މަޝްހޫރު މެސެޖިން އެޕްލިކޭޝަން، ވަޓްސްއެޕް ބޭނުންކުރާ އެންޑްރޮއިޑް ފޯނުތަކުގައި ޗެޓް ބެކަޕްތައް މެނޭޖްކުރަން ޚާއްސަ ސެކްޝަނެއް ހިމަނައިގެން، ބެކަޕްތައް ފަސޭހައިން ބެލެހެއްޓޭނެ އައު ފީޗާއެއް އެޕްގެ ތެރޭގައި ޓެސްޓްކުރަން ފަށައިފިއެވެ.
މި ފީޗާގެ އެހީގައި ފޯނުގެ ސްޓޯރޭޖް ފުރެމުންދާނަމަ ކުރީގެ ބެކަޕްތައް ވަކިވަކިން ބަލައި، ފޮހެލައި ނުވަތަ ޑުޕްލިކޭޓް ހެދުމުގެ ފުރުޞަތު ޔޫޒަރުންނަށް ލިބިގެންދާނެއެވެ. ހަމައެއާއެކު، ގޫގުލް ޑްރައިވްގެ ސްޓޯރޭޖް މެނޭޖްކުރުމަށް ބޭނުންވާ ޝޯޓްކަޓްތައްވެސް މި ސެކްޝަނުގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި އައު ބަދަލުތަކަށް އެހީތެރިވުމުގެ ގޮތުން ގޫގުލް އިންވެސް ދަނީ އެންޑްރޮއިޑް ސިސްޓަމް ސެޓިންގްސްގެ ތެރެއަށް ވަޓްސްއެޕް ބެކަޕް ކޮންޓްރޯލްތައް އެއްކޮށްލުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގޫގުލް ޕްލޭ ސާވިސަސްގެ އައު އަޕްޑޭޓާއެކު، އެޕްގެ ތެރެއަށް ނުވަދެ ސީދާ ފޯނުގެ ސެޓިންގްސްއިންވެސް ބެކަޕްތައް ބަލަހައްޓައި މެނޭޖްކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.
ބެކަޕް ފީޗާގެ އިތުރުން، ކޮންޓެކްޓްތައް އޮންލައިންގައި ތިބިތޯ ބަލައިލެވޭނެ އަވަސް ގޮތްތަކެއްވެސް ވަޓްސްއެޕުން ދަނީ ޓެސްޓްކުރަމުންނެވެ.
މި ބަދަލާއެކު މީހަކު އޮންލައިންގައި ހުރިކަން އެނގުމަށްޓަކައި ޗެޓް ހުޅުވަން ނުޖެހި، އެމީހެއްގެ ޕްރޮފައިލް ފޮޓޯއިން ސީދާ ފެންނަން ހުންނާނެއެވެ.
އަލަށް ތައާރަފްކުރަން އުޅޭ މި އޮންލައިން އިންޑިކޭޓަރަކީ ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ އެޕްތަކުގައިވެސް ބޭނުންކުރާ ފަދަ ފެހި ކުލައިގެ ތިއްކެކެވެ. މީގެ ސަބަބުން މިހާރު ޗެޓްގެ މަތީގައި އަރާ "އޮންލައިން" މި ލަފުޒުގެ ބަދަލުގައި، ކޮންޓެކްޓް ލިސްޓުން ނުވަތަ ޗެޓް އިންފޯއިން ފެހި ތިިއްކަށް ބަލައިލުމުން އެމީހަކު އެވަގުތު އެޕް ބޭނުންކުރަމުންދާކަން އެނގޭނެއެވެ. ނަމަވެސް، ޕްރައިވެސީ ސެޓިންގްސް މެދުވެރިކޮށް މި ފެހި ތިިކި އެހެން މީހުންނަށް ނުފެންނަ ގޮތް ހެދުމުގެ އިޚްތިޔާރުވެސް ލިބިގެންދާނެއެވެ.
މި ބަދަލަކީ ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް އެޕްލިކޭޝަންގެ ތެރެއިން ލިބޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ސްޓޯރޭޖްގެ މައްސަލަތަކަށް ލުޔެއް ހޯދައިދިނުމަށް އެޕްލިކޭޝަންގެ މައި ކުންފުނި ކަމަށްވާ މެޓާ އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެންނަ ބަދަލެކެވެ.
މީގެ ކުރިން ވަޓްސްއެޕްގެ ބެކަޕްތައް އޮޓޮމެޓިކުން ގޫގުލް ޑްރައިވްގައި ސޭވްވަމުންދިޔަ ނަމަވެސް، ބެކަޕްތައް ވަކިވަކިން މެނޭޖްކުރުމުގެ ފުރުޞަތު އެޕްގެ ތެރެއިން ސީދާ ލިބިފައެއް ނުވެއެވެ. ނަމަވެސް، ދާދިފަހުން ގޫގުލް އިން ވަޓްސްއެޕް ބެކަޕްތަކަށް ހިލޭ ދެމުންދިޔަ އަންލިމިޓެޑް ސްޓޯރޭޖްގެ ޚިދުމަތް ހުއްޓާލައި، ގޫގުލް އެކައުންޓުން ލިބޭ 15 ޖީބީގެ ހިލޭ ސްޓޯރޭޖްގެ ތެރޭގައި ވަޓްސްއެޕް ބެކަޕްތައްވެސް ހިމަނަން ފެށުމާއެކު، ގިނަ ބައެއްގެ ސްޓޯރޭޖް ފުރިގެން ދަތިތަކާ ކުރިމަތިވިއެވެ. އެހެންކަމުން، އަލަށް މި ތައާރަފްކުރާ ފީޗާގެ ސަބަބުން ބޭނުންނެތް ބެކަޕްތައް ފޮހެލައިގެން ފޯނާއި ކްލައުޑް ސްޓޯރޭޖް ހުސްކުރުމުގެ ފުރިހަމަ ބާރު ޔޫޒަރުންނަށް ލިބިގެންދާނެއެވެ.