"އާނ. އެއީ އާރބަން ކޮންސްޓްރަކްޝަން ކިޔާ ބައެއް." އަޔާޝް ޖަވާބު ދިނެވެ. "ރެން ވާނެ އިނގޭ ދޮންބެއާ އެކީ އެ މީޓިންއަށް ދާން."
"އާނ. ދެވިދާނެ. ގަޑިއެއް ނުބުނަމެއްނު އެކަމަކު..." ޒަހްރާން ހީނލިއެވެ.
"ދޭއް ޖަހާއިރު. އެކަމަކު އޭގެ ކުރިން ވާނެ ދޮންބެއާއެކު ގޮސް ކުޑަކޮށް އެގްރީމެންޓުތަކާ އެއްޗެހި ބަލައިލަން. އޭރުންތާ އެނގޭނީ." އަޔާޝް ބުނެލިއެވެ. ޒަހްރާން ޒިންމާދާރު ޒުވާނަކަށް ވާތަން ފެނުމުން އޭނާ ހުރީ އުފާވެފައެވެ. އެއީ އޭނާ އެތަކެއް ދުވަހެއް ވަންދެން ދެކެން ބޭނުންވި މަންޒަރެކެވެ. ބައްޕަ ވެސް ނުހަނު އުފާވާނެކަން ގައިމެވެ. ޒަހްރާނާ އޭނާއާ ދެމީހުން ކުންފުނީގައި އެއްކޮށް މަސައްކަތްކުރުމަކީ އަބަދުވެސް މުރާދު ދެކެމުން އައު ހުވަފެނެކެވެ.
"ހިނގާ..." ޒަހްރާން ބުނެލިއެވެ.
ލިފްޓަށް އެރުމަށްފަހު މައްޗަށް ގޮސް އަޔާޝް އެންމެ ފުރަތަމަ ދިޔައީ ޒަހްރާނަށް އޭނާގެ ކެބިން ދައްކާށެވެ. އެއަށްފަހު އޭނާ މީޓިން ރޫމަށް ދިޔައީ އެވަގުތު އޮތް އިސްވެރިންގެ ބައްދަލުވުމަށެވެ. އަޔާޝް ދިޔައީ ޒަހްރާން ވެސް ގޮވައިގެންނެވެ. މަޤްސަދަކަށްވީ އެންމެނަށް ޒަހްރާން ތަޢާރަފްކޮށްދޭށެވެ. ޒަހްރާން ފެނުމުން އެންމެން ވެސް އޭނާއަށް މަރްޙަބާ ކިއެވެ. މުރާދުގެ އިތުރު ފިރިހެންދަރިއެއް ހުންނަކަން އެމީހުންނަށް އެނގުނު ނަމަވެސް، ޒަހްރާން އެ ފެނުނީ އަލަށެވެ. އަޔާޝްއެކޭ އެއްގޮތަށް ޒަހްރާނަކީ ވެސް ޒިންމާދާރު ޒުވާނަކަށް ވާނެކަމުގައި އެމީހުން ޝައްކެތް ނުކުރެއެވެ.
ބައްދަލުވުން ނިންމައިލުމަށްފަހު އެންމެން ދިޔުމުން އަޔާޝް ލެޕްޓޮޕް ހުޅުވައިލުމަށްފަހު، ފާރުގައި ހުރި ބޮޑު ޓީވީން ޕްރެސެންޓޭޝަން އަޅުވައިލިއެވެ. އެއަށްފަހު، އޭނާ ޒަހްރާނަށް ކުންފުނީގެ ކަންތައްތައް ކިޔައިދިނެވެ. އެއަށްފަހު އޭނާ ގެނައި ލިޔުންތައް ޒަހްރާނަށް ދައްކައިލިއެވެ. ފޯނު ނަގާފައި މިހާރު ކުންފުނީގެ އެމީހުންނާއެކު މަސައްކަތްކުރާ ލޯޔަރަކަށް ގުޅައި ގެނައެވެ. މަޤްސަދަކަށްވީ ޒަހްރާނަށް ހުރިހާ ކަމެއް ތަފްސީލުކޮށް އޮޅުން ފިލުވައިދިނުމެވެ.
