"ގިނަފަހަރު އިންސާނުން ހަލާކުވެ ރަހިމުގެ ގުޅުން ކަނަޑާލާ އެއްޗެއްކަމުގައި ފައިސާއާއި މުދާވެރިކަން ހިމެނެއެވެ. އިންސާނުންގެ ސިކުނޑި މަސައްކަތްކުރާގޮތުން ކިތަންމެ ގާތް މީހަކު މަރައިލަން ފަސްނުޖެހޭ މީހުންވެސް ތިބެއެވެ. އީމާންކަން ބަލިކަށިވުމުގެ ސަބަބުންނެވެ. ތަގުވާވެރި ނުވެވުމުންނެވެ. އެހިސާބަށް ދީލައިލަނީ ﷲ ތައާލާ އެންގެވި ގޮތަށް ނޫޅެ ނުބައި ޚިޔާލުތަކާއި ފިކުރުތައް ސިކުނޑިއަށް ތަކުރާރުކޮށް ވައްދާތީއެވެ. އިސްލާމްދީން ދަސްކޮށްދެނީ މައިންބަފައިންނަށް އޯގާތެރިވުމަށެވެ. ރަހިމްގެ ގުޅުން ކަނޑާނުލުމަށެވެ."
***
"ވިސްނާބަލަ ޒިހާމް........." މާރިޔާ ލޯ ހަނިކޮށްލިއެވެ. "އޭނާ މޮޔައަކަސް އޭނާގެ ބައްޕަ ދިން ބޮޑު ހަރުމުދާ އެބަހުރި....ޒިމް އޭނާއާ ކައިވެނިކޮށްގެން އޭނާގެ ނަމުގައި ހުރި ގެއާއި އެހެން ތަންތަން ޒިމްގެ ނަމަށް ބަދަލުކޮށް އެ ބިންތައް ބޮޑު އަގުގައި އިންވެސްޓަރުންނަށް ވިއްކާލެވޭނެ..... އޭރުން ޒިމްގެ ޕްރޮޖެކްޓްވެސް ސަލާމަތްވާނެ..... އޭނާގެ މޮޔަކަމުގެ ފައިދާ ނަގަންވީ. އޭނައަށް ކޯޗެއް އެނގޭނީ؟"
ޒިހާމް ވިސްނައިލިއެވެ. މަންމަގެ ޚިޔާލު ރަގަޅެވެ. އެއާއެކު އެ ނުބައި ރޭވުމަށް އެއްބަސްވުމުގެ ކުލަވަރު މޫނުމަތިން ފާޅުވިއެވެ."އެކަމަކު މަންމާ...މިރަށު ބިމުގެ އަގު އެހާ ބޮޑެއްނުވާނެ. އެއިން އެހާ ފައިދާވާނެ ނުވާނެ...ގިނަވެގެން ދެތިން ލައްކަވަރު ލިބިދާނެ..."
"ސިދްރާ ކުރީ ދުވަހު ސައިބޯން އިނދެ ކިޔައިދިނީ..މާލެއާއި ފްރާންސްއިންވެސް ބައްޕަ ބިންތައް ގަނެފައޭ ހުރީ..."
"ހެލުސިނޭޓްވަނީހެން ހީވަނީ..ޖިޔާދުބެ ކައިވެނިކުރީ ފްރެންޗް އަންހެނަކާއިކަން އެނގޭ، އެކަމަކު އެއީ އެހާ މުއްސަނދިމީހެއްނަމަ ޖިޔާދުބެ ސިދްރާ މިކަހަލަ ރަށްފުށުތަނެއްގައި ބަހައްޓާނެހެން ހިޔެއްނުވޭ..ލާފައި ހުންނަ ފޮޓޯގައިވެސް ހަމަ އާދައިގެ ކޮޓެޖެއްގައި ދިރިއުޅެނީ. ވަޒީފާއެއް ނުލިބިގެން އުޅޭ ވާހަކަވެސް ބުނި...."
"ސިދުރާގެ ދެއްކުންތެރިކަން ނޫނީ..ސިދްރާއަށް ކެތްނުވެގެން ސަޅިބައިސް ކެނޑީ..ކޮންމެގޮތެއްވިޔަސް ސިދްރާއާއި ކައިވެނިކުރީމަ އެޓްލީސްޓް އެ ބޮޑުބިމުން ބަޔެއް ލިބި މަންމަމެންނަށް ގެ ބޮޑުކޮށްލެވޭނެ..ޒިމް އެމިލީވެސް އެއްބަސްކުރުވާ...."
