ކުޅުދުއްފުށީ އެލްޖީއޭ ބްރާންޗުން ޚިދުމަތްތައް ހުއްޓާލީ ހުއްދަ ނުހޯދައި، އަލުން ފަށަން އަންގައިފިން: ނިމާލް

އެލްޖީއޭގެ ބައްދަލުވުމެއްގައި އެ އޮތޯރިޓީގެ ސީއީއޯ ނިމާލް: ވިދާޅުވީ ކުޅުދުއްފުށީގެ ބްރާންޗުން ދޭ ޓްރާންސްޕޯޓް ޚިދުމަތް ފަށަން އަލުން އަންގައިފައިވާ ކަމަށް --- ފޮޓޯ/ އެލްޖީއޭ

ކުޅުދުއްފުށި ސިޓީގައި ދެމުން ދިޔަ ޓްރާންސްޕޯޓުގެ ޚިދުމަތްތައް މިދިޔަ ބުދަ ދުވަހުން ފެށިގެން ހުއްޓާލިކަން ލޯކަލް ގަވަމަންްޓް އޮތޯރިޓީ (އެލްޖީއޭ)ގެ އެ ރަށު ބްރާންޗުން އެންގީ ހުއްދަ ނުހޯދައި ކަމަށާއި، ކުރިޔެކޭވެސް އެއްގޮތަށް ހުރިހާ ޚިދުމަތްތަކެއް ދިނުމަށް މިހާރު އަންގައިފައިވާ ކަމަށް، އެ އިދާރާގެ ސީއީއޯ މުޙައްމަދު ނިމާލް މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފުތާގައި އެލްޖީއޭގެ ކުޅުދުއްފުށީ ބްރާންޗުން ވަނީ، ލާމަރުކަޒީ ގާނޫނަށް އައި ބަދަލުތަކާ ގުޅިގެން، އެ ބްރާންޗުން ދެމުން ގެންދިޔަ ޓްރާންސްޕޯޓުގެ ޚިދުމަތްތައް ބުދަ ދުވަހުން ފެށިގެން ހުއްޓާލިކަން އަންގައިފައެވެ.

ކުޅުދުއްފުށީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ޢަބްދުالله 'ސަން'އަށް އިއްޔެ ވިދާޅުވީ، އެލްޖީއޭގެ އެ އެންގުމާއެކު، އެ ސިޓީން ދެމުން ދިޔަ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ހުއްޓިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ނިމާލް ވިދާޅުވީ، ކުޅުދުއްފުށީގެ ބްރާންޗަށް އެފަދަ އިއުލާނެއް ނުނެރެވޭނެ ކަމަށާއި، އެ ބްރާންޗުން ޚިދުމަތް ހުއްޓާލިކަން އެނގުނީ އިއުލާން ނެރުނު ފަހުން ކަމަށެވެ.

"މި ބަންދުގައި އޮފީސް ހުޅުވެންވާއިރަށް ޚިދުމަތް ކުރިޔެކޭވެސް އެއްގޮތަށް ދޭން ވާނީ އެލްޖީއޭގެ ހުރިހާ ބްރާންޗްތަކަކަށް އަންގައިފައި،" ނިމާލް ވިދާޅުވިއެވެ.

ރައްޔިތުންނަށް ދޭ ޚިދުމަތްތައް ހުއްޓާލަން އެއް އިރެއްގައިވެސް އަންގަވައިފައި ނޯންނާނެ ކަމަށާއި، ޚިދުމަތްތަކުން ރައްޔިތުން މަހްރޫމުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ނިމާލް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެލްޖީއޭއިން މަަސައްކަތްކުރަނީ އަބަދުވެސް ޚިދުމަތްތައް ރަނގަޅުކުރެވޭތޯއެވެ.

ޚިދުމަތްތައް ހުއްޓާލަން ނުވަތަ މެދުކަނޑާލަން ޖެހިއްޖެ ހާލަތެއްގައި އެކަން ބްރާންޗްތަކަށް ލިޔުމުން އަންގާނެ ކަމަށް، ނިމާލް ވިދާޅުވިއެވެ.

"[ކުޅުދުއްފުށީގައި ދޭ ޓްރާންސްޕޯޓް] ޚިދުމަތް ހުއްޓާލީ އަޅުގަނޑާއި ނޫނީ އެލްޖީއޭގެ ކަމާބެހޭ އެއްވެސް ފަރާތަކާ ވާހަކަ ދައްކައިގެނެއް ނޫން،" ނިމާލް ވިދާޅުވިއެވެ.

އެހެންކަމުން، ޚިދުމަތްތައް އަލުން ފަށަން ކުޅުދުއްފުށީގެ ބްރާންޗަށް މިހާރު އަންގަވައިފައިވާ ކަމަށް ނިމާލް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުނުވާނެ ފަދަ ގޮތަކަށް އެލްޖީއޭއިން މަސައްކަތްކުރާނެ ކަމުގައި ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ދެމުންގެންދިޔަ ޓްރާންސްޕޯޓާއި ލައިސަންސް ދޫކުރުމުގެ ޚިދުމަތްތައް އެލްޖީއޭގެ ބްރާންޗުން ހުއްޓާލާފައިވަނީ މައި އިދާރާގެ ހުއްދައެއް އަދި މަޝްވަރާއެއް ނެތިއެވެ. މިކަމާ ގުޅިގެން އެ އޮތޯރިޓީގެ ސީއީއޯ މުޙައްމަދު ނިމާލް ވަނީ، ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް މެދުކަނޑާލަންޖެހޭނީ ސީދާ ލިޔުމުން ހުއްދަ ހޯދައިގެންކަން އަންގަވައިފައެވެ. އަދި އޮފީސްތައް ހުޅުވެންވާއިރަށް، ކުރިއެކޭވެސް އެއްގޮތަށް ހުރިހާ ޚިދުމަތެއް އަލުން ފެށުމަށް މިހާރު ވަނީ އަމުރުކުރައްވައިފައެވެ. މީގެ އިތުރުން ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަންވެސް ވަނީ ދެއްވައިފައެވެ.

  • ކުޅުދުއްފުށީ ބްރާންޗުން ޚިދުމަތްތައް ހުއްޓާލީ ސީއީއޯ ނުވަތަ މައި އިދާރާއާ މަޝްވަރާކުރުމަކާ ނުލައެވެ.
  • އޮފީސް ހުޅުވެންވާއިރަށް ހުރިހާ ޚިދުމަތްތަކެއް އަލުން ފެށުމަށް ވަނީ އަންގައިފައެވެ.
  • ރައްޔިތުންނަށް ދޭ ޚިދުމަތްތަކުން މަހްރޫމުކުރުމަކީ އެލްޖީއޭގެ ސިޔާސަތެއް ނޫންކަން ކަށަވަރުކޮށްދިނެވެ.
  • ޚިދުމަތެއް މެދުކަނޑާލަން ޖެހިއްޖެ ހާލަތެއްގައި އެކަން ލިޔުމުން އެންގުމަށް ވަނީ ކަނޑައަޅައިފައެވެ.
  • ޚިދުމަތްތައް މެދުކަނޑާލުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ކަށަވަރުކުރުން.
  • ބްރާންޗުތަކާއި މައި އިދާރާއާ ދެމެދު މުއާމަލާތްކުރުން ހަރުދަނާކުރުން.
  • ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  • ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށް ފިޔަވަޅު އެޅުން.
comment ކޮމެންޓް