"ކުރިން ވެސް މަސައްކަތް ލަސްވެގެން ގެނެސް އިތުރު މުހުލަތެއް ދީފަ ވާނީ. އެ ޕްރޮޖެކްޓް މިހާރު ނިމިއްޖެ. އެކަމަކު ދެން ހުރި ޕްރޮޖެކްޓްތައް ވެސް ހަމަ ކުރިއަކަށް ނުދޭ. އެކަމުގެ ސަބަބުން އަދިވެސް ބައެއް އެގްރީމެންޓުތައް ވެސް ހޯލްޑަށް ލާފަ ހުންނާނީ." އާރބަން ކޮންސްޓްރަކްޝަންގެ މަސައްކަތްތަކުގެ އަދާހަމަކުރުންތަކާއި ތަފްސީލު ލޯޔަރު ދެމުން ދިޔައިރު ޒަހްރާން ދިޔައީ ލޯޔަރު ގެނައި ލިޔުންތަކަށް ވެސް ރަނގަޅަށް ބަލަމުންނެވެ. ކިޔަވާ ނިންމާފައި މަސައްކަތުގެ ޢަމަލީ މައިދާނަށް ނުނިކުމެ ގިނަ ދުވަސްވުމުން ކުޑަކޮށް އުނދަގޫވި ނަމަވެސް، އެގްރިމެންޓަށް ބިނާކޮށްފައި ދެން ކަންތައްތައްކުރަން ޖެހޭ ގޮތް ޒަހްރާނަށް އެނގެއެވެ. ހުރިހާކަމެއް ތަފްސީލުކޮށްލަ ދިނުމުން އަޔާޝް ލޯޔަރު ފޮނުވައިލިއެވެ.
"ރެން މިކަމާ މެދު ބުނަނީ ކީކޭތަ؟ އެމީހުންއަތުން އެ ޕްރޮޖެކްޓް އަތުލަން ފެނޭތަ؟" އަޔާޝް ޒަހްރާންގެ ޚިޔާލެއް ބޭނުންވިއެވެ.
"ކުރީގެ ހުރިހާ ޕްރޮޖެކްޓެއް ވެސް ގަޑިއަށް ނިންމާފަ ހުރީ ހުރީ. މިފަހުން ދޯ މި މައްސަލަތަކެއް މި ދިމާވަނީ." ޒަހްރާން ބުނެލިއެވެ.
"ހޫމް. އަސްލު ވަރަށް އިތުބާރުކުރެވޭތީ އެމީހުންނާ މަސައްކަތްތައް ހަވާލުކުރަނީ. އެކަމަކު މިހާރު ހީވަނީ ދެވަނަ ވިސްނުމަކަށް ދާން ޖެހިއްޖެހެން." އަޔާޝް ބުނެލިއެވެ.
"އަހަރެން ބޭނުންވަނީ މިއަދު އޮތް ބައްދަލުވުމަށްފަހު ވަކި ގޮތެއް ނިންމަން. ލަސްވާ ސަބަބު ހޯދާފަ ދެން އެހެން ބަޔަކާ ހަވާލުކުރަމާ. ޖަވާބުދާރީވާން އެމީހުންނަށް ވެސް ފުރުސަތެއް ދޭން ވާނެތާ." ޒަހްރާން ބުނެލިއެވެ.
"ރެންއަށް ފެންނަ ގޮތެއް ދޮންބެއަށް ވެސް އެންމެ ރަނގަޅު. މީ ރެންގެ ފުރަތަމަ މަސައްކަތް." އަޔާޝް އިތުރު ކޮށްލިއެވެ. ދެ މީހުން އެފަދަ ވާހަކަތަކެއްގައި އެތަކެއް އިރަކު ތިއްބެވެ.