"މަންމަ އަހަރެން ގުރުބާންކުރާ ކަންބަޅިއަކަށް ހަދައިފި...ގުރުބާންވެގެން މަންމަމެންނަށް ހުރިހާ މޮޅުކަމެއް......"ޒިހާމް ހިނިގަނޑެއް ޖަހައިލަމުން ވޭޕް ދަމައިލިއެވެ."އެންމެރަގަޅު މަންމަ ބުނީތީ ތިކަން ކުރަން ވިސްނައިފިން....އެންމެ ކުރިން އެމިލީ އެއްބަސްކުރުވަން ޖެހޭނެ..."
ޒިހާމްއާއި މާރިޔާ އެކަމާއި ބެހޭގޮތުން މަޝްވަރާކުރަންފެށިއެވެ.
***
އަޒުއާ ހައިޓްސްގެ ގޭގެ ބޮޑު ސައިމޭޒުމަތި ވަނީ ތަފާތު ވައްތަރުގެ ކާބޯތަކެތިން ފުރާލާފައެވެ. އަދަލް އާދައިގެ މަތިން ސައިބޯން އިށީނދެގެން އިނީ ވަރަށް މަޑުމަޑުންނެވެ. މޭޒުގެ އަނެއް ފަރާތުގައި ތިބި ޒިހާމްގެ އަންހެން ކޮއްކޮމެން އަދަލްގެ ހަރަކާތްތައް ދެކެން ފޫހިވެފައި ތިއްބެވެ.
"ހާދަ މަޑުން؟ މިއަދު މާ ގިނައިން ފުޓްބޯޅަ ކުޅުނީތަ؟ ނޫނީ ސާފްކުރަން އުޅެފަ ބަނޑުހައިވީލެއް ބޮޑީތަ؟" ހީރާ މަލާމާތުގެ ރާގަކަށް ބުންޏެވެ. "އަބަދު މިގެއިން ކާތީ ހީވަނީ ހަމަ މިގޭ ޕާޓްޓައިމް މެންބަރެއްހެން...ކޮން ދުވަހަކުން ސިދުރާއާއި ކައިވެނިކުރަނީ؟ އެއަޑިު އަރާފައި ކިހިނެއްވީ؟ ސީރިޔަސްކަމެއް ނޫނީ ހަމަ ވާހަކައެއް ހަދައިލީދޯ...."
"މަށަށް ހަމަ ހީވަނީ އެއީ މޭޑް އިން ހެވެން ކަޕްލްއެއްހެން......"އަޒާލީ ބާރަށް ހީގަތެވެ. "އެއްކޮޅުން ރަށުތެރޭގައި ކާންބޯން ނޭނގިގެން އުޅޭ ކަންނެތް ސޮރެއް. އަނެއްކޮޅުން ސިކުނޑީގެ މައްސަލައެއް ހުރެގެން ދުވާލަކު ހަތަރުދަމު ކޮޓަރި ތަޅުލައިގެން މޮޔައެއްހެން އިންނަ ކުއްޖެއް... ހަމަ އެކަކު އަނެކަކާ ސޫޓްވަނީ. ދެމީހުން އިންނައިރު ވެޑިންގް ތީމް އަކަށް ކޮން އެއްޗެއްބާ ރަނގަޅީ؟"
"ތިއީ ތިމާގެ ކުދިންނަށް ވިޔަސް މާލާމާތް ކުރާވަރު ބޮޑު،" މާރިޔާ ދޮރުމައްޗަށް އަރާފައި ބުނެލިއެވެ. "ސިދުރާއަކީ ތިކުދިންގެ ބޮޑުބޭބެ ދަރިއެއް... އޭނާގެ ބައްޕަ ފްރެންޗް ކުއްޖަކާ އިނދެގެން ރާއްޖޭން ބޭރުގައި އުޅުނަސް، ސިދުރާ ބެހެއްޓީ އަހަރެމެންގެ ގާތު...އަންކަލް އިތުބާރުކުރާލެއް ބޮޑުކަމުން...އެހެންވީމަ މަލާމާތްކުރުން ހުއްޓާލާފައި އާއިލީ މެމްބަރެއްކަމަށް ދެކޭ ދުވަސް ޖެހިއްޖެ..."
