ތިމާގެ ދަރިފުޅަކީ ސިއްހަތު ސަލާމަތުން ހުރި، ހަރަކާތްތެރި، އަދި އުމުރާ އެކަށޭނަ ގޮތަށް ހެދިބޮޑުވާ ކުއްޖަކަށް ވުމަށް ކޮންމެ ބެލެނިވެރިއަކު ވެސް އެދޭނެއެވެ. ނަމަވެސް، ކުއްޖެއްގެ ހެދިބޮޑުވުމާއި ތަރައްޤީ ވަޒަންކުރެވެނީ ހަމައެކަނި އެކުއްޖެއްގެ ބަރުދަނަށް ނުވަތަ އިސްކޮޅަށް އަންނަ ބަދަލަކުން ނޫން ކަމަށް އިންޑޮނޭޝިއާގެ އީއެމްސީ ހެލްތުކެއާގެ ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑރ. ސުޒަން ނަތާލިއާ ވަނީ ވިދާޅުވެފައެވެ.
ކުއްޖާގެ ހަރަކާތްތެރިކަމާއި، ވާހަކަދެއްކުމާއި، އެހެން މީހުންނާ މުއާމަލާތްކުރުމާއި، އަދި އުނގެނުމުގެ ގާބިލުކަމަކީ ވެސް ޅަފަތުގެ އުމުރުން ފެށިގެން ވަރަށް ގާތުން ބެލުން މުހިންމު ކަންކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކުޑަކުއްޖެއްގެ ހަޔާތުގެ ކުރީކޮޅު، ހާއްސަކޮށް ފުރަތަމަ 1،000 ދުވަހަކީ ސިކުނޑިއާއި ހަށިގަނޑު ހެދިބޮޑުވުމުގައި އެންމެ ނާޒުކު އަދި މުހިންމު ދުވަސްވަރެވެ. މި ދުވަސްވަރު ކުދިން ވަރަށް ހަލުވިކަމާއެކު ހެދިބޮޑުވަމުންދެއެވެ. ގަވާއިދުން ކުއްޖާގެ ހެދިބޮޑުވުން މޮނިޓަކުރުމުގެ ސަބަބުން، ހެދިބޮޑުވުމުގައި ހުރި ނުކުޅެދުންތެރިކަމެއް ނުވަތަ ތަރައްގީވުމުގައި ލަސްތަކެއް ހުރިނަމަ އެކަން އަވަހަށް ދެނެގަނެވި، އެކަމަށް ބޭނުންވާ ފަރުވާ އެންމެ އެކަށީގެންވާ ވަގުތުގައި ފެށުމަށް މަގުފަހިވާނެ ކަމަށް ޑރ. ސުޒަން ވިދާޅުވިއެވެ.

ކުޑަކުއްޖެއްގެ ހަޔާތުގެ ކުރީކޮޅު، ހާއްސަކޮށް ފުރަތަމަ 1,000 ދުވަހަކީ ސިކުނޑިއާއި ހަށިގަނޑު ހެދިބޮޑުވުމުގައި އެންމެ ނާޒުކު އަދި މުހިންމު ދުވަސްވަރު ކަމަށް ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ވިދާޅުވޭ--ފޮޓޯ/އީއެމްސީ
މި މަރުހަލާގައި ދިމާވާ މައްސަލައެއް ކުރިއާލާ ދެނެނުގަނެވިއްޖެނަމަ، އެކަމުގެ ސަބަބުން ކުއްޖާގެ އުނގެނުމުގެ ގާބިލުކަމަށާއި، ސިއްހަތަށާއި، އަދި ކުރިމަގުގައި ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ.
ކުޑަކުދިންގެ ހެދިބޮޑުވުމުގައި ބެލުން މުހިއްމު ކަންތައްތަކުގެ ތެރޭގައި، ކުއްޖާގެ ބަރުދަން، އިސްކޮޅު ނުވަތަ ދިގުމިނަށް އަންނަ ބަދަލުތަކުގެ އިތުރުން ކުއްޖާގެ ކެއުމުގައި ހިމަނާ ބާވަތްތަކުގެ ފެންވަރު ހިމެނެއެވެ. ޑރ. ސުޒަން ހާމަކުރެއްވި ގޮތުގައި ސިއްހަތު ރަނގަޅު ކުއްޖެއްގެ ކިބައިން އާއްމުކޮށް ފެންނާނެ ސިފަތަކުގެ ތެރޭގައި، އުމުރާ ގުޅޭ ބަރުދަނާއި އިސްކޮޅު ހުރުން، ހީވާގިވުމާއި އަވަހަށް ވަރުބަލިނުވުން، ކާހިތްވުން، ހަންގަނޑާއި، އިސްތަށިގަނޑު އަދި ލޮލުގެ ދުޅަހެޔޮކަން ހިމެނެއެވެ. މީގެ އިތުރުން ހެދިބޮޑުވުމުގެ ޗާޓާ އެއްގޮތަށް ކުރިއެރުން ލިބުމަކީ ވެސް ސިއްހަތު ރަނގަޅު ކުއްޖެއްގެ އަލާމާތެކެވެ.
