އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ޝްރެޔަަސް ތަލްޕަޅޭ އާއި ކާޖަލް އަގަރްވާލް މުހިންމު ރޯލުތައް ކުޅެފައިވާ ފިލްމު "ދަ އިންޑިއާ ސްޓޯރީ"އިން އެ ޤައުމުގެ ދަނޑުވެރިކަމާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރާ ކަމަށް ބުނެ، ފިލްމުގެ ޕްރޮޑިއުސަރުންނަށް ގާނޫނީ އިންޒާރު ފޮނުވައިފިއެވެ.
ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވާގޮތުން، މި ނޯޓިސް ފޮނުވާފައި ވަނީ ޒީ ސްޓޫޑިއޯސް އާއި އެމްއައިޖީ ޕްރޮޑަކްޝަން އެންޑް ސްޓޫޑިއޯސް އެލްއެލްޕީގެ އިތުރުން "ދަ އިންޑިއާ ސްޓޯރީ: ސްލޯ ޕޮއިޒަން އިން ޕްރޮގްރެސް"ގެ ޕްރޮޑިއުސަރުންނަށެވެ.
އެގްރީ ބިޒްނަސް ސެންޓަރުގެ ގާނޫނީ ޓީމުން ފޮނުވި މި ނޯޓިސްގައި ބުނެފައި ވަނީ، ފިލްމުގެ ޓީޒާ އާއި އިޝްތިހާރުތަކުގައި އިންޑިއާގެ ދަނޑުވެރިކަމާއި، ކިރުގެ އުފެއްދުންތަކާއި، ކުކުޅު ގެންގުޅޭ ދަނޑުވެރިކަމާ ގުޅޭގޮތުން ސައިންޓިފިކް އެއްވެސް ހެއްކެއް ނެތް، އަދި އަބުރަށް ހުތުރުވާ ފަދަ ދޮގު ވާހަކަތަކެއް ހިމަނާފައިވާ ކަމަށެވެ.
މި ނޯޓިސްގައި ފާހަގަކޮށްފައިވާ ގޮތުގައި، އިންޑިއާގެ ދަނޑުވެރިކަމުގެ ނިޒާމަކީ "ލަސްލަހުން ހަށިގަނޑަށް ވިހަވާ" (ސްލޯ ޕޮއިޒަން) އެއްޗެއްގެ ގޮތުގައި މި ފިލްމުގައި ސިފަކޮށްފައި ވަނީ، ދަނޑުވެރިކަމުގައި ބޭނުންކުރާ ބޭހުގެ މިންވަރާއި، ކާބޯތަކެތީގައި ހުންނަ ނުރައްކާތެރި މާއްދާތަކާއި، ކެންސަރު ބަލީގެ ތަފާސްހިސާބުތައް އޮޅުވާލައިގެންނެވެ.

ފިލްމު "ދަ އިންޑިއާ ސްޓޯރީ"ގެ ސެޓުގައި ފިލްމީ ތަރިން ކަމަށްވާ ޝްރެޔަަސް ތަލްޕަޅޭ އާއި ކާޖަލް އަގަރްވާލް--ފޮޓޯ/ބޮލީވުޑްހަންގާމާ
މީގެ ސަބަބުން އިންޑިއާގެ މިލިއަނަކަށްވުރެ ގިނަ ދަނޑުވެރިންނާއި، ކިރު އުފައްދާ ފަރާތްތަކާއި، އަދި ދަނޑުވެރިކަމާ ގުޅޭ ސާމާނު ފޯރުކޮށްދޭ ފަރާތްތަކުގެ އަބުރަށް ވަރަށް ބޮޑަށް އަސަރުކޮށް، އާންމުންގެ މެދުގައި ބިރުވެރިކަން އުފެދިގެންދާނެ ކަމަށް ޝަކުވާ ހުށަހެޅި ފަރާތުން ބުނެއެވެ.
