އަހަރުތަކެއް ފަހުން މަހޭޝްގެ ބެލުމުގެ ދަށުން ގެނެސްދޭ ފިލްމެއް އިއުލާނުކޮށްފި

"ނާމް - ޓު ލިވް އިޒް ވޯ"ގެ ބައެއް ތަރިން ފިލްމުގެ ޕްރޮޑިއުސަރުންނާ އެކު-- ފޮޓޯ/ޓެލެގްރާފްއިންޑިއާ

ވަރަށް ރީތި ފިލްމުތަކެއް އުފައްދާފައިވާ ކާމިޔާބު ފިލްމު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު މަހޭޝް ބަޓްގެ އިރުޝާދާ އެއްގޮތަށް ގެނެސްދޭން ނިންމާފައިވާ ފިލްމެއް އިއުލާނުކޮށްފިއެވެ.

ސިދާންތު ސަޗްދޭވް، ސުހްރީތާ ދާސް އަދި ޝްވޭތާ ބޯތުރާ ޕްރޮޑަކްޝަން ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ މި ފިލްމުގެ ނަމަކީ "ނާމް - ޓު ލިވް އިޒް ވޯ"އެވެ.

ލޯބީގެ ރަހަތަކާ އެކު އުފައްދާ މި ވަރުގަދަ އެކްޝަން ތުރިލާގެ ލީޑް ތަރިންނަކީ މިދިޔަ އަހަރު ގެނެސްދިން ފިލްމު "ސްކައި ފޯސް"އިން ފިލްމީ ދާއިރާއަށް ތައާރަފްވި ވީރް ޕަހަރިއާ އާއި ވަރޫން ޝަރުމާއެވެ.

މި ފިލްމުގެ އެކްޓަރުންނަކީ ކޮބައިކަން އިއުލާނުކުރި ނަމަވެސް ފިލްމުގައި ބަތަލާގެ ރޯލަށް ގެންނާނީ ކޮން ފަންނާނެއްކަން ހާމައެއް ނުކުރެއެވެ.

މަހޭޝްގެ ހާއްސަ ބެލުމުގެ ދަށުން ސްކްރީންޕްލޭ ތައްޔާރުކުރާ "ނާމް"ގެ ނަން މަހޭޝްގެ 1986 ވަނަ އަހަރުގެ ކާމިޔާބު ފިލްމު "ނާމް"އަށް ނިސްބަތްވީ ނަމަވެސް، މިއީ އެ ފިލްމުގެ ރީމޭކެއް ނޫންކަން އުފެއްދުންތެރިން ވަނީ ސާފުކޮށްދީފައެވެ.

ވީރް ޕަހަރިޔާގެ ކެރިއަރުގެ ފުރަތަމަ ފިލްމު "ސްކައި ފޯސް"ގެ ޕޯސްޓަރެއް. މަހޭޝް ބަޓްއާ އެކު ވީރް މަސައްކަތްކުރާ ފިލްމު "ނާމް" އަކީ އެކްޓަރުގެ ކެރިއަރުގެ ދެވަނަ ފިލްމު-- ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ފިލްމުގެ ވާހަކަ އަދި ސިއްރުކޮށްފައި އޮތް ނަމަވެސް، ވީރް ޕަހާރިއާ ފެންނާނީ "އެންގްރީ ޔަންގް މޭން"އެއްގެ ގޮތުގައި ކަމަށާއި، ވަރޫން ޝަރުމާ ފެންނާނީ ވިލަންގެ ރޯލުން ކަމަށް އުފެއްދުންތެރިން ބުނެއެވެ.

މި ފިލްމުގެ ކާސްޓުންނާ ގުޅޭގޮތުން މަހޭޝް ބުނީ، މި ޒަމާނުގެ ތަރިންނަކީ ފިލްމީ ދާއިރާގެ މައުލޫމާތު މާބޮޑަށް ވެސް ދަންނަ މުއްސަނދި ބައެއް ކަމަށާއި، އެމީހުންގެ މަސައްކަތުގެ ޖޯޝާއި ފޯރި ރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ ވަރަށް ތަފާތު ފިލްމުތަކެއް ސިނަމާއަށް ގެނެސްދެވިދާނެ ކަމަށެވެ.

ފިލްމު "ނާމް"ގެ ޑައިރެކްޓަރު ސިދާންތު ސަޗްދޭވް އަކީ މީގެ ކުރިން "އާޝިގީ 2"، "އޭކް ވިލަން" އަދި "ހަމާރީ އަދޫރީ ކަހާނީ" ފަދަ ފިލްމުތަކުގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށް، މަހޭޝް ބަޓް އާއި މޯހިތު ސޫރީއާ އެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ފަންނާނެކެވެ.

މަހޭޝް ބަޓްގެ އިރުޝާދުގެ ދަށުން އުފައްދާ އެކްޝަން އަދި ލޯބީގެ ތުރިލާ ފިލްމު "ނާމް - ޓު ލިވް އިޒް ވޯ" އިއުލާނުކޮށްފައިވާއިރު، މި ފިލްމުގެ ލީޑް ތަރިންނަކީ ވީރް ޕަހަރިއާ އާއި ވަރޫން ޝަރުމާއެވެ. މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކުރަނީ މަހޭޝް ބަޓްގެ ހާއްސަ ބެލުމުގެ ދަށުންނެވެ. މިއީ އޭނާގެ ކުރީގެ ކާމިޔާބު ފިލްމު "ނާމް"ގެ ރީމޭކެއް ނޫންކަން އުފެއްދުންތެރިން ވަނީ ކަށަވަރުކޮށްދީފައެވެ. މި ފިލްމު ޑައިރެކްޓުކުރަނީ ކުރިން ކާމިޔާބު ފިލްމުތަކެއްގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ސިދާންތު ސަޗްދޭވްއެވެ. ފިލްމުގެ ވާހަކަ ސިއްރުކޮށްފައިވީ ނަމަވެސް، ވީރް ޕަހަރިއާ ފެންނާނީ ރުޅިގަދަ ޒުވާނެއްގެ ގޮތުގައި ކަމަށާއި، ވަރޫން ޝަރުމާ ފެންނާނީ ނުބައިބައި މީހެއްގެ ރޯލުންކަން ވަނީ ހާމަކޮށްފައެވެ. ފިލްމުގެ ބަތަލާ އަދި އިއުލާނެއް ނުކުރެއެވެ.

  • މަހޭޝް ބަޓްގެ ބެލުމުގެ ދަށުން އުފައްދާ އާ ފިލްމަކީ "ނާމް - ޓު ލިވް އިޒް ވޯ"އެވެ.
  • ފިލްމުގެ މުހިންމު ރޯލުތައް ކުޅެނީ ވީރް ޕަހަރިއާ އަދި ވަރޫން ޝަރުމާއެވެ.
  • މިއީ 1986 ވަނަ އަހަރު ނެރުނު "ނާމް" ފިލްމުގެ ރީމޭކެއް ނޫންކަން ވަނީ ޔަގީންކޮށްދީފައެވެ.
  • ފިލްމުގެ ޑައިރެކްޓަރަކީ ތަޖުރިބާކާރު އެސިސްޓަންޓް ޑައިރެކްޓަރު ސިދާންތު ސަޗްދޭވްއެވެ.
comment ކޮމެންޓް