ރާއްޖޭގެ ފުރަތަމަ ޕެޑަލް މުބާރާތުގެ ޗެމްޕިއަންކަން ވެލާ ސްޓްރައިކާސްއަށް

އިންޓަ ރިސޯޓް އެންޑް ޕާޓްނާސް މޯލްޑިވްސް ޕެޑަލް އޯޕަން 2026 ގެ ޗެމްޕިއަންކަން ހޯދި ވެލާ ސްޓްރައިކާސްއަށް އިނާމުދެނީ--

ދިވެހިރާއްޖޭގައި ބޭއްވި ފުރަތަމަ އިންޓަ ރިސޯޓް ޕެޑެލް ޓެނިސް މުބާރާތް ކަމަށްވާ "އިންޓަ ރިސޯޓް އެންޑް ޕާޓްނާސް މޯލްޑިވްސް ޕެޑަލް އޯޕަން 2026" ގެ އެއްވަނަ ވެލާ ސްޓްރައިކާސް ހޯދައިފިއެވެ.

ޕެއާއެއްގެ ގޮތުގައި ކޮންމެ ޓީމަކުންވެސް ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ވެލާ ސްޓްރައިކާސް ޓީމުގައި ހިމެނުނު ދެ ކުޅުންތެރިންނަކީ މުޙައްމަދު ޝަރުޚީލް އަދި ޙުސައިން ސާމިލްގެ ޕެއާ އެވެ.

ޖޫން 18 އިން 20 އަށް ސައި ލެގޫން މޯލްޑިވްސްގައި ކުރިއަށްދިޔަ މި މުބާރާތުގެ ދެވަނަ ހޯދާފައިވަނީ ހައިޑްއަވޭގެ ދޭޝަން އަދި އިމަނުއެލް އެވެ. އަދި ވާދަވެރި ކުޅުމަކަށްފަހު މުބާރާތުގެ ތިންވަނަ މަގާމު ހޯދާފައިވަނީ ޓީމު އާރްއާރް ކޯޓް ކިންގްސްގެ ގާއިދު ގާސިމް އަދި އާދަމް އަބޫބަކުރުގެ ޕެއާއެވެ.

ރާއްޖޭގެ ފުރަތަމަ ޕެޑަލް މުބާރާތުގައި ވާދަކުރި ބައެއް ކުޅުންތެރިން---

މޯލްޑިވްސް ޕެޑަލް އެސޯސިއޭޝަން (އެމްޕީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތަކީ ރާއްޖޭގައި ޕެޑެލް ޓެނިސް ކުރިއެރުވުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ކުޅިވަރުގެ އެހީގައި ވަރުގަދަކުރުމަށް ބޭއްވުނު މުހިންމު މުބާރާތެއްގެ ގޮތުގައި އެސޯސިއޭޝަނުން ސިފަކުރެއެވެ.

މުބާރާތާ ބެހޭގޮތުން ވާހަކަދައްކަވަމުން ޕެޑެލް އެސޯސިއޭޝަނުގެ ރައީސް ޙުސައިން އިޙްވާން ވިދާޅުވީ، މި މުބާރާތަކީ ރާއްޖޭގައި މި ކުޅިވަރު ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، މިއީ ހޮސްޕިޓާލިޓީ ދާއިރާގެ ބޭފުޅުން ގުޅުން ބަދަހިކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.

ތިން ދުވަހުގެ މުއްދަތަށް، ގްރޫޕް ސްޓޭޖާއި ނޮކްއައުޓް އުސޫލުން ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭގެ މަޝްހޫރު 6 ރިސޯޓް ބްރޭންޑަކުން ވާދަކުރިއެވެ.