އަނެއްކޮޅުން، ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަން ވެސް ހުރެއެވެ. އޭގެ ތެރޭގައި ކުއްޖާގެ ބަރުދަން އިތުރުވުމުގައި ދަތިތަކެއް ހުރުން، އިށީނުމަށް ނުވަތަ ހިނގުމަށް ލަސްވުން، އުމުރާ ބަލާއިރު ވާހަކަދެއްކުމަށް ނުކުޅެދުން، ކަންކަމަށް ސަމާލުކަން ނުދެވުން ނުވަތަ އިޖާބަދޭލެއް ލަސްވުން ހިމެނެއެވެ. އަދި ގިނަ ދުވަހު ކާހިތްނުވުން، ގޮވާލުމުން އިޖާބަ ނުދިނުން އަދި ހަތަރުކަޅި ހަމަނުކުރުން ފަދަ ކަންކަމަކީ ވެސް ކަންބޮޑުވާންޖެހޭ ކަންކަމެވެ. މި ދެންނެވުނު ކަންކަން ފާހަގަކުރެވޭނަމަ ލަސްނުކޮށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއްގެ ލަފާއާއި އިރުޝާދު ހޯދަންވާނެ ކަމަށް ޑރ. ސުޒަން އިރުޝާދު ދެއްވައެވެ.
ކުދިން ހެދިބޮޑުވުމުގައި ނޭދެވޭ އަސަރުކުރާ ކަންކަމުގެ ތެރޭގައި، އެކަށީގެންވާ އަދި ހަމަހަމަ ކާނާ ނުލިބުން، ކުއްޖާއަށް ބޭނުންވާ ރަނގަޅު ސިއްހީ ފަރުވާ ނުލިބުން، ކުދިން ތަރުބިއްޔަތު ކުރުމަށް ސަމާލުކަން ނުދެވުން އަދި ސްކްރީނަށް މާބޮޑަށް ހުށަހެޅުން ފަދަ ކަންކަން ހިމެނެއެވެ.

ކުދިންގެ ކިބައިން އާދަޔާ ޚިލާފު ކަންކަމުގެ ގޮތުގައި އެއްވެސް ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ މަޝްވަރާ ހޯދުން މުހިއްމު--ފޮޓޯ/އީއެމްސީ
މީގެ ބަދަލުގައި ކުދިން ހެދިބޮޑުވުމަށް އެހީތެރިވެދޭނެ ކަންކަމުގެ ތެރޭގައި، ހަމަހަމަ ކާނާ ދިނުން، ކުދިންނަށް އެކަށީގެންވާ ނިދި ލިބޭކަން ކަށަވަރުކުރުން، ކުޅުމާއި މުޢާމަލާތްކުރުމުގައި އެހީތެރިވެދިނުން، ސްކްރީން ޓައިމް މަދުކުރުން އަދި އެކުދިންގެ ހެދިބޮޑުވުން ގަވައިދުން މޮނިޓަކުރުން ހިމެނެއެވެ.
ކުއްޖާގެ ހެދިބޮޑުވުން ބެލުމަކީ ހަމައެކަނި ބަލިވުމުން ކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ ކުއްޖާގެ މުޅި ސިއްހަތު ރައްކާތެރިކުރުމަށް އެޅުން މުހިއްމު ފިޔަވަޅެކެވެ. ބެލެނިވެރިންގެ ސަމާލުކަމާއި، ރަނގަޅު ކާނާއާއި، ގަވާއިދުން ޗެކަޕް ހެދުމުން ކުދިންނަށް އެކުދިންގެ ފުރިހަމަ ގާބިލުކަމާ ހަމައަށް ވާސިލުވެވޭނެ ކަމަށް ޑރ. ސުޒަން ވަނީ ވިދާޅުވެފައެވެ.