"އަންކަލް ބޭރުގައި އުޅުނަސް ސިދުރާ މިތާ އުޅެނީ މޮޔައެއްހެންނެއްނު މަންމާ......." ހީރާ ކިޔައިލިއެވެ. "ފްރާންސްގެ ލަކްޒަރީ ދިރިއުޅުން ދޫކޮށްލާފައި މި ރަށު ކުނިގޮނޑަށް އައިސް އެއުޅެނީ ހަމަ ސިކުނޑީގެ އުނިކަމެއް ހުރީމަ. އަދަލްއަށް ލިބޭނީ ހަމަ ސިދުރާ ކަހަލަ ކުއްޖެއް. ދެމީހުން މީހަކާ އިނދެގެން ކައި ބޮއި އުޅެނީ ކޮންތާކުން؟ އަނެއްކާވެސް މިގެއިންތަ؟"
އަދަލް އޭނާގެ ސައިތަށި ބޯލުމަށްފަހު ތެދުވިއެވެ. އޭނާގެ މޫނުމަތިން އެއްވެސް ރުޅިވެރިކަމެއް ނުފެނެއެވެ. ތުންފަތުގައި ވީ ފަނޑު ހިނިތުންވުމެކެވެ. ހަގީގަތުގައި އެވަރަށް ޖެއްސުމާއި މަލާމާތުގެ ބަސްތައް ރައްދުވާއިރު ސިދުރާގެ ހަގީގީ އިލްމުވެރިކަމާއި އަދި އަދަލްގެ އަތުގައި އޮތް މާވަހަރުގެ ޚަބަރު ނޭގެނީއެވެ.
"ހީރާ....އަޒާލީ......،" އަދަލް މަޑުމައިތިރިކަމާއެކު ބުންޏެވެ. "ކައިވެންޏަކީ މާތްﷲ މިންވަރުކުރައްވާ ކަމެއް. އަހަރެމެން ދެމީހުންގެ ކައިވެންޏަށް ތިޔަ ހެދި ޖޯކުތަކަށް ޝުކުރިއްޔާ. އެކަމަކު ހަނދާންކުރާތި، ދުނިޔޭގެ ކަންކަން އެނބުރޭނީ ކޮން ވަގުތަކު ކޮން ގޮތަކަށްކަމެއް އެކަކަށްވެސް ނޭނގޭނެ....އެކަނި ﷲ ދެނެވޮޑިގެންވަނީ......"
އަދިލް ހިނގާފައި ދިޔައިރު ހީރާއާއި އަޒާލީ ފާޑަކަށް އަނގަޔަށް ގޮތެއް ހަދާލައިގެން ބަލަހައްޓައިގެން ތިއްބެވެ. އަދަލްގެ އެ ސާބިތުކަމުން އެމީހުންގެ ހިތްތަކަށް ކުޑަ ސިހުމެއް ލިބުނެވެ.
***
އަޒުއާ ހައިޓްސްއިން ކުރިމަތިވި ޖެއްސުމަށްފަހު އަދިލް ގެއަށް ވަދެގެން އައީ ހިތް ނުތަނަވަސްވެފައި ހުރެއެވެ. އެކަމަކު އޭނަ ހަނދާންކުރީ ހެއްދެވި ފަރާތެވެ. އޭނަ އެހެން މީހުންގެ ރުހުމާއި ލޯތްބަށް ބޭނުންވޭހެއްޔެވެ؟ ﷲތައާލާ ކެތްތެރިންނާއެކު ވޮޑިގެންވޭ ނޫންހެއްޔެެވެ؟ ގޭތެރެއަށް ވަން ވަގުތު ދުވި ތަފާތު ވަހަކުންނާއި ފެނުނު މަންޒަކުން އޭނަގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ.
ކޮޓަރީގެ ކަނެއްގައި ބިންމަތީގައި އިށީނދެގެން އިނދެ އޭނަގެ މަންމަ ސަރަފީނާ އިނީ ކޮންމެވެސް އެއްޗެހިތަކެއް އެންދުމަށް ގެއްލިފައެވެ. މުޅި ކޮޓަރިތެރެ ވަނީ ބޯ ދުމުން ފުރިފައެވެ. އޭނާގެ ކުރިމަތީގައި ތަފާތު ކުލަތަކުގެ ފޮތިކޮޅުތަކަކާއި ކުރެހުންތަކެއް ކުރަހާފައި ހުރި ކަރުދާސްތަކަކާއި ތަވީދުތަކަކާއި އަދި އެސްފީނާ އާއި ސިހުރުން ސަލާމަތްވުމަށް ކަމަށް ބުނެ ހަދާފައި ހުރި އެކި ކަހަލަ ތަކެތި ހުއްޓެވެ.