މި ނޯޓިސްގައި ވަކިން ހާއްސަކޮށް ފިލްމުގެ ޓީޒާގައި ހިމެނޭ ބައެއް ކަންކަމަށް ވަނީ އިއުތިރާޒުކޮށްފައެވެ. އެގޮތުން އިންޑިއާގައި ދަނޑުވެރިކަމަށް ބޭނުންކުރާ ބޭހުގެ މިންވަރު އެހެން ގައުމުތަކާ އަޅާބަލާއިރު މަދުކަން ފާހަގަކޮށް، ފިލްމުގައި އެކަން އޮޅުވާލާފައިވާ ކަމަށް ބުނެފައިވެއެވެ.
އަދި އިންޑިއާގައި އުފައްދާ ގިނަ ކިރަކީ އޭގައި ނުރައްކާތެރި މާއްދާތައް އެކުލެވޭ އެއްޗެއް ކަމަށް ބުނާ ބުނުމާއި، މަރުވެފައިވާ ކުކުޅެއްގެ ގަޔަށް އިންޖެކްޝަން ޖަހާ މަންޒަރަކީ ސައިންޓިފިކް ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، ދަނޑުވެރިކަމުގެ މަސައްކަތްތަކާ ކެންސަރު ބައްޔާ ސީދާ ގުޅުމެއް ހުރި ކަމަށް ދައްކާ ވާހަކަތަކަކީ އެކަށީގެންވާ ހެއްކެއް ނެތް ވާހަކަތަކެއް ކަމަށްވެސް އެ ޓީމުން ބުނެފައިވެއެވެ.
ފިލްމުގައި ބޭނުންކޮށްފައިވާ ތަފާސްހިސާބުތަކާއި މަންޒަރުތަކުގެ ސައްހަކަން ސާބިތުކޮށްދިނުމަށް އެދުމުގެ އިތުރުން، މި ނޯޓިސްގައި ވަނީ ފިލްމުގެ ޓީޒާ އާއި އިޝްތިހާރުތައް އިންޓަނެޓުން ވަގުތުން ނެގުމަށާއި، ފިލްމު ރިލީޒްކުރުމުގެ ކުރިން އޭގައި ހުރި ކުށްތައް އިސްލާހުކުރުމަށް ގޮވާލާފައެވެ.
މީގެ އިތުރުން، މި ނޯޓިސްގެ ކޮޕީއެއް އިންޑިއާގެ ސެންސަރު ބޯޑު (ސީބީއެފްސީ) އަށްވެސް ވަނީ ފޮނުވާފައެވެ. އެ ބޯޑަށް ހުށަހަޅާފައި ވަނީ، ފިލްމުގައި ހުރި އޮޅުވާލުންތައް ރަނގަޅު ނުކުރަނީސް ފިލްމު ދެއްކުމުގެ ހުއްދަ ނުދިނުމަށާއި، ހުއްދަ ދީފައިވާނަމަ އެ ހުއްދަ ބާތިލުކުރުމަށެވެ.
މި ކަންކަން އިސްލާހުކުރުމަށް ފިލްމު އުފެއްދި ފަރާތްތަކަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އެ މުއްދަތުގައި އަމަލުނުކޮށްފިނަމަ، ހައިކޯޓަށް މައްސަލަ ހުށަހަޅައި ފިލްމު ދެއްކުން ހުއްޓުވުމުގެ އަމުރަކަށް އެދުމުގެ އިތުރުން، މަދަނީ އަދި ޖިނާއީ ދައުވާ ކުރާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
މި މައްސަލައާ ގުޅިގެން ބަތަލާ ކާޖަލް އަގަރްވާލް ބުނެފައި ވަނީ، ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުންތަކެއް ހުރި ކަމަށާއި، މިއީ އިންޑިއާގެ ހަގީގީ ހާލަތު ކަމަށެވެ.
މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ މި ހަފްތާގެ ބުދަ ދުވަހަށެވެ. ނަމަވެސް ފިލްމަށް ކުރިމަތިވެފައިވާ ގާނޫނީ މައްސަލަތަކާ އެކު ފިލްމު ސިނަމާތަކަށް ގެންނަ ތާރީހަށް ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.