ހޮލީވުޑްގެ މަޝްހޫރު ތަރި އެންޖެލީނާ ޖޯލީއާ އެކު އާ މަޝްރޫއެއްގައި މަސައްކަތްކުރާނެކަން އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ކަށަވަރުކޮށްދީފިއެވެ.
'ފޯޗޫން އިންޑިއާ'އަށް ދިން އިންޓަވިއުއެއްގައި ކުރިއަށްހުރި އާ ފިލްމީ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނީ، އެންޖެލީނާއާ އެކު މަސައްކަތް ކުރާނެކަން ކަށަވަރުކޮށްދިން ނަމަވެސް އެ މަޝްރޫއާ ގުޅޭ އިތުރު ތަފްސީލު އަދި ދެވެން ނެތް ކަމަށެވެ.
އެހެންކަމުން އެއީ ފިލްމެއް ކަމެއް، އިޝްތިހާރެއް ކަމެއް ނުވަތަ ހިލޭ ސާބަހަށް އާއްމުންނަށް އެހީތެރިވުމުގެ ގޮތުން ހިންގާ ކެމްޕޭންގެ މަސައްކަތެއްކަމެއް ސާފެއް ނުވެއެވެ.
މި އިންޓަވިއުގައި ވާހަކަ ދައްކަމުން ހޮލީވުޑްގެ ފިލްމުތަކުގައި ވެސް މަސައްކަތްކުރާ ބަތަލާ ބުނީ، އެންޖެލީނާގެ އިތުރުން ހޮލީވުޑްގެ ކުޅަދާނަ ބަތަލާއިން ކަމަށްވާ ސަލްމާ ހަޔެކް އަދި ޕެނެލޮޕީ ކްރޫޒް އަކީ ނަމޫނާއަކަށް ބަލާ ތަރިން ކަމަށެވެ.

އަންނަ އަހަރު ރިލީޒްކުރާ އިންޑިއާ ފިލްމު "ވަރާނަސީ"ގެ މަންޒަރެއްގައި ބަތަލާ ޕްރިޔަންކާ ޗޯޕްރާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ޕްރިޔަންކާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު އެސްއެސް ރާޖާމޮލީ އުފައްދާ ފިލްމު "ވަރާނަސީ"އިންނެވެ. މި ފިލްމަކީ ހަތް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ޕްރިޔަންކާ މަސައްކަތްކުރާ ފުރަތަމަ އިންޑިއާ ފިލްމެވެ.
ބޮޑު ބަޖެޓަކުން އުފައްދާ މި އެކްޝަން-އެޑްވެންޗާ ފިލްމުން ޕްރިޔަންކާގެ އިތުރުން ދެކުނު އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ، ޕްރިތުވީރާޖް ސުކުމަރަން އަދި މަހޭޝް ބާބޫ މުހިއްމު ރޯލްތަކުން ފެންނާނެއެވެ.
އަންނަ އަހަރުގެ އޭޕްރިލް މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ މި ފިލްމަކީ 2027ގައި ރިލީޒްކުރާ ފިލްމުތަކުގެތެރެއިން ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ފިލްމެވެ.
ޕްރިޔަންކާގެ ކުރިއަށްހުރި ހޮލީވުޑް ފިލްމުތަކުގެތެރޭ، އެކްޓަރު އޮލަންޑޯ ބްލޫމްއާ އެކު ކުޅޭ ފިލްމެއްގެ އިތުރުން މީރާ ނައިރްގެ ބަޔޮގްރަފިކަލް ޑްރާމާ "އަމްރީ" ހިމެނެއެވެ.