ތައިލެންޑުގެ ރިސޯޓް ސިޓީ ޕަޓާޔާ ކައިރިން ފުރާވަރުގެ އަންހެން ކުއްޖަކު މަރާލައި ސޫޓްކޭހަަކަށް ލައި އެއްލާލި މައްސަލައިގައި އޮސްޓްރޭލިއާ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންނާއި ތައިލެންޑުގެ މީޑިއާތަކުން ބުނާ ގޮތުގައި 46 އަހަރުގެ ސައިމަން ކާމަން، ނަމަކަށް ކިޔާ އެ މީހާ ހުކުރު ދުވަހުގެ ހަވީރު ބެންކޮކްގެ ސުވާނަބޫމީ އެއާޕޯޓުން ބަންދުކޮށްފައި ވަނީ އޮސްޓްރޭލިއާއަށް ދާން ފްލައިޓަކަށް އަރަން ތައްޔާރުވަމުން ދަނިކޮށެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަންހެން ކުއްޖާ އެ މީހާއާއެކު ކޮންޑޮމިނިއަމް އަކަށް ވަދެގެން ދިޔަ މަންޒަރު ސެކިއުރިޓީ ކެމެރާތަކުން ފެނިފައި ވެއެވެ.
އޭގެ ގަޑިއެއްހާއިރު ފަހުން އެހެން ފޫޓޭޖަކުން ފެންނަ ގޮތުގައި އޭނާ އިމާރާތުން ނުކުމެގެން ދިޔައީ ކަޅުކުލައިގެ ބޮޑު ސޫޓްކޭސްއެއް ހިފައިގެންނެެވެ. އެ ސޫޓްކޭސް ސައިކަލެއްގެ ފަހަތަށް އަރުވައިގެން ދިޔަ މަންޒަރު ވެސް ވަނީ ކެމެރާއިން ފެނިފައެވެ.
ފަހުން އެ އަންހެން ކުއްޖާގެ ބަރަހަނާ ހަށިގަނޑު ފެނިފައި ވަނީ އެންމެ ފަހުން ފެނުނު ތަނާ ކުޑަ ދުރުމިނެއްގައި ރޭލު ލައިނެއް ކައިރިއަށް އެއްލާލާފައި އޮތް ސޫޓްކޭސްގެ ތެރެއިންނެވެ.
ފުލުހުން ބުނީ އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށާއި، އޭނާގެ މޫނުގައި ބޮޑެތި ޒަޚަމްތަކެއް ވެސް ހުރި ކަމަށެވެ.
އެ މައްސަލަ ފެންމަތިވީ ހުކުރު ދުވަހުގެ މެންދުރު ފަހު ފުރާވަރުގެ ކުއްޖާގެ ރައްޓެހިން އޭނާ ގެއްލިގެން ރިޕޯޓް ކުރުމުންނެވެ.
އެ މައްސަލައާ ގުޅިގެން އަންހެންކުއްޖާ މަރާލި ކަމަށް ކާމަން އެއްބަހެއް ނުވެއެވެ.
ޕަޓާޔާ ސިޓީ ޕޮލިސް ސްޓޭޝަންގެ އިސްވެރިޔާ ޕޮލިސް ކާނަލް އަނެކް ސަރަތޮންގްޔޫ ވިދާޅުވީ އޮފިސަރުން ގަބޫލުކުރާ ގޮތުގައި މަރާލުމުގައި ކާމަން ޒިންމާވާ ކަމަށާއި އޭނާއާ ސުވާލު ކުރީ މަރާލި ކަމަށް ޝައްކު ކުރެވޭތީ ކަމަށެވެ.
އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައި ވާއިރު، އޭގެ ތެރޭގައި މީހަކު މަރާލުމާއި ހަށިގަނޑެއް ފޮރުވުމާއި ކުޑަކުއްޖަކު ނާތަހުޒީބު ބޭނުމަކަށް ގެންދިއުމުގެ ދައުވާ ހިމެނެއެވެ.
މި މައްސަލަ ކުރިމަތިވެފައި ވަނީ މަސްތުވާތަކެތީގެ ކުށްތަކާއި ޓްރެފިކްކުރުމާއި ގަވާއިދާ ޚިލާފަށް ވިޔަފާރިތައް ހިންގާ މައްސަލައާ ގުޅިގެން ތައިލެންޑުގައި ފަތުރުވެރިން ވިސާ ނެތި ތިބުމުގެ މުއްދަތު ވަރަށް ބޮޑަށް ކުޑަކުރިތާ ހަފުތާތަކެއް ފަހުންނެވެ.