"ކޮފީއެއް ބޭނުންވޭ އެބަ." ޒަހްރާން އާފުރިލިއެވެ. އާއްމުކޮށް ލަހުން ހޭލާ މީހަކު އެހާ އަވަހަށް ހޭލުމުން ނިދިބަރުކަން ދެލޮލަށް ސަވާރުވީއެވެ.
"ކޮފީއެއް ގެނެސްދޭން ބުނަންތަ؟" އަޔާޝް ސުވާލުކޮށްލިއެވެ.
"ނޫނޭ. ބޭރަށް ގޮސްލަން ބޭނުންވަނީ." ޒަހްރާން ބުނެލިއެވެ.
"ހިނގާ... މިތާ ކައިރީ އިންނާނެ ކޮފީ ޝޮޕެއް" އަޔާޝް އެހެން ބުނެލީ އޭނާ ޒަހްރާނާ ދައްކަން ބޭނުންވާ އިތުރު ވާހަކައެއް ވެސް އޮތީތީއެވެ.
ދެމީހުން މީޓިން ރޫމުން ނުކުމެގެން ތިރިއަށް ގޮސް މަގުގެ އަނެއްފަރާތުގައި ހުރި ކޮފީ ޝޮޕަށް ވަނެވެ. ހުސް މޭޒެއްގެ ދޮށުގައި ދެމީހުން އިށީނެވެ. އެމީހުން ތިބީ ބިއްލޫރިގަނޑުން ބޭރު ފެންނަ ގޮތަށެވެ.
"ދެން ކިޔާބަލަ..." ކޮފީއަށް އޯޑަރި ދީފައި ޒަހްރާން ބުނެލިއެވެ.
"ކީކޭ؟" އަޔާޝްއަށް ބުމަ އަރުވައިލެވުނެވެ.
"އެނގޭ ދޮންބެ ކޮންމެ ވެސް ވާހަކައެއް ދައްކަން ބޭނުންވެގެން އުޅޭކަން. ކިޔާބަލާށޭ މި ބުނީ. އަޑު އަހަން މީނީ." ޒަހްރާން ބުނެލިއެވެ. އޭނާ ހިނިތުންވެލިއެވެ. އަޔާޝް ވެސް ހީނލިއެވެ.
"ގެއަށް ޗޭންޖުނުވާނީތަ ހަމަ؟" އަޔާޝް އަހައިލިއެވެ. އެއާއެކު ޒަހްރާން ހިމޭންވިއެވެ. އެކަމާ މެދު އޭނާ ވިސްނާތާ ދުވަސްކޮޅެއް ވެއްޖެއެވެ.
"އަދި ނޭނގެ." ޒަހްރާން އޭނާގެ ހިތުތެރޭގައި އޮތް އެއްޗެއް އަޔާޝްއަށް ސިއްރުކުރަން މަސައްކަތްކުރިއެވެ. އޭނާ އެކަމާ ވިސްނިއެއްކަމަކު، ވަކިގޮތެއް އަދި އެއް ނުނިންމައެވެ. އައިރާ ވަކިން އުޅެން ބޭނުންވަންޏާ އޭނާ އެކަމަކަށް ހުރަހެއް ނާޅާނެއެވެ. އެހެންނަމަވެސް، އިނދެގެން "މޭޕަލްވިލާ"އަށް ދިޔުމަށް އައިރާގެ އިޢުތިރާޒެއް ނެތިއްޔާ އޭނާގެ ވެސް މައްސަލައެއް ނެތެވެ.
"އެއީ؟ ދޮންބެއަށް ފެންނަ ގޮތެއް ބުނަންތަ؟" އަޔާޝް މަޑުކޮށްލީ ޒަހްރާން އެއްޗެއް ބުނޭތޯއެވެ. ޒަހްރާން ބޯ ޖަހައިލިއެވެ. އެވަގުތުވީ ވެއިޓަރު ކޮފީ ޖޯޑުތައް ހިފައިގެން އައި ވަގުތަށެވެ. އޭނާ އެ އެއްޗެހި މޭޒުމަތީގައި ބަހައްޓާފައި ދިޔުމުން، އަޔާޝް އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ.
