ވެނެޒުއެލާއަށް މިދިޔަ ބުދަ ދުވަހު އައި ބާރުގަދަ ދެ ބިންހެލުމުގެ އަސަރު ގާތްގަނޑަކަށް ހަތް މިލިއަން މީހުންނަށް ކުރާނެ ކަމަށް އދ އިން ލަފާކޮށްފިއެވެ.
އެ ބިންހެލުންތަކުގައި ގާތްގަނޑަކަށް 1،000 މީހުން މަރުވެ ލައްކައެއްހާ މީހުން ގެއްލިފައިވާ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
"ޖޫން މަހުގެ 24 ވަނަ ދުވަހު ވެނެޒުއެލާއަށް އައި ބިންހެލުމުގެ އަސަރު 6.76 މިލިއަން މީހުންނަށް ކޮށްފާނެ،" އދ ގެ އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަނުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ވެއެވެ.
ބިންހެލުމުގެ އަސަރު ހަމައެކަނި ވެރިރަށް ކަރަކާސްއިން ވެސް ދެ މިލިއަނަށް މީހުންނަށް ކުރާނެ ކަމަށް ލަފާކޮށްފައިވެއެެވެ.
ފަންސާސް ހާހަށްވުރެ ގިނަ މީހުން ގެއްލިފައި
އދ ގެ އެހީގެ ވެރިޔާ ޓޮމް ފްލެޗާ ވިދާޅުވި ގޮތުގައި ބިންހެލުމާ ގުޅިގެން ވެެނެޒުއޭލާއިން 50،000 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ.
އައިއޯއެމްއިން ބުނީ މައިކްރޮސޮފްޓް އޭއައި ފޯ ގުޑް ލެބާ ގުޅިގެން ހެދި ސެޓެލައިޓް މެޕިން އެނަލިސިސްއެއް ކަމަށާއި އެ އެނަލިސްސްއިން ދައްކާ ގޮތުގައި ކެޓިއާ ލާ މާ ޓައުންގެ 31.5 ޕަސެންޓް އިމާރާތްތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ވެނެޒުއެލާގެ ލާ ގުއައިރާގެ އިމާރާތެއްގެ ދަށުން ސަލާމަތްކުރި މީހެއް -- ފޮޓޯ/ އޭޕީ
މިފަދަ އެސެސްމަންޓްތަކުގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އެންމެ ބޮޑަށް އަސަރުކުރާ ކޮމިއުނިޓީތައް ދެނެގަނެ، ގްރައުންޑް އެސެސްމަންޓްތައް ކުރިއަށްދާއިރު ވެސް ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ތަންތަނަށް އިސްކަންދިނުމަށް އެހީތެރިވެދެމުން އަންނަ ކަމަށް އެ އައިއޯއެމް އިން ބުނެއެވެ.
"އައިއޯއެމް ދަނީ ހަލުވިކަމާއެކު ސްކޭލް އަޕް ކުރަމުން. ޕްރީޕޮޒިޝަންޑް ރިލީފް އައިޓަމްސް މިހާރު ވެސް ފޮނުވަމުން އެބަދޭ. އަދި ސަރުކާރާއި ޕާޓްނަރުންނާ ގުޅިގެން ކުއްލި ހިޔާވަހިކަމާއި ކޮންމެހެން ބޭނުންވާ ސާމާނާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން މިދަނީ،" އައިއޯއެމްގެ ވެރިޔާ އެމީ ޕޯޕް ވިދާޅުވިއެވެ.
ބިންހެލުންތަކުގެ ކުރިން ވެސް އިންސާނީ ދަތިކަން ކުރިމަތިވެފައިވާ އެ ގައުމުގައި ގެދޮރު ދޫކުރަން މަޖޫބުރުވާ މީހުންގެ އަދަދު އިތުރުވާނެކަމުގެ ޔަގީންކަން ޕޯޕް ދެއްވިއެވެ. އަދި ކުރިއަށް އޮތް ދަތި ދުވަސްތަކާއި މަސްތަކުގައި ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިކަން ފޯރުކޮށްދީ، ވެނެޒުއެލާގެ ރައްޔިތުންނަށް އެހީތެރިވެދިނުމުން އަވަސް ހައްލު ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ބިންހެލުމުގައި އަނިޔާވި މީހުންނަށް ފަރުވާދެނީ -- ފޮޓޯ/ ރޮއިޓާސް
މީޑިއަ ރިޕޯޓުތައް ބުނާ ގޮތުން، ފުރަތަމަ އައިސްފައިވަނީ ރިކްޓާ މިންގަނޑުން 7.2 ގެ ބާރުމިނުގެ ބިންހެލުމެކެވެ. އަދި އޭގެ ސިކުންތުކޮޅެއް ފަހުން 7.5 ގެ ބާރުމިނުގެ ދެވަނަ ބިންހެލުމެއް އައިސްފައި ވެއެވެ. ޔޫއެސްޖީއެސް އިން ހާމަކޮށްފައިވާ ގޮތުގައި ފުރަތަމަ ބިންހެލުން އުފެދިފައި ވަނީ ބިމުގެ 20.3 ކިލޯމީޓަރު އަޑިންނެވެ. އަދި ދެވަނަ ބިންހެލުން އުފެދިފައި ވަނީ 10 ކިލޯމީޓަރު އަޑިންނެވެ. ބިންހެލުން އައިސްފައިވަނީ ބުދަ ދުވަހުގެ ހަވީރު 6:04 ހާއިރު ކަމަށްވުމާއި، އެ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ވުމުން ގިނަ ބަޔަކު ތިބީ ގޭގައެވެ.
މި ބިންހެލުންތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ވެރިރަށް ކަރާކަސްގެ އިތުރުން އައްސޭރިފަށުގެ ސަހަރެއް ކަމަށްވާ ލަ ގުއައިރާ އަށާއި މޮރޮން އަށެވެ. މީގެ އިތުރުން ޓްރުހިޔޯ، ޔަރަކުއީ، ކަރަބޯބޯ، އަރާގުއާ އަދި މިރާންޑާ ސްޓޭޓަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.