އިސޫއަށް ހަމަލާދިން ކަމަށް ތުހުމަތުވާ މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފި

އިސްމާޢީލް ޢަބްދުއްރަޙީމް (އިސޫ): އޭނާއަށް ހަމަލާދިން ކަމުގެ ތުހުމަތުވާ މީހާއަށް ވަނީ ފަސް ދުވަހުގެ ބަންދެއް ޖަހައިފައި -- ފޮޓޯ/ އިސްމާޢީލް ޢަބްދުއްރަޙީމް، އެކްސް

ހުޅުމާލޭގެ ބެލެނިވެރި, ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީގެ) ޑިރެކްޓަރުކަން ކުރައްވާ އިސްމާޢީލް ޢަބްދުއްރަޙްމާން (އިސޫ)އަށް ހަމަލާދިން ކަމަށް ތުހުމަތުވާ މީހާ ފަސް ދުވަހަށް ބަންދުކޮށްފިއެވެ.

ރޭ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށީ ހިއްކި ސަރަހައްދުގައި މާރާމާރީއެއް ހިންގި ކަމަށް ރޭ އިރުއޮއްސި 6:37 ހާއިރު މައުލޫމާތު ލިބުނު ކަމަށެވެ.

އެ މާރާމާރީގައި އިސޫގެ އިތުރުން އޭނާއަށް ހަމަލާދިން މީހާއަށް އަނިޔާވެ، ހުޅުމާލޭ ހޮސްޕިޓަލުގައި ދެ މީހުންނަށް ވަނީ ފަރުވާދީފައެވެ. ދެ މީހުންގެ ހާލު ސީރިއަސްނޫން ކަމަށް، ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފަރުވާއަށްފަހު، އިސޫއާއި 21 އަހަރުގެ މީހާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ. އަދި މި މާރާމާރީއާ ގުޅިގެން 21 އަހަރުގެ މީހާ ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ، އެ 21 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ފަސް ދުވަހުގެ ބަންދެއް ޖަހައިފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފާހަގަކުރެވޭ ގޮތުގައި އިސޫއަކީ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުالله ގެއްލުވާލި މައްސަލައާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި 2022 ވަނަ އަހަރު ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކަކެވެ. އަދި އޭނާއަށް ވަނީ އޭގެ އެއް މަސް ފަހުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާއެއް ކޮށްފައެވެ.

ނަމަވެސް ހެކި ނެތް ކަމަށް ބުނެ 2023 ވަނަ އަަހަރު ކޯޓުން ވަނީ އެ ދައުވާތައް ބޭރުކޮށްލައިފައެވެ. އޭރު އިސޫ ހުރީ ފައިގައި ޓެގް އެޅުވުމަށް ފަހު ގެއަށް ދޫކޮށްލާފައެވެ.

އެޗްޑީސީގެ ޑިރެކްޓަރުގެ ވަޒީފާއަށް އޭނާ އައްޔަންކުރީ, ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ކުރީކޮޅު, 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރު އިސްމާޢީލް ޢަބްދުއްރަޙްމާން (އިސޫ) އަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަމަލާދިން މައްސަލައާ ގުޅިގެން 21 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މި މާރާމާރީގައި ދެ މީހުންނަށްވެސް އަނިޔާވެ ފަރުވާދީފައިވާއިރު، ކޯޓުން ވަނީ ތުހުމަތުކުރެވޭ މީހާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލައިގައި އަނިޔާވި އިސޫއަކީ ނޫސްވެރިޔާ އަޙްމަދު ރިޟްވާން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގައި ކުރިން ތުހުމަތުކުރެވި، ހެކިނެތުމުގެ ސަބަބުން ދައުވާތައް ބާތިލުކޮށްފައިވާ ފަރާތެކެވެ. އޭނާ އެޗްޑީސީގެ މަގާމަށް އައްޔަންކުރެވުނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.

  • އެޗްޑީސީގެ ޑިރެކްޓަރު އިސޫއަށް ހަމަލާދިން މައްސަލައިގައި 21 އަހަރުގެ މީހަކު ހައްޔަރުކޮށް ފަސް ދުވަހަށް ބަންދުކޮށްފި.
  • ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިންގި މި މާރާމާރީގައި ދެ މީހުންނަށް އަނިޔާވެ ހޮސްޕިޓަލުން ފަރުވާދީފައިވޭ.
  • ފަރުވާއަށްފަހު ދެ މީހުންވެސް ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުން.
  • އިސޫއަކީ ކުރިން ރިޟްވާން އަދި ޔާމީންގެ މައްސަލައިގައި ހައްޔަރުކުރުމަށްފަހު، ހެކިނެތިގެން ދައުވާތައް ބޭރުކޮށްލާފައިވާ ފަރާތެއް.
comment ކޮމެންޓް