ގައުމީ ދާރުލްއާސާރު ހިންގަމުން އަންނަ އިމާރާތް މަރާމާތުކުރެވިފައިނުވާ ކަމަށާއި، އެ މަސައްކަތް ކުރުމަށް ޗައިނާ ސަރުކާރުގެ އެހީގައި މުހިއްމު މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަމަށް، ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ (އައިބީ)ގެ ސުވާލަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ، ދާރުލްއާސާރުގައި މިހާތަނަށް އެއްވެސް ބޮޑު މަރާމާތެއް ކޮށްފައި ނުވާ ކަމަށެވެ.
"ގައުމީ ދާރުލްއާސާރު ހިންގަމުން މި އަންނަ އިމާރާތް ދާރުލްއާސާރު ހުޅުވުމަށްފަހު މަރާމާތުކުރެވިފައި ނުވާތީ މިހާރު ގައުމީ ދާރުލްއާސާރު އެ ވަނީ ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފަ،" ހީނާ ވިދާޅުވިއެވެ.
ހަމަ އެއާއެކު ދާރުލްއާސާރު ޑިޖިޓައިޒްކުރުމުގެ މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ދާރުލްއާސާރުގެ ގޮތްޕެއްގެ ގޮތުގައި އިންޓަރެކްޓިވް އިމާސިވް މިއުޒިއަމް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
އެހެންކަމުން ދާރުލްއާސާރުގެ ޚިދުމަތްތައް ފުޅާކުރެވި ތަނަވަސްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
"ދާރުލްއާސާރު މަރާމާތުކުރުމަށްޓަކައި މުހިންމު ޕްރޮޖެކްޓެއް މިހާރު ފެށުމުގެ މަގުމަތީގަ މި ވަނީ ޗައިނާ ސަރުކާރުގެ އެހީގެ ދަށުން، އެހެންވީމާ އެ މަސައްކަތް ވަރަށް އަވަހަށް އަޅުގަނޑުމެން ފަށާނެ ވާހަކަ ދަންނަވަން،" ހީނާ ވިދާޅުވިއެވެ.
ހީނާ މިހެން ވިދާޅުވިއިރު، ދާރުލްއާސާރު ތަރައްގީކޮށް ޒަމާނީ ވަސީލަތްތަކާއި ޚިދުމަތް ގާއިމުކުރުމަށްޓަކައި ގައުމީ ބޭންކު ބީއެމްއެލްގެ އެހީއާއި ހެރިޓޭޖް ޓްރަސްޓް ފަންޑުން ޚަރަދުކޮށް، އެ ތަން އާންމުންނަށް އަލުން ހުޅުވައިލީ މިދިޔަ އޮގަސްޓް 30، 2023އިން ފެށިގެންނެވެ.
އެ މަޝްރޫއުގައި ބީއެމްއެލްގެ އެހީގެ ދަށުން ދާރުލްއާސާރުގައި ބޭނުންކުރުމަށް އައު ޝޯކޭސްތައް ބެހެއްޓުމާއި ދާރުލްއާސާރުގައި ޑިޖިޓަލް ސްކްރީންތަކާއި މައުލޫމާތު ކިއޮސްކްތަކެއް ބެހެއްޓުމާއި ދާރުލްއާސާރުގެ އާބާތުރަފިލުވުމަށް ކުރަންޖެހޭ ބައެއް މަސައްކަތްތައް ވަނީ ކުރެވިފައެވެ.
ބީއެމްއެލުން އެ ބޭންކުގެ ސީއެސްއާރްގެ ދަށުން އެ މަޝްރޫއުއަށް ދިނީ ދެ މިލިއަން ރުފިޔާއެވެ.
މިނިސްޓްރީން އޭރު ބުނީ މި މަޝްރޫއުގެ ތެރެއިން ދާރުލްއާސާރުގެ ޖާގައަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނެސް، އިމާރާތުގެ އާބާތުރަ ފިލުވައި، ދާރުލްއާސާރުގެ ފިނިހޫނުމިން ބަލަހައްޓާ ނިޒާމު ޒަމާނީ އަދި ފެންވަރު ރަނގަޅު ނިޒާމަކަށް ބަދަލުކޮށް، އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ސެކިއުރިޓީ ކެމެރާ ނެޓްވޯކެއް ގާއިމްކޮށްފައިވާނެ ކަމަށެވެ.
އެ ކަންކަމަށް ދިވެހި ދައުލަތުގެ ބަޖެޓުން ޖުމްލަ 4.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ތެރެއިން ދާރުލްއާސާރުގެ ތަރައްގީއަށް ކުރަންޖެހޭ އެހެނިހެން ބައެއް ކަންކަން ކުރުމަށް ހެރިޓޭޖް ޓްރަސްޓް ފަންޑުން 185،955 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.