"ރެންވީ ގެއަށް ޗޭންޖުވާން. މިހާރު ދެން ހުރިހާކަމެއް ވެސް އޯކޭއެއްނު. ރެންއަށް ވެސް އެނގިއްޖެއެއްނު މަންމަ ގޯސް ނޫންކަން." އަޔާޝް ބުނެލިއެވެ. "އަދިވެސް ރުޅިގަނޑު ފިނި ނުވަނީތަ؟"
"ވިސްނާނަން އިނގޭ ތިކަމާ ދޮންބޭ..." ވަގުތުން ޖަވާބު ދޭން ޒަހްރާނަށް އުނދަގޫވިއެވެ.
"އެންމެ ރަނގަޅު. އުންމީދުކުރަނީ ޑިސަޕޮއިންޓް ވާނެ ކަހަލަ ޖަވާބެއް މިފަހަރު ނުދޭނެކަމަށް." އަޔާޝް ޖަވާބުދިނެވެ. ކޮފީއަށް ފަހު އެނބުރި އޮފީހަށް ދިޔުމަށްފަހު، އަޔާޝް އޭނާގެ ކެބިންއަށް ދިޔައިރު، ޒަހްރާން ވެސް ދިޔައީ އޭނާގެ ކެބިންއަށެވެ. އޭނާ ކުންފުނީގެ ލޯޔަރަކަށް ގުޅައިލުމަށްފަހު އައުމަށް އެދުނީ އޭނާއަށް އަދިވެސް ބައެއް ކަންކަމުގައި އެހީ ބޭނުންވާތީއެވެ.
ދޭއް ޖަހަން ފަނަރަ މިނެޓަށް ވެފައި ހުއްޓާ، އަޔާޝް ޒަހްރާނަށް ގުޅައިފިއެވެ. ޒަހްރާން ކެބިންއިން ނުކުތްއިރު، އަޔާޝް ވެސް އެ ދިމާލަށް އަންނަނީއެވެ. މީޓިން ރޫމަށް ދިޔައީ ދެމީހުން އެއްކޮށެވެ.
ދޭއް ޖަހަން ދެތިން މިނެޓަށްވެފައި ހުއްޓާ ސެކެޓްރީ "އާރބަން ކޮންސްޓްރަކްޝަން"ގެ ފަރާތުން އައި ދެމީހުން ގޮވައިގެން އަތުވެއްޖެއެވެ. އެ ދެމީހުން އެތެރެއަށް ވަނުމާއެކު ޒަހްރާނާ އަޔާޝްއާ ދެމީހުން ތެދުވެލިއެވެ. މަޤްސަދަކަށްވީ ސަލާމްކޮށްލާށެވެ. އެހެންނަމަވެސް، އެތެރެއަށް ވަތް މީހާ ފެނުމާއެކު، ޒަހްރާނަށް ހައިރާންކަން ވެރިވިއެވެ. ދެވަނަ ސިކުންތުގައި އޭނާގެ ދެބުމަ ކުޑަކޮށް ގޮށްޖެހިގެން ދިޔައެވެ. ރިހާމްއަށްވެސް ވީ އެފަދަ ގޮތަކަށެވެ. ޒަހްރާން އެތަނުން ފެނިދާނެކަމަކަށް އޭނާ އެއްގޮތަކަށް ވެސް އުންމީދެއް ނުކުރެއެވެ. އަޔާޝްއާ ޒަހްރާނާ ވައްތަރުގޮތެއް ވެސް ފާހަގަވިއެވެ.
"މީ.. ޒަހްރާން. ކުންފުނީގެ ލީގަލް ޑިޕާރޓްމެންޓުގެ ހެޑް." އަޔާޝް ރިހާމްމެންނަށް ޒަހްރާން ތަޢާރަފްކޮށްދިނެވެ. ޒަހްރާން ރިހާމާއެކު ހުރި އަނެއް މީހާއާ ސަލާމްކޮށްލިއެވެ. އެއީ ރިހާމްމެންގެ ލޯޔަރު ޝިފާޒެވެ. ރިހާމްގެ އެތެރެހަށި ކެކިގަތަސް އޭނާ އަޔާޝްއަށް ބަލައިލުމަށްފަހު މައިތިރިވިއެވެ. ކީއްވެކަމެއް ނޭނގެއެވެ. ޒަހްރާން ފެނުމުން ރުޅި ގަދަވީއެވެ. ރިހާމް އެތެރެ ހަށީގައި އުފެދެމުން ދިޔަ އިޙްސާސްތައް ހިންދައިލަމުން ސަލާމަށް އަތް ދިއްކޮށްލުމުން ޒަހްރާން ވެސް ސަލާމްކޮށްލިއެވެ. ރިހާމްއަކީ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރުކަމާއި، ކުންފުންޏަކީ ރިހާމްގެ ބައްޕަގެ ކުންފުންޏެއްކަން އޭނާއަށް އެނގުނީ އަޔާޝްގެ ފަރާތުންނެވެ.
ބައްދަލުވުން ފެށިގެން ކުރިއަށް ދާން ފެށިއެވެ. ޒަހްރާން އޭނާގެ އަތުގައި އޮތް އެގްރީމެންޓު ދައްކައިލުމަށްފަހު ރިހާމްއާ ސުވާލުކޮށްލިއެވެ. ޒާތީ ގޮތުން އޭނާ ރިހާމްއާ އެއްގޮތަކަށް ވެސް ގަޔައެއް ނުވެއެވެ. އެއީ އޭނާ ވަރަށް ރުޅި އަންނަ މީހެކެވެ. ހަޤީޤަތުގައި މިހާރުވެސް އަމިއްލަ މީހާގެ ޖަޒުބާތުތައް ކިޔަމަން ކުރުވަން ޒަހްރާން އިނީ ދަތިވެފައެވެ. އެހެންނަމަވެސް އޭނާ ކެތްތެރިވިއެވެ.
"މީގަ އެބަ އޮތެއް ނޫންތޯ ބުނެފަ މަސައްކަތް ނިންމަން ހަވާލުކުރި ތާރީޚަށް ނުނިންމައިފިއްޔާ، އަތުލެވޭނެކަމަށް." ޒަހްރާން ބުނެލިއެވެ.
"އަޅުގަނޑުމެންވެސް ކުޑަ މައްސަލައެއް ދިމާވެގެން އުޅޭތީ އިނގޭތޯ. އެއީ..." ރިހާމް ވާހަކަ ދައްކަން އުޅުނު ނަމަވެސް ޒަހްރާން އެ ފުރުސަތެއް ނުދިނެވެ.
"މުއްދަތު އެބައޮތް ކުރިން ވެސް އިތުރުކޮށްފަ." ޒަހްރާން ބުނެލިއެވެ. އަޔާޝް އިނީ ބަލާށެވެ. ޒަހްރާން ހުރީ ވަރަށް ރަނގަޅަށް ހުރިހާ މައުލޫމާތެއް ހޯދާފައެވެ.
ބައްދަލުވުން ކުރިއަށް ދިޔައިރު، ޒަހްރާންގެ މަސައްކަތާ މެދު އަޔާޝް ފަޚުރުވެރިވިއެވެ. އެއީ ޒަހްރާންގެ ފުރަތަމަ މަސައްކަތަށް ވިޔަސް ފުރިހަމައެވެ. ކުންފުނީގެ ލީގަލް ހެޑަށް ވުމުގެ ހުރިހާ ޤާބިލުކަމެއް ޒަހްރާންގެ ކިބައިގައި އެބަ ހުއްޓެވެ. އިތުރު މުހުލަތަކަށް ރިހާމް އެދުނީ އެ ޕްރޮޖެކްޓްތައް އެމީހުން އަތުން ގެއްލިއްޖެނަމަ، ކުންފުންޏަށް މާލީ ގޮތުން ވެސް ގިނަ ގެއްލުންތަކެއް ވާނެތީއެވެ. އަޔާޝް ބުނެލީ އިތުރަށް މަޝްވަރާކޮށްފައި ނިންމާ ގޮތެއް ބުނާނެކަމުގައެވެ. މީޓިން ހޯލުން ކޮރިޑޯއަށް ނުކުތުމަށްފަހު އެކަކު އަނެކަކާ ސަލާމްކޮށްލިއެވެ. އަޔާޝްއަށް ފޯނެއް އައުމުން އޭނާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ.
ރިހާމް ހުރީ ޒަހްރާނާ ދިމާލަށް ފާޑަކަށް ބަލަހައްޓައިގެންނެވެ. މީޓިން ނިންމައިލަމުން އަޔާޝް ވަނީ ޒަހްރާނަކީ އޭނާގެ ކޮއްކޮކަން ވެސް ހާމަކޮށްލާފައެވެ.
"ކިހިނެއްވީ ފާޑަކަށް ތި ބަލަނީ؟" ރިހާމްގެ އެ ނަޒަރުން ޒަހްރާނަށް އުނދަގޫވިއެވެ. އެންމެފަހުން އޭނާއަށް ހިތްހަމަނުޖެހުމާއެކު ވާހަކަ ދެއްކުނެވެ. ރިހާމްއަށް އޭނާގެ އަތް މުށްކަވައިލެވުނެވެ. ޒަހްރާން ފެނުމުން އޭނާ އައިރާ މަތިން ހަނދާންވީއެވެ. އައިރާ ވީތަނެއް އެނގެން ރިހާމް ބޭނުންވާން ފެށިއެވެ. ކީއްވެކަމެއް ނޭނގެއެވެ.
އެވަގުތު ޝިފާޒު ރިހާމްގާތު ދާން ހިނގާށޭ ބުނެލުމުން ރިހާމްވެސް، އަޔާޝްއަށް ބަލައިލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. ޒަހްރާނަށް ރިހާމް ދިޔަތަން ބަލަން ހުރުމަށްފަހު، މުށްކަވައިލި އަތް ޖީބަށް ޖަހައިލެވުނެވެ. އޭރު ދެބުމަ ގޮށްޖެހި ދަތްކުނޑިވެސް ވަނީ ވިކައިލެވިފައެވެ. ރިހާމް ފެނުމުން އޭނާގެ ހަނދާނަށް އައީ އައިރާ އުޅުނު ޙާލާއި އައިރާ އެޅި ކަރުނަތެކެވެ. އައިރާއަށް ލިބުނު ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެވެ. ކެތްތެރިވީ އެހާ ޙާލުންނެވެ. އޮފީހުގައި ބޮޑު ހައިޖާނުގަނޑެއް ހިންގަން ބޭނުންނުވާތީއެވެ. އޭނާއަކީ މިހާރު ޒިންމާދާރު މީހެކެވެ. އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްކުރަން ދަސްކުރަން ޖެހޭނެއެވެ.
*****
ރޭގަނޑުގެ ވަގުތެވެ. ރިހާމް އޮތީ އެނދުގައި އޮށޯވެލައިގެން އެއް އަތް ނިތުގައި ބާއްވައިލައިގެންނެވެ. އޭނާ އޮތީ ވިސްނުމަކަށް ގެއްލިފައެވެ. އޭރު ދާނިޔާ އުޅެނީ ފާޚާނައިގައެވެ. ސީލިންގަށް ނަޒަރު ހުއްޓައިލައިގެން އޮތް ރިހާމް ޚިޔާލުތަކަށް ގެއްލިފައި އޮތްވަރުން ދާނިޔާ ފާޚާނާއިން ނުކުތްކަމެއް ވެސް ނޭނގެއެވެ.
