ.
  • ޝަރުތު ހަމަވާ ފަރާތްތަކުން ލިޔެކިޔުންތައް ކުރިއާލައި ތައްޔާރުކުރުމަށް އެމްއައިބީން އަންގާފައިވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް