ވެނެޒުއެލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2،000އަށްވުރެ މައްޗަށް!

ވެނެޒުއެލާގެ ބިންހެލުން

ކަރަކާސް (01 ޖުލައި 2026): ވެނެޒުއެލާއަށް އައި ބިންހެލުންތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު 2,000އަށް ވުރެ މައްޗަށް ގޮސް ޒަޚަމްވި މީހުންނާއި ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު 30،000އާ ގާތްކުރާއިރު ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އިންސާނީ އެހީ ލަސްވަމުންދާތީ އާންމުން ޝަކުވާކޮށް ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ކާބޯތަކެއްޗާއި ބޭސް ފަރުވާފަދަ އިންސާނީ އެހީ ރަނގަޅަށް ފޯރުކޮށް ނުދެވޭތީއާއި ހާލުގައި ޖެހުނު މީހުން ތިބޭ ވަގުތީ ހިޔާތައް ރަނގަޅަށް މެނޭޖް ނުކުރެވޭތީ އާއި އިމާރާތްތަކުގެ ދަށުގައިވާ މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތައް ލަސްކަމުން ރައްޔިތުންގެ މެދުގައިވަނީ ހާސްކަމާއި ކަންބޮޑުވާއި ޝަކުވާއެވެ.

ބިންހެލުންތަކުގައި ދެހާހެއްހާ މީހުން މަރުވިކަން ކަށަވަރު ކުރެވިފައިވީނަމަވެސް ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެތައް ހާސްބަޔަކު ތިބި ކަމަށްވަނީ ބެލެވިފައެވެ. މިއާއެކު މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. ރިކްޓަރ މިންގަނޑުން 7.2 އަދި 7.5 ގައި ވެނެޒުއެލާއަށް ޖެހިޖެހިގެން ދެ ބިންހެލުން މިދިޔަ ހަފްތާގައި އައިސްފައިވާއިރު އެއަށްފަހު އިތުރު ލޮޅުންތައްވެސް އެގައުމަށް ވަނީ އައިސްފައެވެ.

މިބިންހެލުންތަކުގައި 2،000އަށްވުރެ ގިނަ އިމާރާތް އެއްކޮށް ވަނީ ބިމާހަމަވެފައެވެ. އަދި އެތައް ހާސް އިމާރާތަކަށްވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ވެނެޒުއެލާއަށް އައި އެންމެ ބާރުގަދަ ދެ ބިންހެލުމެވެ.

ވެނެޒުއެލާގެ ބިންހެލުން

ތަޖުރިބާކާރުން ދެކޭގޮތުގައި މިހާގިނަ އިމާރާތް ހަލާކުވީ އަދި ގިނަ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ އިމާރާތްކުރުމުގެ މިންގަނޑުތަކަށް ފެތޭވަރަށް ވުރެ ދޯހަޅިކޮށް ގިނަ އިމާރާތްތަކެއް ބިނާކޮށްފައިވާތީއެވެ. ބައިނަލްއަގްވާމީ މުޖުތަމައުން ގެންދަނީ ވެނެޒުއެލާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ވެނެޒުއެލާއަކީ އެމެރިކާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމަކަށްވާތީ އެމެރިކާގެ ހުއްދައަކާ ނުލައި އެގައުމަށް ބައެއް ބާވަތުގެ ތަކެތި ފޯރުކޮށްދިނުމަށް ގައުމުތަކުން ދަނީ ފަސްޖެހެމުންނެވެ. އެމެރިކާގެ ހުއްދަ ހޯދުމަށް ވަގުތުތަކެއް ބޭނުންވެއެވެ.

އެމެރިކާ ވެނެޒުއެލާއާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް ދިގުމުއްދަތަކަށް އެޅުމުގެ ސަބަބުން އެގައުމުގެ އިގްތިސާދުވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެމެރިކާ ވަނީ ވެނެޒުއެލާގެ ރައީސް ހޫގޯ ޗާވޭޒް އާއި އޭނާގެ އަނބިކަނބަލުން ވަގަށް ނަގައިގެން އެމެރިކާއަށް ގެންގޮސް އެމެރިކާގެ ޖަލެއްގައި ހައްޔަރުކޮށްފައެވެ.

އެއަށްފަހު އެމެރިކާވަނީ ވެނެޒުލާގެ ތެޔޮވިއްކުމަށް ލުއިތަކެއް ދީފައެވެ. ނަމަވެސް ލުއިތައް ދިނީ ތެލުން ލިބޭ އާމްދަނީ އެމެރިކާގެ ބޭންކަކަށް ޖަމާވާގޮތަށް ވެނެޒުއެލާގެ ސަރުކާރު އެއްބަސް ކުރުވުމަށްފަހުގައެވެ. ވެނެޒުލާގެ ތެލުން ލިބޭ އާމްދަނީގެ ތެރެއިން އެ ގައުމަށް ލިބެނީ އެމެރިކާ ދިން އެއްޗެކެވެ. އެހެންކަމުން ވެނެޒުއެލާ ވެފައިވަނީ ސިޔާދަތު ނިގުޅައިގެންފައިވާ ގައުމެއްގެ ގޮތުގައެވެ.

ބިންހެލުންތަކާ ގުޅިގެން ދުނިޔޭގެ 30 ގައުމަކުން ވެނެޒުއެލާއަށްވަނީ އެހީގެ ތަކެތި ފޮނުވާފައެވެ. މީގެތެރޭގައި އެމެރިކާވެސް ހިމެނެއެވެ. އެހީގެ ތަކެތީގެ ތެރޭގައި ހާހަކަށްވުރެގިނަ މެޓްރިކް ޓަނުގެ އިންސާނި އެހީގެ ތަފާތު ތަކެއްޗާއި ހަތަރުހާހެއްހާ ގިނަ ރެސްކިއު މަސައްކަތްތެރިންނާއި އިމާރާތްތަކުގެ ދަށުގައިވާ މީހުން ހޯދުމުގައި އެހީތެރިވެދޭ 118 ކުއްތާ އާއި އެކުއްތާތައް ބަލަހައްޓާ މީހުން އަދި ބައެއް މެޝިނަރީ އާއި ޑޮކްޓަރީ ސާމާނު ހިމެނެއެވެ.

ވެނެޒުއެލާއަށް އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން ދެހާހަށްވުރެ ގިނަ މީހުން މަރުވެ، ތިރީސް ހާހެއްހާ މީހުންނަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މި ކާރިސާއާ ގުޅިގެން ސަލާމަތްކުރުމުގެ މަސައްކަތްތައް ލަސްވުމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހުރި ބޮޑެތި ދަތިތަކާ ގުޅިގެން އާންމުންގެ މެދުގައި ނުތަނަވަސްކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އެހީ ފޯރުކޮށްދިނުމަށް ގާނޫނީ އަދި އިގުތިސާދީ ހުރަސްތަކެއް އެޅިފައިވީނަމަވެސް، ދުނިޔޭގެ ތިރީސް ގައުމަކުން ދަނީ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

  • ރިކްޓަރ މިންގަނޑުން 7.2 އަދި 7.5 ގެ ބާރުމިނުގައި މިދިޔަ ހަފުތާގައި އައި ދެ ބިންހެލުމުގެ ސަބަބުން 2000 އަށްވުރެ ގިނަ އިމާރާތް ބިމާހަމަވެ، އެތައް ހާސް ބަޔަކު ވަނީ އިމާރާތްތަކުގެ ދަށުވެފައެވެ.
  • މަރުވި މީހުންގެ އަދަދު 2000 އިން މައްޗަށް ގޮސްފައިވާއިރު، ޒަޚަމްވި މީހުންނާއި ހާލުގައި ޖެހުނު މީހުންގެ އަދަދު 30000 އާ ގާތްކުރެއެވެ.
  • އިމާރާތްކުރުމުގެ މިންގަނޑުތައް ދޯހަޅިވުމުގެ ސަބަބުން ލިބުނު ގެއްލުން ބޮޑުވެފައިވާއިރު، ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކާއި ވަގުތީ ހިޔާތައް މެނޭޖުކުރުން ލަސްވުމުން އާންމުން ދަނީ ޝަކުވާކުރަމުންނެވެ.
  • އެމެރިކާއިން ވެނެޒުއެލާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގައުމުގެ އިގުތިސާދު ހީނަރުވެފައިވާއިރު، އެހީ ފޯރުކޮށްދޭ ގައުމުތަކަށް ވަނީ އެމެރިކާގެ ހުއްދަ ހޯދުމުގެ އިތުރު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ.
  • މިހާތަނަށް 30 ގައުމަކުން 1000 މެޓްރިކް ޓަނުގެ އިންސާނީ އެހީއާއި، 4000 ރެސްކިއު މަސައްކަތްތެރިންނާއި 118 ކުއްތާގެ އިތުރުން މުހިންމު ސިއްހީ ސާމާނު ވަނީ ފޯރުކޮށްދީފައެވެ.
  • އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަވަސްކޮށް، ވަގުތީ ހިޔާތަކުގެ އިންތިޒާމުތައް ހަރުދަނާކުރުން.
  • ކާބޯތަކެއްޗާއި ބޭސްފަރުވާގެ އެހީ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ލަސްނުކޮށް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުން.
  • ބައިނަލްއަގުވާމީ އެހީތެރިކަން ހަލުވިކަމާއެކު ހޯދުމަށްޓަކައި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ހޯދުމަށް ޚާރިޖީ ފެންވަރުގައި މަސައްކަތްކުރުން.
  • ކުރިމަގުގައި މިފަދަ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިމާރާތްކުރުމުގެ ގައުމީ މިންގަނޑުތައް ހަރުކަށިކޮށް ތަންފީޒުކުރުން.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު