ހއ. އުތީމުގައި ހުންނަ ތާރީޚީ އުތީމު ގަނޑުވަރު ސަރަހައްދު ލޭންޑްސްކޭޕްކޮށް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނު ކޮށްފިއެވެ.
މިއީ އެ ސަރަހައްދު އިތުރަށް ރީތިކޮށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.
އުތީމު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް އެ މަސައްކަތް ކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ބިޑުގައި ރަޖިސްޓްރީވާން ޖެހޭނެއެވެ.
ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށްވެސް ކައުންސިލުން މައުލޫމާތުދެއެވެ.
މި މަޝްރޫއުގެ ބިޑު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އުތީމު ކައުންސިލް އިދާރާގައެވެ. އުތީމު ގަނޑުވަރު ސަރަހައްދު ތަރައްގީ ކުރަން ނިންމާފައި މިވަނީ، އެތަން ބެލެހެއްޓުމުގައި ރަށުގެ ރައްޔިތުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކޮށް، އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
އެގޮތުން އުތީމު ރައްޔިތުން ގައުމިއްޔަތަށް ކުރަމުންދާ ހިދުމަތުގެ އަގު ވަޒަންކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރު އެ ރަށު ރައްޔިތުންނަށް ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު އަރުވާފައެވެ.
އުތީމު ގަނޑުވަރަކީ ޕޯޗްގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި އައްސުލްތާން މުޙައްމަދު ތަކުރުފާނުލް އައުޒަމް (ބޮޑުތަކުރުފާނު) ދިރިއުޅުއްވި ގެކޮޅެވެ.
ސޯޅަ ވަނަ ގަރުނުގައި ބިނާކޮށްފައިވާ މި ގަނޑުވަރަކީ ދިވެހިންގެ ތާރީޚާއި ސަގާފަތާ ގުޅިފައިވާ އެންމެ މުހިންމު އެއް ބިނާއެވެ.