"މަންމާ ތިއީ އަނެއްކާ ކޮން ކަމެއް؟" އަދަލް ކަންބޮޑުވެފައި ކޮޓަރީގެ ކުޑަދޮރުތައް ހުޅުވައިލީ ދުމުން ސަލާމަތްވުމަށެވެ.
ސަަަރަފީނާ ސިހިފައި އަވަސްއަވަހަށް އެ ތަކެތި ފޮރުވަން އުޅުނެވެ.
"އަދަލް... މިއީ... މިއީ އަދަލްގެ ސަލާމަތަށްޓަކައި މަންމަ ކުރާ ބުރަ މަސައްކަތެއް.."
"ކޮން ކަމަކުން މަންމާ؟ މަންމައަށްވެސް މި ދުމުން ގެއްލުންވާނެ...."
"ނޫނޭ އަދަލް...މިއީ ކޮންމެހެން މަޖުބޫރުން މަންމަ ކުރާކަމެއް. ތިޔަހެން އަދަލް ކަންނެތްވުމާއި ފަންސަވީސް އަހަރުވީއިރުވެސް ހުސްހަށިބަޔަށް ތިޔަ އުޅެނީ ހަމަ ހުރެފަ ކަމަކާއި ނުލައެއް ނޫން. މިއީ މިގޭ ކުދިވެރިންގެ އެސްފީނާ... އެމީހުންގެ މުއްސަނދިކަމުގެ ބާރުގައި މަންމަމެންނަށް ދީފައި ހުރި ދެރައެއް. ކުރިންވެސް މިގެއަށް ފަންޑިތަ ހަދާފައި ހުރިކަމަށް ފަންޑިތަވެރިޔަކު މަންމަ ގާތު ބުނި.. މަންމަ މަސައްކަތް ކުރަނީ މިއިން ސަލާމަތްވާނެ މައިތިރިއެއް...."
އަދަލް މާޔޫސްކަމާއެކީގައި ފުން ނޭވައެއްލިއެވެ. އޭނަ މަންމަގެ ކުރިމަތީގައި ކަކޫ ޖަހައިގެން އިށީނދެ ސަރަފީނާ ދެއަތުގައި ހިފެހައްޓިއެވެ. އޭނައަކީ އަބަދު ފުޓްބޯޅަ ކުޅެ ރާޅާ އަޅާ އުޅޭ ކުއްޖަކަށް ވިޔަސް ޔޫޓިއުބުން ދީނީ ދަރުސްތަކާއި ޢިލްމުވެރިންގެ ވީޑިއޯތައް ވަރަށް ގިނައިން ބަލާ ދީނީ ކަންކަމަށް ލޯބިކުރާ ޒުވާނެކެވެ.
"މަންމާ... ހެޔޮނުވާނެ ތިޔަ ކުރެވެނީ ކިހާ ބޮޑު ފާފައެއްކަން މަންމައަށް އެނގޭތަ؟" އަދަލްގެ އަޑު މަޑުވިޔަސް ސާބިތުކަމެއް ވިއެވެ.
"ކޮން ފާފައެއް؟ އަހަރެން މިކުރަނީ ދަރިފުޅަށް ހެޔޮ އެދިގެން ކުރާ ކަމެއް......."ސަރަފީނާ އަމިއްލަ ނަފުސް ދިފާއުކުރިއެވެ.
"ނޫން މަންމާ......" އަދަލް ވިސްނައިދޭން ފެށިއެވެ. "މިދޭތެރެއިން ޔޫޓިއުބުން ޝައިޚުންގެ ވަރަށް ގިނަ ދަރުސްތައް ބެލިން. އިސްލާމްދީނުގައި ތިޔަފަދަ ކަންކަމަކީ މުޅިން ޙަރާމް ކުރައްވާފައިވާ ކަންކަން. ތަވީދު އެޅުމާއި ސިހުރުގެ އެކި ކަންކަމަށް ބަރޯސާވުމަކީ ޝިރުކު ގެ ތެރެއިންވާ ކަންކަން. މާތްﷲ މެނުވީ އެއްވެސް ފަރާތަކަށް އިންސާނުންނަށް ފައިދާއެއް ނުވަތަ ގެއްލުމެއް ނުދެވޭނެ... މަންމަ ތިޔަ ކުރާ ކަންކަމުން އަހަރެމެންގެ ދިރިއުޅުމަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ.ލިބޭނީ އިތުރު ހަލާކު."
ސަރަފީނާ އަދަލްގެ މޫނަށް ބަލަން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"މަންްމާ......ރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސްފުޅެއްގައި ވަރަށް ސާފުކޮށް އެބައޮތް...." އަދިލް އޭނާގެ ފޯނު ނަގާ ރައްކާކޮށްފައި ހުރި ދަރުހެއްގެ ނޯޓްސްތައް ބަލައިލިއެވެ." ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީސްކުރައްވާފައިވާ ކަމަށް ވަނީ ތަވީދަކުން ފައިދާއެއް ނުވަތަ ރައްކާތެރިކަމެއް ލިބޭނެކަމަށް ގަބޫލުކޮށްގެން އެލުވި މީހާ ހަމަކަށަވަރުން ޝިރުކުކޮށްފިއެވެ. އަދި ހަމަ ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ވަނީ މީސްތަކުންގެ ކަރުގަޔާއި އަތުގައި އަޅާފައި ހުންނަ ތަވީދުތަކާއި އެއްޗެހި ބުރިކޮށް އުކާލަން އަމުރުކުރައްވާފައި......."
"އެކަމަކު... އެކަމަކު މި އެއްޗެހި ހަދާ މީހުން ބުނަނީ މިއީ ރައްކާތެރިކަމެކޭ.ކަލާމްފުޅުގެ އާޔަތްތަކޭ ވަނ.....ީ" ސަރަފީނާ ގެ އަޑު ބަލިކަށިވިއެވެ.
"އެއީ ދޮގު މަންމާ. އެއީ މީހުން އޮޅުވާލަން ދައްކާ ވާހަކަ......." އަދަލް މަންމައަށް ސާބިތުކޮށްދޭން މަސައްކަތްކުރިއެވެ. "ޝޭޚުންގެ ދަރުސްތަކުގައި ކިޔައިދޭގޮތުން ތަވީދުގައި އެމީހުން ލިޔެފައި ހުންނަނީ ޖިންނި ޝައިތާނުންގެ ނަންތަކާއި ސިހުރުގެ ރޭވުންތައް ކަމަށް..... މުސްލިމުން ރައްކާތެރިކަން ހޯދަންޖެހޭނީ ހަމައެކަނި ﷲ ގެ ހަޟުރަތުން. ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީސް ކުރެއްވި އެހެން ޙަދީޘެއްގައި ވަނީ މީހަކު އެއްޗެއްގައި ހިފައިފިނަމަ އޭގެ މާނައަކީ ކަމެއް މާތްﷲ ނޫން ފަރާތަކަށް ވަކީލުކޮށްފިނަމަ އެމީހަކު އެ އެއްޗަކަށް ދޫކޮށްލެވޭނެއޭ. މަންމަ ބޭނުންވަނީ އަހަރެން ﷲ ގެ ހިމާޔަތުން ބޭރުވެ މި ބާ ފޮތިކޮޅުތަކުގެ ހިމާޔަތަށް ދޫކޮށްލަންތަ؟"
ސަރަފީނާ ދެލޯ ބޮޑުވެ މޭގައި އަތް އަޅައިލެވުނެވެ. ބިރުން ގޮސް އަތުގައި ހުރި ތަވީދުތަކަށް ބަލައިލަމުން ދުރަށް އެއްލާލައިފިއެވެ.
