ދާޚިލީ ސަލާމަތާއި ދިފާއީ ރައްކާތެރިކަމަށްޓަކައި 150 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ފަސް މަޝްރޫއެއް ހިމެނޭހެން، ދައުލަތުގެ އާންމު މަންފާއަށްޓަކައި ހިންގާނެ 19 މަޝްރޫއެއް ކަނޑައަޅައިފިއެވެ.
އިގުތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނެ މުހިންމު މަޝްރޫޢުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައި، ވަނީ ގަރާރެއް މިއަދު ނެރުއްވައިފައެވެ.
އެ ގަރާރުގައި، ސަރުކާރުން ދައުލަތުގެ އާންމު މަންފާއަށްޓަކައި ކޮންމެހެން ހިންގާނެ 19 މަޝްރޫއެއް ހިމަނައިފައިވެއެވެ.
އޭގެ ތެރޭ ހިމެނެނީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ގުޅޭ 25 މިލިއަން އެމެރިކާ ޑޮލަރުގެ ފަސް މަޝްރޫއަކާއި ދާޚިލީ ސަލާމަތާއި ދިފާއީ ރައްކާތެރިކަމާ ގުޅޭ 155 މިލިއަން އެމެރިކާ ޑޮލަރުގެ ފަސް މަޝްރޫއަކާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ގުޅޭ 19 މިލިއަން އެމެރިކާ ޑޮލަރުގެ ހަތަރު މަޝްރޫއަކާއި ޒުވާނުން ބާރުވެރިކުރުވުމާ ގުޅޭ 20 މިލިއަން ޑޮލަރުގެ މަޝްރޫއެއްގެ އިތުރުން، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ގުޅޭ 19.25 މިލިއަން އެމެރިކާ ޑޮލަރުގެ ހަތަރު މަޝްރޫއެކެވެ.
އެ މަޝްރޫއުތަކުގެ ތެރޭގައި އައްސޭރި ޓޫރިޒަމް މަޝްރޫއާއި އެތެރޭގެ އެއާޕޯޓުތައް ބިނާކުރުމާއި ހޯޕް އައިލެންޑަށް ބޭނުންވާ ބިން ހިއްކުމާއި ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް ތަރައްގީކުރުން ހިމެނެއެވެ.
އެންމެ ބޮޑު ޚަރަދެއްކުރަން ހިމަނައިފައިވަނީ "ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ރޭވިފައި ހުރި މަޝްރޫއުތަކަށެ"ވެ. އެއީ ސީދާ ކޮން މަޝްރޫއުތަކެއްކަން ހާމަ ކޮށްފައި ނެތެވެ.
މި މަޝްރޫއުތަކަށް މަދުވެގެން 236.25 އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ 3.64 ބިލިއަން ރުފިޔާއެވެ.
ފާހަގަކުރެވޭ ގޮތުގައި، ކުރިއަށް އޮތް ތިން އަހަރަށް ލަފާކުރާ ބަޖެޓުން އައު މަޝްރޫއުތަކަށާއި ކަންކަމަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅަން ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކަށް އަންގައި، އައު މަޝްރޫއުތަކާއި އާމްދަނީ އިތުރުކުރެވޭނެ ކަންކަން ހުށަހަޅަން ފިނޭންސް މިނިސްޓްރީން ވަނީ އިއްޔެ ދެ މަހުގެ މުހުލަތެއް ދީފައެވެ.
އާ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ސޮއިކުރައްވައި ނެރުއްވި ސާކިއުލާއެއްގައިވަނީ، ބަޖެޓު އެކުލަވައިލުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ކުރިއަށް އޮތް ތިން އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓުގެ އައު ހަރަކާތްތަކާއި މަޝްރޫއުތައް އެކުލަވައިލުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފައިވާ ކަމަށެވެ.
ބަޖެޓު އެކުލަވައިލުމުގެ ފުރަތަމަ މަރުހަލާގެ ދަށުން، ދައުލަތުގެ އޮފީސްތަކުން އައު މަޝްރޫއުތަކަށާއި ކަންކަމަށް ޕްރޮޕޯސަލް ހުށަހަޅަންވާނީ 2027އިން 2029އަށް ހިންގުމަށް ރާވައިފައިވާ މަޝްރޫއުތަކަށް ކަމަށާއި، ބަޖެޓުން ޖާގަ އިތުރަށް ބޭނުންވާ ކަންތައްތަކަށް ކަމަށް، އެ ސާކިއުލާގައިވެއެވެ.
އެގޮތުން ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުން ހުށަހަޅާ އައު ކަންކަމަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ސަރުކާރުން އެކުލަވައިލި މެނިފެސްޓޯއާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅުތަކުގައި ހިމެނޭ ކަންކަން ހާސިލުވާނެ ގޮތަށް އެކުލަވައިލައިފައިވާ ކަންކަމުގައި ވާން ޖެހޭނެ ކަމަށް، ސާކިއުލާގައިވެއެވެ.