ހުދުކުލައިގެ ކަކުލާ ހިސާބަށް އަރާ ނައިޓީގައި ހުރި ދާނިޔާ، ގޮސް ޑްރެސިންޓޭބަލް ކައިރިއަށް ހުއްޓުމަށްފަހު، އިސްތަށިގަނޑުގައި ފުނާއަޅަމުން ލޯގަނޑުން ރިހާމްއަށް ބަލައިލިއެވެ. ގަޔަށް ސެންޓު ޖަހައިލައިގެން ދާނިޔާ ގޮސް، އެނދުގައި އޮށޯވެ ރިހާމްއާ ގާތަށް ޖެހިލާފައި ރިހާމްގެ މޭގައި އަތް ޖައްސައިލިއެވެ.
"ރިހާމް...." ދާނިޔާ ގޮވައިލިއެވެ.
"ހޫމް..." ރިހާމް ނިތްމަތިން އަތް ނަގަމުން ދާނިޔާގެ އަތުގައި ހިފައްޓައިލިއެވެ. ދާނިޔާ ރިހާމްގެ މޭގައި ފިރުމައިލިއެވެ.
"ކޮންކަމަކާތަ ތި ވިސްނަނީ؟" ދާނިޔާ ސުވާލުކޮށްލިއެވެ.
"ނޫނޭ. ކަމެއް ނުވޭ. އޮފީހުގެ ކަންތައްތަކާ މެދު." ރިހާމް ބުނެލިއެވެ.
"މިދިޔަ ހަފްތާގައި ވެސް ދެ ޕްރޮޖެކްޓެއް ގެއްލިއްޖެ. އަނެއްކާ މިއަދު އެހެން ކުންފުންޏަކުން ވެސް ޝަކުވާކޮށްފި." ރިހާމްއަށް ބުނެވުނެވެ. އޭނާގެ ސިކުނޑީގައިވަނީ ހަމައެކަނި އެކަންތައްތަކެއް ނޫނެވެ. އެހެންނަމަވެސް، ޒަހްރާނާ އައިރާއާ މެދު ވެސް އޭނާ ދިޔައީ ވިސްނަމުންނެވެ. ފަހަރުގައި އެހާ ދުވަސްފަހުން ޒަހްރާން ފެނުމުންކަމަށް ވެސް ވެދާނެއެވެ. ރިހާމްއަށް ފުންނޭވާއެއްދޫކޮށްލެވުނެވެ.
"ބައްޕައާ ތިކަން ހިއްސާކޮށްފިންތަ؟" ދާނިޔާ ސުވާލުކޮށްލިއެވެ.
"މާދަމާ ބުނަންކަމަށް." ރިހާމް ބުނެލިއެވެ.
"ރިހާމް..." ދާނިޔާ ރިހާމްއާ އިތުރަށް ގާތްވެލިއެވެ. "ދެން ނުވިސްނަބަލަ."
"އަހަރެން ވަރަށް މިސްވިޔޭ މިއަދު." ދާނިޔާ އަނެއްކާ ވެސް ބުނެލައިފިއެވެ.
"އަހަރެންވެސް." ރިހާމްވެސް ހުރިހާ ވިސްނުންތަކަކަށް ސިކުނޑި މިންޖުކުރަން މަސައްކަތްކުރަމުން ދާނިޔާގެ އަތުގައި ބޮސްދިނެވެ. އޭނާ ދާނިޔާގެ އަމަލުތަކަށް އުފަލާއެކު މަރްޙަބާ ކިޔެވެ.
*****
އައިރާ ފެންވަރާލައިގެން ނުކުމެ އޮށޯތްތަނާ އޭނާގެ ފޯނު ރިންގުވިއެވެ. ތެތްއިސްތަށިގަނޑުގައި ތުވާލި އޮޅައިލަމުން އޭނާ އައިސް ފޯނު ނަގައި ބަލައިލިއެވެ.
(ނުނިމޭ)