"މަންމާ.އެސްފީނާއަކީ ހަގީގަތެއް. އެކަމަކު އޭގެ ބޭހަކީ ތަވީދާއި ކަނު އުސޫލުތަކެއް ނޫން...އޭގެ ސައްހަ ބޭހަކީ ކީރިތި ގުރުއާން ކިޔެވުމާއި ހެނދުނާއި ހަވީރުގެ ސުންނަތް ދުޢާތަކާއި ޒިކުރުތައް ކިޔުން. އާޔަތުލް ކުރްސި އާއި ފަލަގު ނާސި ސޫރަތް ކިޔެވުން. ނަމާދު ގާއިމުކުރުން. މަންމަ އަދަލް ދެކެ ލޯބިވަންޏާ ތިޔަ ހުރިހާ އެއްޗެއް އުކާލާފައި މާތްﷲ ގެ ހަޟްރަތަށް ދުޢާކުރޭ. އަދަލް ކަންނެތީ އަމިއްލަ ކުށުން އެއީ އެއްވެސް މީހެއްގެ ސިހުރެއް ނޫން. މިހިރީ އިސްލާހު ވާން އެކަމަކު މަންމަވެސް ތިޔަ ބިރުވެރި ބިދުއަތަކާއި ޝިރުކުގެ ކަންކަން ހުއްޓާލަ ދީފާނަންތަ؟ ޕްލީޒް...."
އަދަލްގެ ތޫނު އަދި އަސަރުގަދަ ބަސްތަކުން އަދި އެ ހެކިދެއްކި ރަސޫލާ ސައްލަﷲ އަލައިގެ ހަދީސް ފުޅުތަކުން ސަރަފީނާ ހިތް މުޅިން މަޑުވެ ސިހުންލިބުނެވެ. ދަރިފުޅު ޔޫޓިއުބުން ދަސްކޮށްގެން އެދިން ދީނީ ދަރުސުން އޭނާއަށް ކުރެވެނީ ކިހާ ބޮޑު ކުށެއްކަން ފުރަތަމަ ފަހަރަށް އިހުސާސްވާން ފެށިއެވެ. އޭނާ ދެލޯ ފޮހެލަމުން އަދަލްގެ ކިބައިން މާފަށް އެދުނެވެ.
***
މާލެ ފުރުމުގެ ކުރިން ކަންކަން ސިއްރުކުރުން އަދަލްއަށާއި ސިދުރާއަށް ވަރަށް މުހިއްމުވިއެވެ. ރަށުތެރޭގައި ދެކެވޭ ބޭކާރު ވާހަކަތަކުން ސަލާމަތްވުމަށްޓަކައެވެ. އެ ރޭ ދެމީހުން ކުރިއަށް އޮތް ދަތުރުގެ ރޭވުންތައް ރާވަން ވެގެން އަދަލްގެ ކޮޓަރިއަށް ސިދުރާ ވަނެވެ. ވަދެފައި ވަރަށް ސިއްރުން ދޮރު ލެއްޕި ވަގުތު ފެންޑާ ހުރަސްކޮށްލި ހީރާގެ ލޮލުގައި މި މަންޒަރު އަޅައިގަތެވެ.
ހީރާގެ ދެލޯ ބޮޑުވިއެވެ. އޭނާގެ ހިތުގައި ވަގުތުން ފާޑެއްގެ ހަސަދަވެރިކަމެއް އުފެދުނެވެ. "އޭނ؟ ސީރިޔަސްކޮށް މަގޭ ލޯވެސް މަށަށް ކެހިދިނީތަ؟ ނޫނީ ހަގީގަތެއްތަ؟ އެ މޮޔަގަނޑު އެދިޔައީ އަދަލްގެ ކޮޓަރިއަށް؟ ދޮރުވެސް ތަޅުލައިފި........."
ހީރާ ފިޔަވަޅުތައް އަވަސްކޮށްލަމުން ވަގުތުން ދުވެފައި ގޮސް ދޮރުގައި ކަންފަތް ޖެހިއެވެ. އޭނާ އުޅުނީ އެމީހުން ދައްކާ ސިއްރު ވާހަކައެއް އަޑުއަހާށެވެ.
ނަމަވެސް، ސިދުރާއަކީ އާދަޔާ ހިލާފަށް ސިކުނޑި ތޫނު ކުއްޖެކެވެ. ފިޔަވަޅުގެ މަޑު އަޑުން ދޮރުމަތީގައި މީހަކު ހުރިކަން އެނގުމުން އޭނާ ވަގުތުން އެކްޓިންގް ބަދަލުކޮށްލިއެވެ. ސިދުރާ ބާރަށް ހޭންފެށިއެވެ.
"ހެހެހެ... އަދަލް ފެނޭތަ މިއޮތް ބޮޑު ސިންގާ........ މަގޭ ބޮލަށް ސިންގާއެއް ފުންމައިގެން އަރައިފި....މީތި މަރާލަދީބަލަ... ނަގައިދީބަލަ..."އޭނަ ހަޅޭއްލަވައިގެންފާ ކޮޓަރިތެރޭގައި ދުވަން ފެށިއެވެ.
އަދަލްވެސް ސިދުރާގެ ހުޝިޔާރުކަން ވިސްނި ވަގުތުން އެކްޓިންގައި ބައިވެރިވިއެވެ.
"ސިދުރާ. ނިކުމޭ ކޮޓަރިން.. ދޭ ކޮޓަރިއަށް...މަގޭ ބޯ ގޮއްވާނުލާ...." އޭނަ ފޫހިވެފައި ހުރި ރާގަކަށް ބާރަށް ބުންޏެވެ.
ދޮރުމަތީގައި ހުރި ހީރާ ފޫހިވެގެން މޫނު ހަދައިލިއެވެ.
"ސާބަހޭ މަ ހީކުރީ ކޮންމެވެސް ކަހަލަ ބޮޑު ސިއްރެއް ފަޅާލަން އުޅެނީ ކަމަށް. އެ މޮޔަގަނޑު ހަމަ މޮޔައީ...." ހީރާ ފޫހި ރާގަކަށް ކިޔާލަމުން އެތަނުން ހިނގައިގަތެވެ. ހީރާގެ ފިޔަވަޅުތައް ދުރަށް ދިޔަ އަޑު އިވުމުން ސިދުރާ އާއި އަދަލް އެކަކު އަނެކަކަށް ބަލާލާފައި ހީލިއެވެ.
***
އަދަލްއާއި ސިދްރާ ކައިވެނީގެ ފޯމު މާލޭ ކޯޓަށް ހުށަހެޅުމަށްފަހު ފުރަން ޓިކެޓްނެގިއެވެ. އަދަލްއަށް ސިދުރާއާއި އޭނަގެ ގުޅުމުގެ ދާއިމީ ތަތްގަނޑު ޖެހުނުކަން ގާތްގަނޑަކަށް ޔަގީންވިއެވެ. އެއާއެކު އޭނަގެ ސިއްރު ސިދްރާއަށް ހާމަކުރަން ނިންމިއެވެ.
"ސިދުރާ... އަހަރެންވެސް ސިދުރާއަށް އެއްޗެއް ދައްކަން ބޭނުން......" އަދިލް ސިދުރާ ގޮވައިގެން ގޭގެ ފަހަތުގައި ހުރި ބާ ގުދަނަށް ދިޔައެވެ. އޭނާ ފޮށިތަކުގެ ފުރަގަހުގައި ހުރި ގޯނިން އެ ބޮޑު ތެޔޮ ގާގަނޑު ނެރުނެވެ. "މިއީ އަހަރެން ރާޅާ އަޅަން އުޅެނިކޮށް ގޮނޑުދޮށުން ހޯދި އެއްޗެއް. މިއީ ކޮންކަހަލަ އެއްޗެއްހެން ހީވޭތަ؟"
ސިދުރާ އޭގައި އަތްލިއެވެ. އޭނާއަށް މިއީ ކޮން އެއްޗެއްކަން ވަގުތުން އެނގުނެވެ.
"ސުބުޙާނަﷲ އަދަލް......." ސިދުރާއަށް އަނގަމަތީގައި އަތް އެޅުނެވެ. "މިއީ ހަމައެކަނި ގާގަނޑެއް ނޫން.... މިއީ މާވަހަރެއް........ކަނޑުގެ އެންމެ އަގުބޮޑު ޚަޒާނާ އަދަލް....... މީގެ ބަރުދަނަށް ބަލާއިރު މީގެ އަގު މިލިއަނުން އަރާނެހެން ހީވޭ.....އަލްހަމްދުލިﷲ..އެކަމަކު ޔަގީންކުރުވަންވާނެ ދޯ..."
އަދިލް ހައިރާންވެފައި ބަލަން ހުރީ ޔަގީންނުވެފައެވެ. އޭނައަށް ވެސް އެހެން ހީކުރެވުނެވެ. އެހެން މީހަކު ބުނުމުން ތަފާތުވީއެވެ. ވީއިރު އޭނާ ކަންނެތްވެގެން އުޅުނު ދުވަސްތައް ނިމުމަކަށް އައީއެވެ.