މުބާރާތުގެ މެޗުތައް ކުޅުނު ސާއީ ލެގޫންގެ ޕެޑަލް ކޯޓު--

އޭގެތެރޭގައި ހިމެނެނީ ސައި ލެގޫން މޯލްޑިވްސް، ކްރޮސްރޯޑްސް މޯލްޑިވްސް، ވަން އެންޑް އޮންލީ ރީތިރަށް، ވެލާ ޕްރައިވެޓް އައިލެންޑް، ރޮބިންސަން ނޫނު އަދި ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ އެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނުނީ ހައިޑްއަވޭ ޓީމު، ވެލާ އިންފިނިޓީ، ވެލާ ސްޓްރައިކާސް އަދި ރޮބިންސަން ނޫނު އެވެ. އަދި ގްރޫޕް ބީގައި ވާދަކުރީ ސައި ސްޓާޓްސް، ސައި ސުވިންގް، ކިންގްސް، އާރްއާރް ކޯޓް ކިންގްސް އަދި އާރްއާރްސީ ޗެލެންޖާސް އެވެ.

މުބާރާތުގެ މެޗެއްގެ ތެރެއިން-- ފޮޓޯ: ކުޅިވަރު ވުޒާރާ

މޯލްޑިވްސް ޕެޑަލް އެސޯސިއޭޝަނުގެ އުންމީދަކީ މި ކުޅިވަރު ރާއްޖޭގެ ރަށްރަށަށް ފުޅާވެގެންދިއުމެވެ. އަދި އާންމުންގެ މެދުގައި މަގުބޫލު ކުޅިވަރަކަށް މި ކުޅިވަރު ވެގެންދިއުމާއި ކުޅިވަރު ކުޅޭނެ ފެސިލިޓީ މާލޭ އޭރިއާއާއި ރަށްރަށުގައި ގާއިމުވެގެންދިއުމެވެ.

ދިވެހިރާއްޖޭގައި ބޭއްވުނު ފުރަތަމަ "އިންޓަ ރިސޯޓް އެންޑް ޕާޓްނާސް މޯލްޑިވްސް ޕެޑަލް އޯޕަން 2026" ގެ ޗެމްޕިއަންކަން ވެލާ ސްޓްރައިކާސްގެ މުޙައްމަދު ޝަރުޚީލް އަދި ޙުސައިން ސާމިލްގެ ޕެއާއިން ހޯދައިފިއެވެ. ޖޫން މަހު ސައި ލެގޫން މޯލްޑިވްސްގައި ކުރިއަށްދިޔަ މި މުބާރާތަކީ ފަތުރުވެރިކަމުގެ ދާއިރާގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕެޑަލް ޓެނިސް ކުރިއެރުވުމުގެ މަޤުޞަދުގައި މޯލްޑިވްސް ޕެޑަލް އެސޯސިއޭޝަނުން އިސްނަގައިގެން ބޭއްވި ތާރީޚީ މުބާރާތެކެވެ.

  • އެއްވަނަ މަޤާމު ވެލާ ސްޓްރައިކާސް ހޯދިއިރު، ދެވަނަ ލިބުނީ ހައިޑްއަވޭގެ ޓީމަށެވެ.
  • މުބާރާތުގެ ތިންވަނަ މަޤާމު އާރްއާރް ކޯޓް ކިންގްސްގެ ޕެއާއިން ވަނީ ކާމިޔާބުކޮށްފައެވެ.
  • ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭގެ މަޝްހޫރު 6 ރިސޯޓަކުން ވާދަކުރިއެވެ.
  • އެސޯސިއޭޝަންގެ މައިގަނޑު އަމާޒަކީ މާލެއާއި އަތޮޅުތެރޭގައި ޕެޑަލް ކޯޓުތައް ޤާއިމުކޮށް މި ކުޅިވަރު ޢާންމުކުރުމެވެ.
  • ފަތުރުވެރިކަމުގެ ސިނާޢަތުގައި ކުޅިވަރުގެ ތެރެއިން ގުޅުން ބަދަހިކުރުމުގެ އައު ޕްލެޓްފޯމެއް ޤާއިމުވުން.
  • ރާއްޖޭގައި ޕެޑަލް ޓެނިސްގެ ފެސިލިޓީތައް އިތުރުކުރުމަށް އިންވެސްޓްކުރުމަށް މަގުފަހިވުން.
  • ޤައުމީ ފެންވަރުގައި ޕެޑަލް ޓެނިސް ފުޅާކުރުމަށް އެސޯސިއޭޝަނުން ސްޓްރެޓީޖިކް މަސައްކަތްތަކެއް ފެށުން.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު