އެމެރިކާއާއި އީރާނާ ދެމެދު ސީދާ ގޮތެއްގައި ކުރިއަށްގެންދާ މަޝްވަރާތައް ސްވިޓްޒަލޭންޑުގެ ބާގަންސްޓޮކްގައި ފަށައިފިއެވެ.
މި މަޝްވަރާތައް ފަށާފައިވަނީ، އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް މުހިންމު ހޮރުމުޒް ކަނޑުއޮޅި އަލުން ބަންދުކޮށްފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ މި ދައުވާ ދޮގުކޮށް، ކަނޑުއޮޅިން އާންމު ގޮތެއްގައި އުޅަނދުފަހަރު ދަތުރުކުރަމުންދާ ކަމަށް ބުނެފައެވެ. އީރާނުން ބުނާ ގޮތުގައި ކަނޑުއޮޅި ބަންދުކުރަން ޖެހުނީ، އެމެރިކާއާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ލުބުނާނަށް ދެމުންދާ މަރުގެ ހަމަލާތަކުގެ ސަބަބުންނެވެ. މި ހަމަލާތަކަކީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދެ ގައުމުގެ ދެމެދުގައި ވެފައިވާ ފަހުމުނާމާއާ ކަނޑައެޅިގެން ޚިލާފުވުމެއް ކަމަށް އީރާނުން ވަނީ ސިފަކޮށްފައެވެ.
ހޮރުމުޒް ކަނޑުއޮޅި ބަންދުކުރިކަމަށް އީރާނުގެ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްއިން ބުނި ނަމަވެސް، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ތަރުޖަމާނު ޓިމް ހޯކިންސް ވިދާޅުވި ގޮތުގައި އުޅަނދުފަހަރުގެ ދަތުރުތަކަށް އެއްވެސް ހުރަހެއް ނެތެވެ. އަދި ހޮރުމުޒް ކަނޑުއޮޅި ކޮންޓްރޯލްކުރަނީ އީރާނުން ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސެންޓްކޮމްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހޮނިހިރު ދުވަހު އެކަނިވެސް 55 ވިޔަފާރި އުޅަނދު ވަނީ 17 މިލިއަނަށްވުރެ ގިނަ ފީފާގެ ތެޔޮ ހިފައިގެން އެ ކަނޑުއޮޅި ހުރަސްކޮށްފައެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގާތްގަޑަކަށް ފަސް ތެޔޮ ޓޭންކަރެއް ހޮނިހިރު ދުވަހު އެ ސަރަހައްދު ހުރަސްކޮށްފައިވާއިރު، ބައެއް އުޅަނދުތައް ވަނީ އަނބުރާ ގޮސްފައެވެ.

މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވާ މުޙައްމަދު ބާގިރު ގާލިބާފު. ފޮޓޯ/ގެޓީ
އެމެރިކާގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަންގެ އަންދާޒާތައް ދައްކާ ގޮތުން، 2025 ވަނަ އަހަރު ދުވާލެއްގެ މައްޗަށް 20 މިލިއަން ފީފާގެ ތެޔޮ މި ކަނޑުއޮޅިން ހުރަސްކޮށްފައިވެއެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާއިރު ގާތްގަނޑަކަށް 600 ބިލިއަން ޑޮލަރުގެ ހަކަތައިގެ ވިޔަފާރިއެވެ.
އީރާނުން ކަނޑުއޮޅި ބަންދުކުރިކަމަށް އިއުލާނުކުރީ، ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ 14 ނުކުތާގެ މައްޗަށް އެކުލެވޭ ފަހުމުނާމާގެ ފުރަތަމަ މާއްދާއަށް އެމެރިކާއިން އަމަލުކޮށްފައި ނުވާކަމަށް ބުނެއެވެ. މި މާއްދާގައި ވަނީ ލުބުނާން ހިމެނޭ ގޮތަށް ހުރިހާ މައިދާނެއްގައިވެސް އަސްކަރީ ހަރަކާތްތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް އެއްބަސްވެފައެވެ.
ސުވިޒަލޭންޑުގައި ފެށި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވަނީ ހޮނިހިރު ދުވަހުގެ ރޭ ވޮޝިންޓަނުން ފުރާވަޑައިގެންފައެވެ. އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް އަދި ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ހިމެނިވަޑައިގަންނަވާ ވަފުދެއް މިހާރު ވަނީ ސްވިޓްޒަލޭންޑަށް ވަޑައިގަންނަވާފައެވެ.
ޕާކިސްތާނާއި ޤަތަރު މެދުވެރިއެއްގެ ދައުރު އަދާކުރާ މި މަޝްވަރާތަކުގެ ފެށުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ އޮފީހުން ވަނީ ބުނެފައެވެ.
ވެންސް ވިދާޅުވި ގޮތުގައި މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ނިއުކްލިއާ މައްސަލައާއި ލުބުނާނުގައި ހަމަލާތައް މެދުކަނޑާލުމުގެ މައްސަލައިގައި ކުރިއެރުންތަކެއް ހޯދުމެވެ. މީގެ ކުރިން އެމެރިކާއާއި އީރާނުގެ ރައީސުން ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަމާޒުކޮށްގެން ފުރަތަމަ މަރުހަލާގެ އެއްބަސްވުމެއްގައި ޑިޖިޓަލްކޮށް ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ފަހުގެ އެއްބަސްވުމަކާ ހަމައަށް ދިއުމަށް އިތުރު މަޝްވަރާތައް ކުރުމަށް ވަނީ ކަނޑައަޅާފައެވެ. އަދި އީރާނުގެ އިގުތިސާދު އާރާސްތުކުރުމަށް 300 ބިލިއަން ޑޮލަރުގެ ޕްލޭނެއް އެކުލަވާލުމާއި، 30 ދުވަހުގެ ތެރޭގައި ކަނޑުމަގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުންވެސް މި ފަހުމުނާމާގައި ހިމެނެއެވެ.
މި މަޝްވަރާތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކެވެ. ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި މަދުވެގެން 47 މީހުން ވަނީ މަރުވެފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ހިޒްބުﷲ އާ ގުޅުންހުރި 80 އަމާޒަކަށް ހަމަލާދީ، އެ ޖަމާއަތުގެ ގިނަ ބަޔަކު ވަނީ މަރާލާފައެވެ. އަދި އިސްރާއީލުގެ ހަތަރު ސިފައިން މަރުވެފައިވާ ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.

އިސްރާއީލުން އިއްޔެ ލުބުނާނަށް ދިން ހަމަލާއެއްގައި އިމާރާތެއް ސުންނާފަތިވެފައި. އީރާނާއި އެމެރިކާގެ މަޝްވަރާތަކަށް އޮތް އެންމެ ބޮުޑު ހުރަހަކީ އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް. ފޮޓޯ.އޭއެފްޕީ
މާޗް މަހުގެ 2 ވަނަ ދުވަހު އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު އަލުން ފެށުނު ހަމަނުޖެހުންތަކުގައި މިހާތަނަށް 4،057 މީހުން މަރުވެފައިވާ ކަމަށް ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ރިޕޯޓުކޮށްފައިވެއެވެ. ހިޒްބުﷲ އިން ތުހުމަތުކުރާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކަކީ އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުން ނާކާމިޔާބުކޮށްލުމަށް ކުރަމުންދާ މަސައްކަތެކެވެ. އެމެރިކާ ސަރުކާރުން ވަނީ ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކަށް ފާޑުކިޔާފައެވެ. އެމެރިކާގެ ނައިބު ރައީސް ވެންސް ވިދާޅުވި ގޮތުގައި، އިސްރާއީލާއި ލުބުނާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތްކުރަން ޖެހޭނެއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވި ގޮތުގައި، އީރާނުން އެއްބަސްވުމަށް އަމަލުކުރާނީ އަނެއް ފަރާތުން އެމީހުންގެ ޒިންމާތައް އަދާކުރުމުންނެވެ. އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ، އެއީ އެމެރިކާއިން އެއްބަސްވުމާ ޚިލާފުވުން ކަމުގައި ބަލާނެ ކަމަށް ވިދާޅުވެ ބަގާއީ ވަނީ އިންޒާރުދެއްވާފައެވެ.
ސްވިޓްޒަލޭންޑުގައި ފަށާފައިވާ މި މަޝްވަރާތަކުގައި، ލުބުނާނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުއްލި ބައްދަލުވުމެއް އެޖެންޑާގައި ހިމަނާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި މަޝްވަރާތަކުގެ ނަތީޖާއަކީ މުޅި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް އެމެރިކާގެ ނައިބު ރައީސް ވެންސް ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްދާހާ ހިނދަކު، މި އެއްބަސްވުން ތަންފީޒުކުރުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެއެވެ. މިހާރު އޮތް އެންމެ ބޮޑު ސުވާލަކީ، ސްވިޓްޒަލޭންޑުގައި ކުރިއަށްދާ ޓެކްނިކަލް މަޝްވަރާތަކުން، ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ބޭނުންވާ އަމަލީ ފިޔަވަޅުތަކެއް އެޅިދާނެތޯއެވެ.