***
މާރިޔާމެން ނުބައި ރޭވުން ރާވަމުން ދަނިކޮށް އަދަލް އާއި ސިދުރާގެ ސިއްރު ޕްލޭން ކުރިއަށް ދިޔައެވެ. އެންމެ ފުރަތަމަ ރަށުން ފުރީ ސިދުރާއެވެ. އެއީ ރަށު މީހުންނަށް ކުޑަކޮށްވެސް ޝައްކު ނުވާނެ ގޮތަކަށެވެ. އޭގެ ދެދުވަސް ފަހުން އަދަލް އޭނާގެ މަންމަ ސަރަފީނާ ގޮވައިގެން ފުރީ މަންމަގެ މެޑިކަލް ޗެކަޕް އަކަށް މާލެދާން ކަމަށް ބުނެއެވެ. އަދަލް އެ ހޯދި ބޮޑު ގާގަނޑު ވެސް ވަރަށް ސިއްރުން ފޮށްޓަކަށްލާފައި ބޯޓަކަށް އެރުވިއެވެ.
މާލެ ގޮސް އަދަލް އެންމެ ފުރަތަމަ ކުރި ކަމަކީ މާވަހަރުގެ މާހިރަކާ ބައްދަލުކުރުމެވެ. އެމީހާ އެ ގާގަނޑު ރަނގަޅަށް ބަލައި ޓެސްޓުކޮށްލުމަށްފަހު އަދަލްގެ މޫނަށް ބަލައިލީ ހައިރާންކަމާއެކުގައެވެ.
"ކޮއްކޯ. މިއީ ހަމަ އަސްލު ހުދަންބަރު މާވަހަރެއް....މީގެ ކޮލިޓީ ވަރަށް މަތި. މީގެ އަގު މަދުވެގެން ދިހަ މިލިއަން ރުފިޔާއަށް އަރާނެ.."
އަދަލްގެ ހިތް އުފަލުން ނަށައިގަތެވެ. ﷲ ތަޢާލާ އެމީހުންގެ ނިކަމެތިކަން ފިއްލަވައި އޭނާގެ ދުޢާ އިޖާބަކުރައްވައިފިއެވެ. އޭނަ ފައިސާވެރިއަކަށް ވެއްޖެއެވެ. ވަގުތުން ހުރިތަނަށް ޝުކުރުގެ ސަޖިދައެއް ޖަހައިލެވުނުގޮތަށް އެތައްފަހަރަކު ހަމްދުކުރިއެވެ.
އަދަލް އާއި ސިދުރާ މާލޭގެ ކޯޓަށް ގޮސް ވަރަށް ސިއްރުން ސާދާ ގޮތަކަށް ކައިވެނިކުރިއެވެ. ސަރަފީނާ އިނީ އުފަލުން ފޮޅިފައެވެ. އެންމެފަހުން އޭނަގެ ދަރިފުޅުވެސް ދިރިއުޅުމުގެ ދަތުރަށް ނުކުމެ ހަޔާތުގެ ބައިވެރިޔަކުވެސް ޚިޔާރުކޮށްފިއެވެ. ސިދްރާ ހުރީ މުޅިން ކަޅުކުލައިގެ ހެދުމުގައި ފޮރުވިގެންނެވެ. މީހަކަށް ފެނުނަސް އެއީ ކާކުކަމެއް ނޭގޭވަރަށް ފޮރުވިގެން ހުރުމުން ސަރަފީނާއަށް ސިފަވީ ކަނޑުގައިވާ ރަންމުތެއްގެ ގޮތުގައެވެ.
ކައިވެންޏަށްފަހު އެމީހުން ކުއްޔަށް ހިފާފައިވާ ގެއަށްގޮސް ސިދްރާ ކަޅުހެދުން ބޭލުމަށްފަހު ކައިވެނީގެ ހުދުހެދުމުގައި ސަރަފީނާއާއި އަދަލްއާއިއެކު ފޮޓޯނެގިއެވެ.
"ނޯޔާއަށްވުރެ ހާސްގުނަ ރީތި..ކޮންމެހެން މީހާގެ ބުރުސޫރައިގެ ރީތިކަމެއް އެކަނިއެއްނޫން ބަލަންވީ. އަޚުލާގާއި ގެވެހިކަން އަދި ދީންވެރިކަމުން ބަލައިލިޔަސް ނޯޔާ އުޅޭނީ ފަހަތުގައި...ނަސީބެއް އެކައިވެނި ނުކުރެވުނުކަން......................."ސަރަފީނާ ހިތާހިތުން ކިޔައިލިއެވެ.
ނުނިމޭ